02 ޖޫން 2021 - 06:38

ސުޕަ ޑާންސަ 4 ގެ މި ހަފުތާ ބަންދުގެ ޝޯ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ގޯވިންދާ އާއި ނީލަމަށް ހާއްސަކޮށް އެ ދެ މީހުން ޖަޖުންގެ ޕެނަލް އަށް ގެންނަން ނިންމައިފި އެވެ.
ޝޯ ހާއްސަކޮށްފައިވަނީ ގޯވިންދާ އާއި ނީލަމް ބޮލީވުޑްގައި ހޭދަކުރި 35 އަހަރުގެ މަސައްކަތަށެވެ. މި ދެ ފަންނާނުންނާ ގުޅުންހުރި އެކި ލަވަތަކަށް ޝޯގެ ބައިވެރިން ނެށުންތައް ހުށަހަޅާނެ އެވެ.
ނީލަމްގެ ފިރިމީހާ ސާމިރު ސޯނީގެ އިންސްޓާގްރާމްގައި މި ޝޯ ގެ ކުޑަ ޕުރޮމޯ ވީޑިއޯއެއް ވަނީ ދައްކާލައިފަ އެވެ. އޭގައި "ވިހި އަހަރުގެ ދިގު އިންތިޒާރަށް ނިމުމެއް" ކަމަށް ލިޔެފައިވެ އެވެ.
ފިލްމު "އިލްޒާމް" އިން 1986 ވަނަ އަހަރު ތައާރަފްވި މި ދެ ފަންނާނުންނަށް ކުއްލި ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. މި ދެ ފަންނާނުން ވަނީ "ސިންދޫރު" އާއި "ލަވް 86" ފަދަ މަޝްހޫރު ފިލްމުތަކުގެ އިތުރުން 14 ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފަ އެވެ.
ނީލަމް މިހާރު މަސައްކަތް ކުރަމުން ދަނީ ނެޓްފްލިކްސް އިން ގެނެސްދޭ ވެބް ސީރީޒްއެއް ކަމަށްވާ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގަ އެވެ. ގޯވިންދާ އެންމެ ފަހުން ފެނިފައިވަނީ "ރަންގީލާ ރާޖާ" އިން 2019 ގަ އެވެ.