02 ޖޫން 2021 - 12:22

މިޔުނިކް (2 ޖޫން) - ބަޔާންގެ ސީއީއޯ ކާލް ހެންޒް ރުމޭނިގާ، ރިޓަޔާކުރަން ހަމަޖެއްސި ތާރީހަށް ވުރެ ހަ މަސް ކުރިން ރިޓަޔާ ކުރަން ނިންމައިފި އެވެ.
ބަޔާންގެ ސީއީއޯގެ މަގާމަށް ދެން އަންނާނީ އެ ޓީމުގެ ކުރީގެ ގޯލް ކީޕަރު އޮލިވާ ހާން އެވެ. ބަޔާންގެ ސުޕަވައިޒަރީ ބޯޑުގައި ހާން މިހާރު ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ބަޔާންގެ ސީއީއޯގެ މަގާމަށް ދުނިޔޭގެ ކުރީގެ އެއް ވަނަ ކީޕަރު ތައްޔާރު ކުރުމުގެ ގޮތުން ބަޔާންގެ ބޯޑަށް އޭނާ ހަމަޖެއްސީ 2019 ގަ އެވެ.
"މިދިޔަ 18 މަސް ދުވަސް ތެރޭ ބޯޑުގައި މަސައްކަތްކުރުމުން އަހަންނަށް ވަނީ ބަޔާންގެ ކަންކަން ވަރަށް ރަނގަޅަށް ދެނެގަނެވިފައި،" ހާން، 51 ވިދާޅުވި އެވެ. "ބަޔާންގެ މަސައްކަތްތައް ފެކްޓާއި ޑޭޓާތަކަށް ބަލައގެން ހުރި ގޮންޖެހުންތަކާއި ހުރި ފުރުސަތުތައްވެސް އަހަންނަށް އެނގޭ."
ގޯލްކީޕަރެއްގެ ގޮތުގައި ބަޔާން އަށް ހާން ބަދަލުވީ 1994 ގަ އެވެ. އެ ޓީމާއެކު އޭނާ ވަނީ ބުންޑެސް ލީގާގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދައިފަ އެވެ. އަދި ޖަރުމަން ކަޕް ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ހޯދި އެވެ. ޔޫރޯގެ ޗެމްޕިއަންކަން 1996 ގައި ޖަރުމަނަށް ހޯދައި ދިނުމުގައި ހާން މުހިންމު ދައުރެއް އަދާ ކުރި އެވެ. އަދި އޭނާގެ ކެޕްޓަން ކަމުގެ ދަށުން 2002 ގެ ވޯލްޑް ކަޕްގެ ފައިނަލަށް ޖަރުމަން ގެންގޮސްދިނެވެ.
ބަޔާންގެ ސީއީއޯ ކަމާ ރުމޭނިގާ، 65 ހަވާލުވީ 2002 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ކްލަބުގެ ނައިބު ރައީސްކަން ކޮށްފަ އެވެ. ބަޔާންއަށް ކުރިން ކުޅުނު ސްޓައިކަރު ވަނީ ބުންޑެސްލީގާ ގައި ކުޅުނު 310 މެޗުގައި 162 ލަނޑު ޖަހައިފަ އެވެ.
އޭނާގެ ސީއީއޯ ކަމުގެ ދައުރުގައި ބަޔާންގެ ވެލިއު މަތިވި އެވެ. އޭނާ ހަވާލުވިއރު ކްލަބުގެ ވެލިއު އަކީ 215 މިލއަން ޑޮލަރެވެ. އޭނާ ވަނީ އެ އަދަދު 830 މިލިއަން ޑޮލަރަށް އިތުރު ކޮށްފަ އެވެ. ބަޔާންގެ މަގާމުން މި މަހު 30 ގައި އޭނާ ވަކި ވާނެ އެވެ.