މަރުގެ އެކްސިޑެންޓުގައި ފިލި މީހާ ހައްޔަރުކޮށްފި
މަރުގެ އެކްސިޑެންޓުގައި ފިލި މީހާ ހައްޔަރުކޮށްފި

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި މަރުގެ އެކްސިޑެންޓަށް ފަހު ފިލި، ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.

މަރުގެ އެކްސިޑެންޓުގައި ފިލި މީހާ ހައްޔަރުކޮށްފި
މަރުގެ އެކްސިޑެންޓުގައި ފިލި މީހާ ހައްޔަރުކޮށްފި

ގަލޮޅު ހުވަފެނީ ގޯޅިން ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުގައި އޮތް ގާޑިޔަލެއްގައި ޖެހި އެކްސިޑެންޓުވެ، އެ ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގުމާ އެކު ސައިކަލު ދުއްވި މީހާ އެ ތަނުގައި މަޑުނުކޮށް ވަނީ ފިލައިފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިލި މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ފަހެއް ޖަހާއިރު ކަމަށެވެ.

އެ ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކާ އެކު މަރުވީ އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.

މީގެ ކުރިން ވެސް މިފަދަ މަގުމަތީ އެކްސިޑެންޓްތައް ހިނގައި މީހުންނަށް އަނިޔާ ލިބުމުން، އެކަމުގައި ޝާމިލުވާ މީހުން ފިލި މައްސަލަތަކެއް ވަނީ ފެންމަތިވެފައިވެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރު ތަހުގީގުކުރަމުންނެވެ.