21 ނޮވެމްބަރ 2016 - 00:03

ލަންޑަން (ނޮވެމްބަރު 21) - ޑިއޭގޯ ކޮސްޓާގެ ލަނޑުން 1-0 އިން މިރޭ ރަށުން ބޭރުގައި މިޑްލްސްބަރާ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ޗެލްސީ ޖެހިލައިފި އެވެ.
މިރޭގެ މެޗަށް ޗެލްސީން ނުކުތްއިރު ކުރިން ލީގުގެ އެއް ވަަނައިގައި އޮތް ލިވަޕޫލް ވަނީ ރޭ ކުޅުނު މެޗުން ސައުތެމްޓަނާ އެއްވަރުވެފަ އެވެ. އެހެން ކަމުން ލީގުގެ އެއް ވަނަ ހޯދަށް މިރޭގެ މެޗުން ޗެލްސީ އަށް ބޭނުންވަނީ ތިން ޕޮއިންޓެވެ. ޗެލްސީ އެއް ވަނަ އަށް އެރީ 12 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 12 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.
މިއީ 2014-2015 ވަނަ އަހަރު ލީގު ހޯދި ފަހުން ޗެލްސީން ލީގުގެ އެއް ވަނައިގައި ހަފްތާއެއް ނިންމާލި ފުރަތަމަ ފަހަރެވެ.
އަނިޔާގެ ސަބަބުން މިދިޔަ އަންގާރަ ދުވަހުގެރޭ އިންގްލެންޑާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ކޮސްޓާ ނުކުޅެ އެވެ. މިރޭގެ މެޗުގައި ކޮސްޓާ ޖެހި ލަނޑާ އެކު އޭނާ ވަނީ ލީގުގައި 10 ގޯލު ހަމަކޮށްފަ އެވެ. ކޮސްޓާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 41 ވަނަ މިނިޓްގަ އެވެ.
ލީޑުފުޅާކުރަން ދެ ވަނަ ހާފްގައި ޗެލްސީގެ ވިކްޓަ މޮސަސް އާއި ޕެޑްރޯ ރޮޑްރިގޭޒަށް ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މޮސަސް ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، ޕެޑްރޯގެ ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
މިޑްލްސްބަރާ އަށް ވެސް މި މެޗުގައި ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ގަސްޓޮން ރަމިރޭޒާއި އެޑަމާ ޓްރައޮރޭ ފޮނުވާލި ހަމަލާތައް ގޯލާ ސީދާނުވެ ދިޔައިރު، އަލްވާރޯ ނެގްރޭޑޯ ފޮނުވާލި ބޯޅަ ޗެލްސީ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ސީޒަން ފެށުނުއިރު ޗެލްސީ އަށް މައްސަލަތަކެއް ދިމާވި ނަމަވެސް އެޓީމުން ވަނީ ފޯމޭޝަނަށް ބަދަލު ގެނެސް ޓީމުގެ ފޯމު ރަނގަޅުކޮށްފަ އެވެ. މިރޭގެ މެޗުގައި ޗެލްސީން ބޭނުންކުރި ފުރަތަމަ އެގާރަ އަކީ ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ބޭނުންކުރި ފުރަތަމަ އެގާރަ އެވެ.