01 ޖޫން 2021 - 13:28

މެޑްރިޑް (1 ޖޫން) - ކޯޗްގެ މަގާމު ހުސްވެފައިވާ، ރެއާލް މެޑްރިޑުން ކޯޗަކު ހޯދުމުގައި އަދިވެސް ގޮތެއް ނިންމުމާ ހަމައަށް ނުދެވޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.
މިދިޔަ ހަފުތާގައި، އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިން، ޒައިނުއްދީން ޒިދާންގެ ބަދަލުގައި، އެ ކްލަބުން މަސައްކަތް ކުރީ މަސިމިލިއާނޯ އެލެގްރީ ގެންދާށެވެ. ދެ އަހަރު ވަންދެން އެއްވެސް ޓީމަކާ ހަވާލު ނުވެ ހުރި މެކްސް އެލެގްރީ ވަނީ ރެއާލްގެ ހުށަހެޅުމަށް މަޑުނުކޮށް އަލުން ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވެފަ އެވެ.
ރެއާލްގެ ކޯޗް ކަމަށް އަންނާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓްގައި މިހާރު ހިމެނޭ ނަންތަކަކީ، އިންޓަ މިލާންއަށް ނިމިދިޔަ ސީޒަންގެ ސެރީ އާ ގެ ޗެމްޕިއަންކަން ހޯދައިދިން އެންޓޯނިއޯ ކޮންޓޭ، ޕީއެސްޖީގެ ކޯޗް މައުރީސިއޯ ޕޮޗެޓިނޯ، ރެއާލްއަށް ކުރިން ކޯޗް ކޮށްދިން އެވެޓަންގެ މީހާރުގެ ކޯޗް ކާލޯ އަންޗެލޯޓީ އަދި ރެއާލްގެ ބީ ޓީމުގެ ކޯޗް ރައުލް ގޮންޒާލޭޒް އެވެ.
އެ ކޯޗުންގެ ތެރެއިން ރެއާލްގެ ފޭވަރިޓް ނަމަކީ، ޕޮޗެޓިނޯ އެވެ. ނަމަވެސް އޭނާ ދޫކޮށްލަން ޕީއެސްޖީން ތިބީ ތައްޔާރަކަށް ނޫނެވެ. ޕޮޗެޓިނޯ އާއި އަންޗެލޯޓީ ގެންދާނަމަ ޓްރާންސްފާ ފީ އެއް ދައްކަން ޖެހޭނެ އެވެ. ކޮންޓޭ މިހާރު ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ. އެހެންވެ ރެއާލްއަށް އެންމެ ފަސޭހަ ނަމަކަށް ވާނީ ކޮންޓޭ އެވެ. ރައުލް ބޭނުން ވަނީ އަދި އިތުރު މުއްދަތަކަށް ބީ ޓީމުގއި މަސައްކަތް ކުރުމަށެވެ.
ކުރިއަށް އޮތް ޔޫރޯއަށް ފަހު ޖަރުމަންގެ ކޯޗް ކަމުން ވަކިވާ، ޔޯކިމް ލޯ ގެ ނަންވެސް ރެއާލްގެ ރާޑަރަށް އެރި އެވެ. ނަމަވެސް އޭނާ ބުނެފައި ވަނީ މި އަހަރު އެއްވެސް ޓީމަކާ ހަވާލު ނުވާނެ ކަމަށެވެ.