01 ޖޫން 2021 - 22:51

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 373 މީހުންނެވެ. ގިނަ ދުވަސްތަކަކަށް ފަހު މާލެ ސަރަހައްދުގައި ބަލި ޖެހުނުގެ މީހުންގެ އަދަދު މިހާ ދަށްވީ މިއީ ފުރަތަމަ ފަހަރެވެ. މިދިޔަ މަހެއްހާ ދުވަހު އެ އަދަދު އެންމެ ދަށްކޮށް ވެސް ހުރީ 400 އަށް ވުރެ މަތީގަ އެވެ.
އެޗްޕީއޭ އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ޓެސްޓްކުރި 5،685 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 768 ސާމްޕަލެކެވެ. އެއީ މާލެ ސަރަހައްދުގެ 373 މީހަކާއި ރަށްރަށުން 357 މީހަކާއި އަދި ރިސޯޓުތަކުން 15 މީހެކެވެ. އަދި ތަރައްގީކުރަމުން އަންނަ ރަށްތަކުން 15 މީހަކާއި ކަނޑުމަތިން 8 މީހަކު ވެސް ޕޮޒިޓީވްވެފައިވެ އެވެ.
މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު އުޅެނީ 65،164 ގަ އެވެ. އަދި ބަލިން ފަސޭހަވި މީހުންގެ އަދަދު މިހާރު 40،951 އަށް އަރައިފަ އެވެ. އެކްޓީވް ކޭސްތަކުގެ އަދަދު ހުރީ 24،035 ގަ އެވެ. އަދި އެޑްމިޓްކޮށްގެން 208 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
މިހާތަނަށް މި ބަލީގައި ރާއްޖެއިން 169 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހު އެވެ. އަދި ޖޫން މަސް މިއަދު ފެށުނުއިރު، މިއަދު އެކަނި ވެސް މިހާތަނަށް އަށް މީހަކު މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.
ކޮވިޑްގެ ކޭސްތައް ދަށްވާން ފަށައިފައި މި ވަނީ ކޭސްތަކުގެ އަދަދު ކުއްލިއަކަށް މާ ބޮޑަށް އިތުރުވުމުން، ބަލި ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތައް ވަރުގަދަކުރިތާ ދުވަސްކޮޅެއްވީ ފަހުންނެވެ.