01 ޖޫން 2021 - 12:57

އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު، ވެކްސިން ނެތުމުން 109،737 މީހަކު އެ ވެކްސިންގެ ދެ ވަނަ ޑޯޒް ނުޖެހި އެބަ ތިބި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ޓައިމް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް މެދުވެރިކޮށް ވެކްސިން ހޯދަން، ދަތިވެފައިވާތީ އެސްޓްރަޒެނެކާ ކުންފުނި މެދުވެރިކޮށް އެ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން 228،653 މީހުން ކޮވިސީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 117،342 މީހެކެވެ. ބާކީ 109،737 މީހުންނަކީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭ ކަމަށް ކުރިން ބުނި މުއްދަތު ހަމަވެ، ވެކްސިން ނެތުމުން ޑޯޒް ފުރިހަމަ ނުކުރެވިފައި ތިބި މީހުންނެވެ.
ކުރިން ނިންމާފައި އޮތީ މި ވެކްސިންގެ ދެ ވަނަ ޑޯޒް 8-12 ހަފުތާ ތެރޭ ޖެހުމަށެވެ. އެކަމަކު ވެކްސިން ނުލިބުމުން ފަހުން ވަނީ 16 ހަފުތާ ފަހުން ދެ ވަނަ ޑޯޒް ޖަހަން ނިންމައިފަ އެވެ.
އެހެންވެ، އެސްޓްރަޒެނެކާ ވެކްސިން ހޯދައި، އެ ވެކްސިން، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހިފައި ތިބި މީހުންނަށް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޝީލްޑަކީ އެސްޓްރަޒެނެކާ ވެކްސިން އިންޑިއާގައި އުފައްދައި މާކެޓްކުރާ ނަމެވެ. އެކަމަކު އެއީ ހަމަ އެއް ވެކްސިނެކެވެ.
ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި ޗައިނާގެ ސިނަފޯމް ވެކްސިން ވެސް ޖަހަމުން އަންނައިރު ރާއްޖޭގައި މިވަގުތު ބޭނުންކުރަމުން އަންނަނީ އެ ގައުމުންް ރާއްޖެއަށް ހަދިޔާކުރި ވެކްސިނެވެ. އޭގެ 200،000 ޑޯޒް ހަދިޔާކުރި ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާ އިން އިތުރަށް ވެކްސިން ގަތުމުގެ ހިޔާލެއް ސަރުކާރުންް ނުގެންގުޅެ އެވެ.
ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް މިހާރު ވެކްސިން ދީފައިވާއިރު 37 ޕަސެންޓް މީހުން ވަނީ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ.
މިވަގުތު ވެސް ޗައިނާ އިން ހަދިޔާކުރި ސިނަފޯމް ވެކްސިން ހުސް ނުވެ ހުރި ނަމަވެސް ވެކްސިން ޖަހައި މީހުންގެ އަދަދުތައް މިފަހުން ވަނީ މަދުވެފަ އެވެ. އެ ވެކްސިންގެ ފުރަތަމަ ޑޯޒް 78،000 މީހުން ޖަހާފައިވާއިރު 45،000 މީހުން ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ.