02 ޖޫން 2021 - 06:36

އަނދުންގަނޑު ގާނައިލުމަށް ފަހު، ޝަހާދަތް އިނގިލި ކުރީގައި ހަސްނާ ކުޅުކޮޅެއް ލިއެވެ. އެ އިނގިލި އަނދުންގަނޑުގައި ހާކައިލުމަށް ފަހު، އިނގިލީގައި ހޭކިފައިވާ އަނދުންކޮޅު ލޮލުގެ ރަވައިގައި ހާކައިލިއެވެ.
އިނގިލީގައި ބާކީ ހުރި އެތިކޮޅު ބޮލުގައި ފުހެލިއެވެ. ބޮލަށް ޓިސްދައްޗެއް ޖަހައިލިއެވެ. މަންމަގެ "ޓެންޑަރޓަޗް" ފުޅިން އިތުރު އެތިކޮޅެއް ނަގައި ކޮލުގައި ހާކައިލިއެވެ. ބައްޕަގެ "އޯކޭ" ސެންޓުފުޅިން ހެދުމުގައި މީރުވަސް ދުއްވައިލިއެވެ. އުމުރުން ތޭރަ އަހަރުގެ ހަސްނާގެ ހުރިހާ ހަރަކާތެއް، ވަރަށް ޝައުގުވެރިކަމާ އެކުގައި ބަލަން މީހަކު އިނެވެ. އެއީ އަޖުވަދެވެ. ހަސްނާގެ ބައްޕައެވެ. ދަރިފުޅުގެ ލޯބި ހަރަކާތްތަކަށް ބަލަން ކިތަންމެ އިރަކު އިނަސް އަޖުވަދު ފޫއްސެއް ނުވެއެވެ. އަޖުވަދަކީ އަތްމަތި ތަނަވަސް މީހެކެވެ. ހަސްނާއަކީ އަޖުވަދުގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅެވެ. ދޮށްޓަށް ހުންނަނީ ފާއިޒެވެ. ފިރިހެންކުއްޖަކު ހުންނަ އިރު ވެސް އަޖުވަދު އެންމެ ލޯބިވަނީ ހަސްނާ ދެކެއެވެ. އޭގެ ސަބަބުން ގޭގެ މަސްލަހަތު ކިތަންމެ ފަހަރު ގެއްލެއެވެ. އެކަމަކު އަޖުވަދަކީ އެ ލޯބި ފޮރުވާ ބައްޕައެއް ނޫނެވެ. ހަސްނާ ވެސް މަންމައަށް ވުރެ ބޮޑަށް ލޯބިވަނީ ބައްޕަ ދެކެއެވެ.
ހަސްނާ އަބަދުވެސް ނަލަހައްދައިފައި ބަހައްޓަން އަޖުވަދު ބޭނުންވެއެވެ. އިންޑިޔާއަށް ދެވޭ ފަހަރަކު އެކަކަށް އެކައްޗެއް ނުގެނަޔަސް ހަސްނާއަށް ހަދިޔާއެއް ގެންނަން އަޖުވަދު ހަނދާން ހުރެއެވެ. ހަސްނާ ކާ ގަޑިއަށް، ކޮންމެ ތާކު ހުރެފައި ވެސް އަޖުވަދު އާދެއެވެ. ހަސްނާ ނިދާ އިރު ވާހަކަކިޔައިދޭން ވެސް އިންނަން ޖެހެނީ އަޖުވަދެވެ. އަޖުވަދަކީ ވިޔަފާރިވެރިޔެކެވެ. އެކަމަކު، ފިހާރައިގެ ކަންކަން ބަލަން ވަގުތު ނުވިޔަސް، ހަސްނާޔާ އެކުގައި ކުޅެން އަޖުވަދު ވަގުތު ހޯދައެވެ. އަޖުވަދުގެ އަންހެނުން ރާމިޒާ ހެނދުނު ހޭލާ އިރު ވެސް އަޖުވަދު ގޮސް އިންނާނީ ހަސްނާ ކޮޓަރީގައި ހަސްނާޔާ އެއްކޮށް ކުޅޭށެވެ. އެ ދެބަފައިންގެ ދެމެދުގައި އޮންނަނީ، އާދަޔާހިލާފު ވަރުގަދަ ކުލުނަކާއި ލޯތްބެކެވެ. އަޖުވަދު އިންނަ ތާކު ވިއްޔާ ހަސްނާއަށް އިނދެވޭނީ ބައްޕަ އުނގުގައެވެ.
