އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބުތައް ކުޅެންޖެހޭ މެޗުތައް އޯގަސްޓް މަހަށް ފަސްކޮށްފި
އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބުތައް ކުޅެންޖެހޭ މެޗުތައް އޯގަސްޓް މަހަށް ފަސްކޮށްފި

މި މަހުގެ ފަހުކޮޅަށް ކުރިން ޝެޑިއުލްކުރި އޭއެފްސީ ކަޕްގެ ސައުތު ޒޯންގެ ޕްލޭއޮފާއި ގުރޫޕް ސްޓޭޖުގެ މެޗުތައް ބާއްވާނެ ގައުމެއް ނުލިބުމުން، އެ މެޗުތައް އޯގަސްޓް މަހަށް އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ފަސްކޮށްފި އެވެ.

ކުރިން ރާއްޖޭގައި މިދިޔަ މަހުގެ 11 އިން 20 އަށް ކުޅެން ތާވަލްކުރި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަންޖެހުނީ، ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެންއައި އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިންނާއި އޮފިޝަލުންތަކެއް ކޮވިޑް ޕްރޮޓޮކޯލްތަކާ ހިލާފުވުމުންނެވެ.

އެހެންވެ، އޭއެފްސީ ނިންމީ އީގަލްސް އާއި ބެންގަލޫރު ކުޅެން އޮތް ޕްލޭއޮފް މެޗު މި މަހުގެ 27 ވަނަ ދުވަހު އަދި ގުރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 30 އިން ޖުލައި 6 އަށް ކުޅޭށެވެ. އަދި މި މެޗުތައް ކުޅޭނެ ގައުމެއް ހޯދުމަށް އަލުން ބިޑަށް ހުޅުވާލި އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި މި މެޗުތައް ޖޫން/ޖުލައިގައި ބޭއްވުމަށް އެއްވެސް ގައުމަކުން ބިޑެއް ނުކުރެ އެވެ. އެހެންކަމުން އޭއެފްސީ ވަނީ ޕްލޭއޮފް އާއި ގުރޫޕް ސްޓޭޖުގެ މެޗުތައް އޯގަސްޓް މަހަށް ފަސްކޮށް، މި މެޗުތައް ހޯސްޓް ކުރަން ބޭނުންވާ ގައުމުތަކަށް ބިޑުކުރުމަށް އިތުރު ފުރުސަތެއް ދީފަ އެވެ.

އޭއެފްސީން މެމްބަރު އެސޯސިއޭޝަންތަކަށް މިއަދު ފޮނުވާފައިވާ އާ ޝެޑިއުލްގައިވާ ގޮތުން، އީގަލްސް އާއި ބެންގަލޫރު ވާދަކުރާ ޕްލޭއޮފްގެ މެޗު ކުޅޭނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. އަދި ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 18 އިން 24އަށެވެ. ޕްލޭއޮފް މެޗު ވެސް ކުޅޭނީ ގުރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ކަނޑައަޅާ ގައުމެއްގަ އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން މި އަހަރު ޖާގަ ހޯދައިފައިވަނީ ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ގުރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ.

އޭއެފްސީ ކަޕްގެ މެޗުތައް އޯގަސްޓް މަހަށް ފަސްކުރުމަށް، ބަޝުންދުރާ ކިންގްސް އިން ވަނީ އެދިފަ އެވެ. އެހެންކަމުން، އޯގަސްޓް މަހު އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރުމަށް ބަންގްލަދޭޝުން ބިޑުކުރާނެ ކަމަށް ބެލެވެ އެވެ. އަދި މީގެ އިތުރުން، އިންޑިއާގެ ކޮވިޑް ހާލަތު ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަސް ތެރޭގައި ރަނގަޅުވެއްޖެ ނަމަ، އިންޑިއާ އިން ވެސް މެޗުތައް ހޯސްޓްކުރުމަށް ބިޑުކުރާނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ މިދިޔަ މަހު ކުޅެން ހަމަޖެހިފައި އޮތް ޕްލޭއޮފާއި ގުރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަންޖެހުނީ ބަޝުންދުރާ ކިންގްސް އާއި އޭޓީކޭ މޯހަން ބަގާން ރާއްޖެ އަންނަން ތައްޔާރުވެފައި ވަނިކޮށެވެ. އަދި އޭރު ގުރޫޕް ސްޓޭޖަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާގެ ޓީމު ވެސް ވަނީ ވަކި ހޮޓަލެއްގައި ކޭމްޕްކޮށްފަ އެވެ.

ޕްލޭއޮފް މެޗަށް ރާއްޖެ އައިސް ތިބި ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުންތަކެއް ކޮވިޑް ޕްރޮޓޮކޯލާ ހިފާލަށް ހޮޓަލުން ބޭރަށް ނުކުތުމާއެކު، ރާއްޖޭގައި އެ މެޗުތައް ކުރިއަށް ގެންދެވޭ ގޮތެއްނުވި އެވެ. އޭއެފްސީ ކަޕްގެ މެޗުތައް ކުޅުމަށް ހާއްސަ ހުއްދައެއް ސަރުކާރުން ދިނީ މުބާރާތުގައި ކުޅޭ ޓީމުތައް ޓްރެއިނިންތަކާއި މެޗުތަކަށް ނޫންގޮތަކަށް، ހޮޓަލުން ބޭރަށް ނުނިކުންނަ ގޮތަށެވެ.

އޭއެފްސީ ކަޕްގެ ސައުތާއި އާސިއާން އަދި އީސްޓް ޒޯންގެ މެޗުތައް ފަސްކުރި ނަމަވެސް، އޭއެފްސީ ކަޕްގެ ވެސްޓާއި ސެންޓްރަލް ޒޯނުގެ މެޗުތައް ވަނީ މިދިޔަ މަހު ކުރިއަށް ގެންގޮސްފަ އެވެ.