ކޮވިޑް-19: މަސް ފެށުނީ 8 މަރުން
ކޮވިޑް-19: މަސް ފެށުނީ 8 މަރުން

ޖޫން މަސް ފެށުނުއިރު، މިއަދު އެކަނި ވެސް ކޮވިޑް ބަލީގައި އަށް މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މިއަދު އެންމެ ފުރަތަމަ މަރުވީ 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް އެ މީހާ މަރުވީ ރޭ ދަންވަރު 3:41 ގަ އެވެ.

މިއަދު މަރުވި އަށް މީހުންނާ އެކު މި ބަލީގައި މިހާތަނަށް 169 މީހަކު ވަނީ މަރުވެފަ އެވެ.

- 87 އަހަރުގެ ދިވެހި ފިރިހެނެއް (ފަތިހު 4:40 ގައި ބ.އަތޮޅު ކޮވިޑް ފެސިލިޓީގައި)

- 50 އަހަރުގެ ދިވެހި ފިރިހެނެއް (ފަތިހު 5:46 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި)

- 59 އަހަރުގެ ދިވެހި އަންހެނެއް (ހެނދުނު 6:40 ގައި ހުޅުމާލެ މެޑިކަލް ފެސިލީޓީގައި)

- 89 އަހަރުގެ ދިވެހި އަންހެނެއް (މެންދުރު 1:50 ގައި އައިޖީއެމްއެޗްގެ އީއާރް އަށް ގެންދިޔައިރު މަރުވެފައި އޮތް މީހެއް)

- 62 އަހަރުގެ ދިވެހި ފިރިހެނެއް (މެންދުރުފަހު 2:43 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި)

- 83 އަހަރުގެ ދިވެހި އަންހެނެއް (މިރޭ 7:55 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި)

- 46 އަހަރުގެ ދިވެހި އަންހެނެއް (މިރޭ 8:11 ގައި ޑީއެޗް11 ގައި)

މި ނިމުނު މެއި މަހަކީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނައިން ފެނުނު އަދި މަރުވި މީހުންގެ އަދަދު ވެސް އެންމެ މަތިވި މަހެވެ. މިދިޔަ މަހު އެކަނި ވެސް މި ބަލީގައި 88 މީހަކު މަރުވެފައިވެ އެވެ. އެއީ މި ބަލި ރާއްޖެއިން ފެނުނު ފަހުން މަރުވި މީހުންގެ މުޅި ޖުމްލައަށް ބަލައިފި ނަމަ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ވެސް ގިނަ އަދަދެކެވެ.

މިދިޔަ މަސް ފެށުނުއިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ހުރީ 10.43 ޕަސެންޓުގަ އެވެ. މި ރޭޓް މަތިވަމުން ގޮސް އެންމެ މައްޗަށް ދިޔައީ މެއި 18 ވަނަ ދުވަހު، 39.56 ޕަސެންޓަށެވެ. އެ ދުވަހު 3،703 ސާމްޕަލް ޓެސްޓްކުރި އިރު 1،465 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ. ނަމަވެސް އެ ހިސާބުން ބަލި ކޮންޓްރޯލްކުރަން ފިޔަވަޅުތައް ހަރުކަށިކޮށް، ލޮކްޑައުންއަކަށް ދިޔަ ފަހުން ކޭސްތައް ވެސް އަދި ޕޮޒިޓިވްވާ ރޭޓް ވެސް ދަށްވަމުން އައިސް، މިއަދު މި ރޭޓް ހުރީ 13.37 ޕަސެންޓުގަ އެވެ.

މެއި މަހު ކޮވިޑްގައި 88 މީހަކު މަރުވީއިރު، ދުވަހުގެ ނިސްބަތުން ނަމަ އެއީ 2.8 ގެ ރޭޓެވެ. މިދިޔަ މަހުގެ ނުވަ ދުވަހެއްގައި ފިޔަވައި ކޮންމެ ދުވަހަކު ވެސް ބަލީގައި މީހަކު މަރުވެފައިވެ އެވެ. އެންމެ ގިނަ މީހުން މަރުވީ 24 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު މަރުވި އެވެ.

ކޮވިޑްގެ ކޭސްތައް ވަރަށް މަތީގައި ހުރުމަށް ފަހު ބަލިޖެހޭ މީހުން އަދަދު މިހާރު އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ. މި އަދަދުތައް ދަށްވާން ފެށީ ކޭސްތަކުގެ އަދަދު ކުއްލިއަކަށް މާ ބޮޑަށް އިތުރުވަމުން ދިއުމުން، ބަލި ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތައް ވަރުގަދަކުރިތާ ދުވަސްކޮޅެއްވީ ފަހުންނެވެ.