01 ޖޫން 2021 - 17:36

މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ވަބާ އިން އާ ބާވަތްތައް އުފެދެމުންދާ އިރު، އެ ބާވަތްތަކަށް ނަން ދޭނެ ގޮތް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔޫއެޗްއޯ އިން ކަނޑައަޅައި، އެކަން ދުނިޔޭގެ ގައުމުތަކަށް އަންގައިފި އެވެ.
ކޮވިޑްގެ ބާވަތްތަކަށް ނަން ދޭނެ އުސޫލެއް ޑަބްލިޔޫއެޗްއޯ އިން މި ކަނޑައެޅީ، ކޮވިޑްގެ އާ ބާވަތްތައް އުފަންވާ ގައުމުތަކަށް ނިސްބަތްކޮށް އެ ބާވަތްތަކަށް ނަން ކިޔާ މައްސަލައިގައި އެ ގައުމުތައް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ޑަބްލިޔޫއެޗްއޯ އިން އަލަށް ކަނޑައެޅި އުސޫލުގައިވާ ގޮތުން، ކޮވިޑް ވަބާއިން އުފަންވާ އާ ބާވަތްތަކަށް ނަން ދޭނީ، އެ ބާވަތްތައް އުފަންވާ ތަރުތީބުން ގްރީކް އަލިފުބާގެ އަކުރުތަކުންނެވެ. އެ ގޮތުން ޑަބްލިޔުއެޗްއޯ އިން މިއަދުން ފެށިގެން ނަން ކިޔަމުން ދާނީ، އިނގިރޭސި ވިލާތުން ފެނުނު ކޮވިޑްގެ ބާވަތަށް އަލްފާ، ދެކުނު އެފްރިކާއިން ފެނުނު ބާވަތަށް ބީޓާ، އަދި އިންޑިޔާއިން ފެނުނު ބާވަތަށް ޑެލްޓާ އެވެ.
އެ ޖަމިއްޔާ އިން ބުނި ގޮތުގައި އެ ގޮތަށް ނަން ދޭން ނިންމީ، އެކި ގައުމުތަކުގެ ނަމާ ގުޅުވައިގެން ބޮޑު ބަލިމަޑުކަމަކަށް ނަން ކިޔުމުން، އެގައުމުތަކުގެ ނަން ހުތުރުވެ، އެތައް ގޮތަކުން އެ ގައުމުތަކަށް ގެއްލުން ވަމުންދާތީ އެވެ. އަދި ބައެއް މުޖްތަމައުތަކުގައި، މީހުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދި އާންމުވަމުންދާތީ އެވެ.
ޗައިނާގެ ވޫހާނުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެނުނު ކޮވިޑް-19 ބަލި، މުޅި ދުނިޔެ އަށް ވަބާއެއްގެ ގޮތުގައި ފެތުރިފައިވާއިރު، މިހާތަނަށް 171 މިލިއަން މީހުންނަށް މި ބަލި ޖެހިއްޖެ އެވެ. އަދި އޭގެ ތެރެއިން 3.5 މިލިއަން މީހުން މަރުވެއްޖެ އެވެ.
މިހާރު އެންމެ ހަލުވިކަމާއެކު މިބަލި ފެތުރެމުން އަންނަ އެމެރިކާއިން 34 މިލިއަން މީހަކަށް މިބަލި ޖެހި، އޭގެ ތެރެއިން ހަ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް މިބަލި ޖެހިފައިވަނީ އިންޑިޔާއިންނެވެ. އެ ގައުމުން 28 މިލިއަން މީހުންނަށް މިބަލި ޖެހިފައިވާ އިރު، އޭގެ ތެރެއިން ތިން ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.