ހަސްނާއަކީ ވަރަށް ރީތި ކުއްޖެކެވެ. ރަނޑުކޮށް ހިނގާ، ސަމާސާ މިޒާޖުގެ ކުއްޖެކެވެ. އެ އުމުރުގެ ގިނަ ކުދިންގެ ނޯންނަ ވަރުގެ ދިގު އިސްތަށިގަނޑެއް ހަސްނާގެ އޮވެއެވެ. އަދި މޭކަޕު ސާމާނާއި، ބޫޓުފައިވާނާއި، ހެދުންގަހަނާ ވެސް ހުރެއެވެ. އަޖުވަދަށް ހަސްނާއަކީ ހަސްނާއެއް ނޫނެވެ. ދޮންކަނބުލޮއެވެ. ބައްޕަގެ ދޮންކަނބުލޮ ނޫން ގޮތަކަށް ހަސްނާގެ ނަމެއް އަޖުވަދު ނުކިޔައެވެ.
ހަސްނާގެ އުމުރުން ސާދަ އަހަރު ފުރުނު ތަނާ، ވަރަށް ކުއްލި ގޮތަކަށް އަޖުވަދު ނިޔާވިއެވެ. ބައްޔެއް ވެފައެއް ނޫނެވެ. ހާދިސާއެއް ދިމާވެފައެއް ވެސް ނޫނެވެ. ނިޔާވުމުގެ ދެ ގަޑިއެއްހާ އިރު ކުރިން އަޖުވަދު ބޮލުގަރިއްސާތީ އުޅުނެވެ. އަޖުވަދު މަރުވެފައި ސޯފާގައި އިންދާ ފެނުނީ ފާއިޒަށެވެ. އަޖުވަދުގެ ފިރިހެން ދަރިފުޅަށެވެ. އޭރު ފާއިޒަށް ސޯޅަ އަހަރެވެ. އަޖުވަދުގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ނުފެނު އިރު، އަޖުވަދު ނިޔާވީ ކީއްވެގެންކަމެއް އެކަކަށް ވެސް ނޭނގެއެވެ. ޑަކުޓަރު ބުނީ ގުދުރަތީ މަރެއް ކަމަށެވެ. އެ ކަމާ ދެކޮޅު ހެދޭނީ ކާކަށް ހެއްޔެވެ؟ ކޮންމެ ވަގުތަކު ވެސް މަރު އައިސް ބައްދަލުކޮށްފާނެއެވެ. އެކަމަކު ބައްޕަ ވަކިވެގެން ދިޔުމަކީ، ހަސްނާއަށް ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވިއެވެ.
އަޖުވަދު ނިޔާވި ދުވަހުގެ ރޭ ހަސްނާއަކަށް ނުނިދުނެވެ. ހަސްނާ ބޭނުންވަނީ ވާހަކަކިޔައިދޭން ބައްޕަ އަންނާށެވެ. މަރުވިޔަސް ބައްޕަ ނާންނާނެ ކަމަކަށް ހަސްނާ ގަބޫލެއް ނުކުރިއެވެ. ރުއިން ހުއްޓައެއް ނުލިއެވެ. ހަސްނާގެ ބޭބެ ވެސް އެ ހިތާމައިގައި ބައިވެރިވިއެވެ. އެކަމަކު އުމުރުން އެންމެ ސޯޅަ އަހަރުގެ ފާއިޒަކަށް ވެސް ހަސްނާއަށް ވިސްނައިދޭނެ ގޮތެއް ނޭނގުނެވެ. އެ ރެޔަކީ ގޭގެ އެންމެންގެ ސިކުނޑި ސުމަކަށް ދުއްވައިލި ރެޔެކެވެ.
"ބައްޕަޔަށް ގުޅާބަލަ!" ފޯނުގެ އަތްގަނޑު ނަގައި މަންމައަށް ދިއްކުރަމުން ހަސްނާ ބުނެއެވެ. "ބުނޭ އަންނާށޭ!"
"ދަރިފުޅާ ބައްޕަ ދެނެއް ނާންނާނޭ!" ބުނެވޭނެ އެންމެ ލޯބިން ރާމިޒާ ބުންޏެވެ.
"އެއީ ކީއްވެގެންތަ މަންމާ!" ހަސްނާ ސުވާލުކުރިއެވެ.
