02 ޖޫން 2021 - 10:17

އިތިއޮޕިޔާގެ އުތުރުގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ދިރިއުޅޭ މީހުން ބަނޑަށް ޖެހެމުންދާ ކަމަށާއި، ކާބޯތަކެތީ ކުއްލި އެހީތެރިކަން އެ ސަރަހައްދަށް ބޭނުންވާ ކަމަށް، އދ.ގެ ކާނާއާ ބެހޭ އިދާރާ ޑަބްލިޔުއެފްޕީ އިން ބުނެފި އެވެ.
އެ އިދާރާއިން ބުނި ގޮތުގައި އިތިއޮޕިޔާގެ އުތުރުގައި ހަނގުރާމަ ހިނގަމުންދާ ޓިގްރޭ ސަރަހައްދުގެ 5.2 މިލިއަން މީހުން، ނުވަތަ އެ ސަރަހައްދުގެ އާބާދީގެ 91 ޕަސެންޓް މީހުންނަށް ކާބޯތަކެތީގެ އަވަސް އެހީތެރިކަން ނުލިބިއްޖެ ނަމަ، ގިނަ ބަޔަކު ބަނޑަށްޖެހުމުގެ ބިރު އެބައޮތެވެ.
ޓިގްރޭ ސަރަހައްދުގައި ހަނގުރާމަ ހިނގަމުން ދާތާ މިހާރު ހަތް މަސްވެއްޖެ އެވެ. އެހެންކަމުން އެ ސަރަހައްދުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތުވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އދ. އިން ބުނާ ގޮތުގައި ޓިގްރޭ ސަރަހައްދަށް ބޭނުންވާ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 200 މިލިއަން ޑޮލަރު ބޭނުންވެ އެވެ.
އިތިއޮޕިޔާގެ އުތުރުގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމުގެ މަސައްކަތް، މިދިޔަ މާޗް މަހުގެ ތެރޭގައި ޑަބްލިޔުއެފްޕީ އިން ފަށައިފި އެވެ. އެމަސައްކަތުގެ ދަށުން، ޓިގްރޭގެ ދެކުނުގަ އާއި ހުޅަނގު އުތުރުގައި، ހާލުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން، މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ކޮންމެވެސް ވަރަކަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެ އެވެ.
އިތިއޮޕިޔާގެ އުތުރުގައި ހަނގުރާމަ ފެށުނީ، ހުސްވި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. ހަނގުރާމަ ހިނގަމުންދަނީ ޓިގްރޭގެ ސަރަހައްދީ ސަރުކާރުގެ ސިފައިންގެ ހާއްސަ ފައުޖުގެ ސިފައިންނާއި، އިތިއޮޕިޔާގެ މައި ސަރުކާރުގެ ސިފައިންނާއި ފުލުހުންގެ ގުޅިފައިވާ ލަޝްކަރާ ދެމެދުގަ އެވެ. މި ހަނގުރާމައިގައި، އަވައްޓެރި އެރިޓްރިއާގެ ސިފައިންވެސް، އިތިއޮޕިޔާގެ މައި ސަރުކާރުގެ ސިފައިންނަށް މަދަދު ފޯރުކޮށްދެ އެވެ.
އދ.ގެ ކުއްލި އެހީތެރިކަމާ ބެހޭ އިސް ކޯޑިނޭޓަރު މާކް ލޯކޮކް ވިދާޅުވާ ގޮތުގައި ޓެގްރޭ ސަރަހައްދަށް، ކުރިއަށް އޮތް ދެ މަސް ތެރޭގައި އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަނުޖެހިއްޖެ ނަމަ، ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ބަނޑަށް ޖެހުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަކީ، ހަނގުރާމައިގެ ތެރޭގައި ގެދޮރު ލޫޓުވުމާއި، ގެދޮރުގައި ހުޅުޖަހައި އެންދުމުގެ އިތުރުން، އެ ސަރަހައްދުގެ މީހުން ގެންގުޅުނު، ގެރި ބަކަރިއާއި ކުކުޅު ފަދަ ދިރޭތަކެތީގެ ގާތްގަނޑަކަށް 90 ޕަސެންޓް ކަތިލައި ނުވަތަ ލޫޓުވައިގެން ވަގަށް ނަގާފައި ވުމެވެ.
މި ހަނގުރާމައިގެ ސަބަބުން، މިހާތަނަށް ޓިގްރޭ ސަރަހައްދުން އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ އިރު، ދެ މިލިއަނެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ދަތުރުކޮށްފަ އެވެ.