01 ޖޫން 2021 - 23:47

މެޑްރިޑް (ޖޫން 1) - ރެއާލް މެޑްރިޑްގެ ކޯޗަކަށް އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އެންޗަލޮޓީ ހަމަޖައްސައިފި އެވެ. މިއީ ރެއާލްގެ ކޯޗުކަމާ އެންޗަލޮޓީ ހަވާލުވި ދެވަނަ ފަހަރެވެ.
ރެއާލްގެ ކޯޗުކަމާ އެންޗަލޮޓީ ހަވާލުވީ އޭނާ ފާއިތުވި 18 މަސް ދުވަހުގައި ކޯޗެއްގެ ގޮތުގައިހުރި އެވަޓަން އިން ވަކިވުމަށް ފަހު އެވެ.
ރެއާލްގެ ކޯޗެއްގެ ގޮތުގައި 2013 އިން 2015 އަށް މަސައްކަތްކުރި އެންޗަލޮޓީ ،61، އެ ކްލަބާ ދެވަނަ ފަހަރަށް ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެންޗަލޮޓީ ބުނީ އެވަޓަންގެ ކޯޗުކަމުން އޭނާ ވަކިވީ "ހީވެސްނުކުރާ ކަހަލަ ފުރުސަތެއް" ރެއާލް އިން ލިބުމުން ކަމަށެވެ.
"އެވަޓަންގައި އަހަރެން މަސައްކަތްކުރީ ވަރަށް ހިތްހަމަޖެހިގެން. އެކަމަކު މިއީ (ރެއާލްގެ ކޯޗުކަން ލިބުމަކީ) އަހަރެން ހީވެސް ނުކުރާ ކަހަލަ ފުރުސަތެއް،" އެންޗަލޮޓީ ބުންޏެވެ. "މިއީ މި ވަގުތަށް އަހަންނާއި އަހަރެންގެ އާއިލާ އަށް އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލްކުރެވެނީ."
ރެއާލްގެ ކޯޗުކަން އެންޗަލޮޓީއާ މި ހަވާލުވީ މި ސީޒަނަށް ފަހު ޒިނެދީން ޒިދާން އެ ކްލަބުގެ ކޯޗުކަމުން ވަކިވުމުންނެވެ.
އެންޗަލޮޓީގެ ކޯޗުކަމުގެ ދަށުން ރެއާލް އިން 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. އަދި އޭގެ ކުރިން އޭސީ މިލާންގެ ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ދެ ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފަ އެވެ. -- އޭއެފްޕީ