ދަރިފުޅަށް ވިސްނައިދޭނެ މާ ގިނަ ގޮތްގޮތެއް ރާމިޒާއަކަށް ނޭނގެއެވެ. އެ ފަދަ ކަމަކަށް އެއްވެސް ވަރަކަށް ތައްޔާރު ނުވެވުނީތީއެވެ. ރާމިޒާގެ ނަޒަރުގައި، ވީހާ ވެސް އަވަހަކަށް ހަސްނާއަށް ވިސްނައިދިނުމަކީ އެންމެ ރަނގަޅު ގޮތެވެ.
"ދަރިފުޅާ! މަރުވާ މީހުން އެނބުރި ދުނިޔެއަކަށް ނާންނާނޭ!" ހަސްނާގެ ގައިގައި ފިރުމަމުން ރާމިޒާ ބުންޏެވެ. "މަންމަ ބޭނުމެއް ނޫން ދަރިފުޅަށް އޮޅުވާލާކަށް. ދަރިފުޅު ޖެހޭނީ މި ކަމަށް އާދަވާން. މަންމަ މިހިރީނު. ބޭބެ ވެސް މިހިރީ."
"އަހަރެން ބޭނުމީ ބައްޕަ! އަޅެ ބައްޕައަށް ގުޅާބަލަ!" ހަސްނާ ހުއްޓައިނުލައި ކިޔެވެ.
އެ ދިގު ރޭ ހަސްނާއެއް ނުނިދައެވެ. ވަރުބަލިވެގެން އެނދުމައްޗަށް ދެމުނީއެވެ. ޖެހިގެން އައި ދުވަހު މީހުންނަށް ފެންނަން ފެށީ ހަސްނާގެ އެހެން ސިފައެކެވެ. ނެގިމަޑުވެފައި އިނުމެވެ. ބަސްމަދުވުމެވެ. ފެންވަރާ ހިތް ނުވުމެވެ. މޭކަޕުކުރާ ހިތް ނުވުމެވެ. ގެއިން ބޭރަށް ނުކުންނަ ހިތް ނުވުމެވެ. ނިދި މަދުވުމެވެ. ކާހިތް ނުވުމެވެ. އަބަދުވެސް އިންނަނީ ބިތްޖެހިފައެވެ. ހީވަނީ ކޮންމެވެސް ކަމަކާ ވިސްނާހެންނެވެ. ސަބަބެއް ނެތި ރޮއިގެންފާނެއެވެ. ރުޅިއަތުވެދާނެއެވެ.
ދުވަސްވާ ވަރަކަށް އިތުރު ކަންކަން ފެންނަން ފެށިއެވެ. ދޭތެރެއަކުން ހަސްނާގެ ބަނޑުގަރިއްސަފާނެއެވެ. ބޮލުގަރިއްސަފާނެއެވެ. ބިރުގަންނަ ހުވަފެން ފެނިގެން ހޭލެވުން އާންމުވިއެވެ. ކުޅެ ސަމާސާކުރުމުގެ ޝައުގުވެރިކަން ގެއްލުމާ އެކު ހަސްނާގެ ކޮޓަރިއަށް ވަންނަން އިންކާރުކުރަން ފެށިއެވެ. ކޮންމެ ރެޔަކު ވެސް ނިދަނީ ރާމިޒާގެ ބިއްދޮށަށް އަރައެވެ. ނިދީމައި ޖެހެނީ ގެންގޮސް ހަސްނާގެ އެނދަށް ލާށެވެ. ހަރަކާތްތެރިވެ އުޅޭ އިރު، ކުރިން ނުހުންނަ އައިބު ގޮތްތަކެއް ވެސް ފާހަގަވާން ފެށިއެވެ.
