އިންޑިއާގެ ކޮވިޑް ބަލިމީހުންނަށް ހުދު ފޫގެ ނުރައްކާ
އިންޑިއާގެ ކޮވިޑް ބަލިމީހުންނަށް ހުދު ފޫގެ ނުރައްކާ

އިންޑިޔާގައި ކޮވިޑް-19 ޖެހޭ ބައެއް މީހުން އަދި ބަލިން ރަނގަޅުވެފައިވާ ބައެއް މީހުންނަށް ކަޅު ފޫ (ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް) ބަލި ޖެހެން ފެށުމަށް ފަހު، މިހާރު ހުދު ފޫ (ވައިޓް ފަންގަސް ނުވަތަ ކެންޑީޑާ އައުރިސް) ބަލި ވެސް ބައެއް މީހުންނަށް ޖެހެން ފަށައިފި އެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅުގެ ނުރައްކަލުން ސަލާމަތް ނުވެވިގެން އިންޑިޔާ އުޅޭއިރު، ފަންގަސްގެ ބަލިތައް ޖެހެން ފެށުމަކީ، އެގައުމުގެ ސިއްހީ ހިދުމަތްތެރިންނަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކެވެ. މީގެ މަހެއްހާ ދުވަސް ކުރިން ކަޅު ފޫ ބަލި ޖެހެން ފެށީއްސުރެ މިހާތަނަށް 12000 އަށް ވުރެ ގިނަ މީހުންނަށް އެބަލި ޖެހި، އޭގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އިންޑިޔާގެ ޑޮކްޓަރުން ބުނާ ގޮތުގައި އަލަށް ފެންނަން ފެށި ހުދު ފޫ ބަލި ޖެހޭ ކަމަށް ރެކޯޑްކުރެވިފައިވަނީ، ކޮވިޑް ޖެހިގެން އައިސީޔޫގައި ފަރުވާ ދޭން ފަށާތާ ހަފުތާއެއް ނުވަތަ 10 ދުވަސް ފަހުންނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ހުދު ފޫ ބަލި ޖެހުމުން އާންމު ގޮތެއްގައި ގެއްލުން ލިބެނީ ލޭދައުރުވުމުގެ ނިޒާމަށެވެ. ނަމަވެސް ބައެއް ފަހަރަށް ނޭވާލާ ނިޒާމަށާއި ނާރުތަކުގެ ނިޒާމަށާއި އެތެރެހަށީގެ ގުނަވަންތަކަށް އަދި ހަންގަނޑަށް ވެސް މި ބަލީގެ އަސަރުކުރެ އެވެ.

އިންޑިޔާގައި ކޮވިޑް ބަލިގެ މީހެއްގެ ހަށިގަނޑުން އެންމެ ފުރަތަމަ ހުދު ފޫ ބަލި ފެނުނީ، ހުސްވި މޭ މަހުގެ މެދުތެރޭގައި ކޮވިޑް ޖެހިގެން އައިސީޔޫގައި ފަރުވާ ދިން މެދު އުމުރުގެ ފިރިހެނެއްގެ ހަށިގަނޑުންނެވެ. އޭނާ ވެންޓިލޭޓަރުގައި ބާއްވައިގެން، ހާލު ބޮޑު ބަލިމީހުންނަށް ދޭ ފަރުވާއެއް ކަމަށްވާ ސްޓީރޮއިޑްސް ދިނެވެ. ދެ ހަފުތާއަށް ވުރެ ގިނަ ދުވަހު އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، ހާލު ރަނގަޅުވާން ފެށުމުން ގެއަށް ފޮނުވައިލަން ތައްޔާރުވަމުން ދަނިކޮށް، އޭނާގެ ހަށިގަނޑުގައި ހުދު ފޫ އަށަގެންފައިވާ ކަން ޑޮކްޓަރުންނަށް ފާހަގަވި އެވެ.

ކޮވިޑްގެ ދެ ވަނަ ރާޅުގައި، އިންޑިޔާގެ ގިނަ ސްޓޭޓްތަކުގައި ކޮވިޑް ފެތުރެމުންދާއިރު، ގިނަ އަދަދެއްގެ ބަޔަކު ހާލު ބޮޑުވެގެން އައިސީޔޫގައި ފަރުވާ ދޭން ޖެހެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް ސްޓީރޮއިޑްސްގެ ފަރުވާ ދެމުން އަންނަ އިރު، އެއީ ހުދު ފޫ ޖެހުމުގެ ސަބަބަކަށް ވެދާނެ ކަމަށް، މުމްބާއީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އޯމް ސްރިވާސްތަވާ ވިދާޅުވެ އެވެ.

ސަބަބަކީ، ސްޓީރޮއިޑްސްގެ ފަރުވާއަކީ މީހާގެ ދިފާއީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ފަރުވާއަކަށް ވުމެވެ. ފޫގެ ބާވަތްތައް އިންސާނާގެ ހަށިގަނޑުގައި އާލާވެ، އެކި ގުނަވަންތަކަށް ހަމަލާ ދޭން ފަށަނީ، އެމީހެއްގެ ދިފާއީ ނިޒާމު ބަލިކަށިވުމުންނެވެ.