ޓޫރިސްޓުން އައުން ވަރަށް ބޮޑަށް މަދުވެއްޖެ، މި އަހަރު އެންމެ މަދީ މިދިޔަ މަހު
ޓޫރިސްޓުން އައުން ވަރަށް ބޮޑަށް މަދުވެއްޖެ، މި އަހަރު އެންމެ މަދީ މިދިޔަ މަހު

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އަނެއްކާވެސް ދަށްވާން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 90،000 އިން މަތީގަ އެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 64،613 އަށް ވެއްޓިފަ އެވެ.

މިދިޔަ މަހަކީ މިއަހަރުގެ ތެރޭގައި އެންމެ މަދުން ޓޫރިސްޓުން އައި މަހެވެ. ޖެނުއަރީ މަހު 92،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިއިރު ފެބްރުއަރީ މަހު 96،882 ޓޫރިސްޓުން އަދި މާޗު މަހު 100،000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މިއަދަދު ދަށްވާން ފަށާފައިވަނީ އޭޕްރިލް މަހުން ފެށިގެންނެވެ. އެ މަހު ރާއްޖެ އައީ 91،200 ޓޫރިސްޓުންނެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައިވާއިރު ދުވާލަކު އެވްރެޖުކޮށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން، މިއަހަރު ފެށިފަހުން ދުވާލަކު އެވްރެޖުކޮށް 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިދިޔަ މަހު އައީ ދުވާލަކު 2،000 އެއްހާ ޓޫރިސްޓުންނެވެ.

މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވަނީ އިންޑިއާގެ ޓޫރިސްޓުން އިތުރުވުމުންނެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ، ޓޫރިސްޓުން އައުން މެއި މަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އިންޑިއާއިން 89،424 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ހުރިހާ ގައުމުތަކަށް ވެސް ޓޫރިސްޓް ވިސާ ދޫކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. މީގެ ސަބަބުން ކުރިއަރަމުން އައި މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.

މީގެ އިތުރުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިނގިރޭސި ވިލާތުން ވެސް ވަނީ ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފަ އެވެ. އެ ގައުމުން މިގޮތަށް ނިންމީ ފާއިތުވި މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެވެ. އެހެން ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ރާއްޖެއަށް ދަތުރު ނުކުރަން އަންގައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 454،383 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 382،816 ޓޫރިސްޓުންނެވެ.