ހަސްނާގެ މިޒާޖަށް އައި ބަދަލާ މެދު އެކަކު ވެސް ހައިރާނެއް ނުވެއެވެ. އެހާ ލޯބިވާ ބައްޕައެއް ކުއްލިއަކަށް ނިޔާވުމުން ހަސްނާއަށް އޭގެ އަސަރު ނުކޮށެއް ނުދާނެކަން އެންމެނަށް ވެސް އެނގެއެވެ. އިތުރު ސުވާލުތައް ހަސްނާޔާ ނުކުރީ އެހެންވެއެވެ. ސަބަބު އެނގޭތީއެވެ. ހަސްނާ އުފާކޮށްދިނުމަށް ޓަކައި ރާމިޒާ އެތައް މަސައްކަތެއް ކުރިއެވެ. ހަސްނާގެ ހާލާ މެދު ދެން އެންމެ ކަންބޮޑުވީ ފާއިޒެވެ. ހަސްނާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ހުރިހައި ކަމެއް ހުއްޓައިފައި ފާއިޒު އައިސް ހަސްނާއަށް އެހީވިއެވެ. އެކަމަކު ހަސްނާއަކަށް ލުޔެއް ނުލިބުނެވެ. ވިއްޔާ ވީ ގޯހެކެވެ. ގެޔަށް އެތައް ބަޔަކު އައިސްގޮސްވެއެވެ. ރާމިޒާގެ ތިމާގެ މީހުންނާއި އަޖުވަދުގެ ތިމާގެ މީހުންނެވެ. ގޭތެރޭގައި އޮންނަނީ ހަލަބޮލި މާހައުލެކެވެ. އެހެނަސް ހަސްނާ ހިތަށް ވެރިވެފައިވަނީ ފާޑެއްގެ ފަޅުކަމެކެވެ. ބަނަކަމެކެވެ.
ކުރިޔަށް ވުރެ ބޮޑަށް ހަސްނާ ބިރުގަންނަން ފެށިއެވެ. އިވޭ ކޮންމެ އަޑަކަށް ހަސްނާ ސިހެން ފެށިއެވެ. ކުރިން ނުހުންނަ މޮޔަ ގޮތެއް ހުންނަކަން ވެސް ރާމިޒާއަށް ފާހަގަވިއެވެ. ގިނައިން ހަސްނާ ފެންނަނީ، ދެއަތުން ދެ ކޮނޑުގައި ހިފާއްޓައިލައިގެން ހުއްޓައެވެ. ހީވަނީ ހަށިގަނޑު ނިވާކުރަން އުޅޭހެންނެވެ. ރާމިޒާ ކިތަންމެ ފަހަރަކު ހަސްނާގެ ދެއަތް ތިރިކުރުވިޔަސް، އިރުކޮޅަކުން އަނެއްކާ ވެސް ހުންނާނީ ކުރިން ހުރި ގޮތަށް ހަދައިގެންނެވެ. އެ ކަމާ ސުވާލުކުރިޔަސް ޖަވާބެއް ނުދެއެވެ. އިވޭކަމަށް ވެސް ނަހަދައެވެ. ރާމިޒާ ހައިރާންވަނީ އަޖުވަދުގެ ފޮޓޯއެއް ނުވަތަ ވާހަކައެއް ދެއްކުމުން ވެސް ހަސްނާގެ ތުންފަތަށް ހިނިތުންވުމެއް ވެެރިނުވާތީއެވެ.
ހަސްނާ ތަންމައްޗަށް ހީސްލާން ފެށިއެވެ. ކުޑަކަމުދާ އިރު އުނދަގޫތަކެއް އިހުސާސްކުރަން ފެށިއެވެ. އެ އުމުރުގެ އަންހެންކުއްޖަކަށް ކުރިމަތިވެގެން ނުވާނެ ކަހަލަ ޖިސްމާނީ މައްސަލަތައް ވެސް ކުރިމަތިވާން ފެށިއެވެ. އެކަމަކު ޑަކުޓަރަށް ދައްކާކަށް ރާމިޒާ ބޭނުމެއް ނޫނެވެ. އެހެން މީހަކަށް އަންގާކަށް ވެސް ބޭނުމެއް ނޫނެވެ. ރާމިޒާ ބޭނުންވީ ރާމިޒާގެ އެނދުގައި ހަސްނާ ނިންދަވާށެވެ. ލޯކުރިމަތިން އެންމެ ސިކުންތަކަށް ވެސް ހަސްނާ ގެއްލުނަ ނުދޭށެވެ. ތަނަކަށް ދަންޏާ ރާމިޒާ ދަނީ ހަސްނާ ގޮވައިގެންނެވެ. އެކަމަކު، ނަމާދަށް އަރާ ކޮންމެ ފަހަރަކު ރާމިޒާގެ ކުރިމައްޗަކު ހަސްނާއެއް ނުބެއިންދެއެވެ. ފާހާނާއަށް ވަންނަ އިރު ގޮވައިގެނެއް ނުވަދެވެއެވެ. ބޭރަށް ދާ ކޮންމެ ފަހަރަކު ހަސްނާ ރުއްސައިގެން ގެންދިޔުމަކީ ވެސް ބޮޑު ގޮންޖެހުމެކެވެ. އެތައް ވަގުތެއް ހޭދަވާ ކަމެކެވެ. ދާހިތަކުން އެއް ފަހަރު ވެސް ހަސްނާއެއް ނުދެއެވެ.
ރާމިޒާ ކިރިޔާ ވެސް ވާހަކަ ހިއްސާކުރާ މީހަކީ ޖީޒާއެވެ. ރާމިޒާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަޖުވަދު ނިޔާވި ފަހުން ހަސްނާއަށް ކުރިމަތިލާން ޖެހިފައިވާ ހިތްދަތިކަމުން ހަސްނާ ސަލާމަތްކުރަން ހަދާނެ ގޮތެއް ރާމިޒާއަކަށް ނޭނގެއެވެ.
"ޑޮކްޓަރަށް ދައްކައިފިންތަ؟" ޖީޒާ ވެސް ކުރީ ހެޔޮއެދޭ ކޮންމެ މީހަކު ވެސް ކުރާނެ ސުވާލެވެ.
"ބަލިވީމައެއްނު ޑޮކްޓަރަށް ދައްކަނީ،" ރާމިޒާ ޗޮކެއްކަނޑައިފައި ބުންޏެވެ. "ހަސްނާއަކީ ގަދަވެ ސަލާމަތުން ހުރި ކުއްޖެއްް. އޭނަގެ ބައްޕަ ނިޔާވީމަ މި ހުރިހާ ކަމެއް ލައިގަތީ."
ހަސްނާޔާ ބެހޭ ގޮތުން ރާމިޒާ ކިޔައިދޭ ވާހަކަތައް ޖީޒާއަކަށް ހަމައެއް ނުޖެހެއެވެ. ބައްޕަ ނިޔާވުމުން ދަރިޔަކަށް ތަންމައްޗަށް ހީސްލެވެންވީ ކީއްވެގެން ހެއްޔެވެ؟ ބިރުވެރި ހުވަފެން ފެނި، ގަބުވެ، ރުޅިގަދަވާންވީ ކީއްވެގެން ހެއްޔެވެ؟ ހިތާމަކޮށްފާނެ ކަމަށް ޖީޒާއަށް ގަބޫލުކުރެވެއެވެ. ނުކެއުމާއި، ނުނިދުމާއި، ރުއިން ވެސް ގަބޫލުކުރެވެއެވެ. ޖީޒާއަށް ނުވިސްނުނު އަނެއް ތަންކޮޅަކީ، ޑަކުޓަރަކަށް ދައްކަން ރާމިޒާ ޖެހިލުންވުމެވެ. އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް، އެއްގޮތަކަށް ވެސް ނުކުރަން މަންމައަކު އުޅެންވީ ކީއްވެގެން ހެއްޔެވެ؟
"ހަސްނާ މީހަކާ ދެވަންވީ!" ރާމިޒާ އެހެން ބުނި އިރު ހީވަނީ އެއީ އެންމެ ރަނގަޅު ހައްލުހެންނެވެ.
"އެކަމަކު އެ މަންޖެއަށް އަދި ކިރިޔާ ފަނަރަ ފުރުނީ!" ޖީޒާ ހަނދާންކޮށްދިނެވެ.
"ކީއްތަވީ؟ އަހަރެން އަޖުވަދާ އިން އިރު ފަނަރަ ނުފުރޭ!" ރާމިޒާ ރަނގަޅު ސަބަބެއް ދެއްކިއެވެ. "މީހަކާ އިނީމަ އެ ހުރިހާ ކަމެއް ހަމަޔަކަށް އެޅިދާނެ. އޭރުން ދެން ފާރަވެރިޔެއް ވެސް ހުންނާނެއްނު."
ހަސްނާއަށް ފާރަވެރިޔެއް މުހިންމުވަނީ ކީއްވެގެން ހެއްޔެވެ؟ ޖީޒާގެ ހިތަށް ފުރަތަމަ ވެސް އެރި ސުވާލަކީ އެއީއެވެ. ހަސްނާގެ މައްސަލަތަކާއި ފާރަވެރިޔަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
"އަސްލު ކޮބާ މައްސަލައަކީ؟" ޖީޒާ ސުވާލުކުރިއެވެ"
ނުނިމޭ