01 ޖޫން 2021 - 11:22

އިޒްރޭލުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ ރައްޔިތުންނާއި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ޔަހޫދީން މިނިވަންކުރުމުގެ ހަގީގީ ފުރުސަތެއް މިހާރު ތަނަވަސް ވެފައި އެބައޮތް ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވަމުން ހަމާސް ޖަމާއަތުގެ ގާޒާ ގޮފީގެ އިސް ވެރިޔާ ޔަހްޔާ އައްސިންވާރު އިއްޔެ ވިދާޅުވީ، އެ ޖަމާއަތުން ހައްޔަރުކޮށްފައި ތިބި އިޒްރޭލުގެ ސިފައިން މިނިވަންކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަން ހަމާސް އޮތީ ތައްޔާރަށް ކަމަށެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، މިހާރު ގާޒާ އަށް ވަޑައިގެން އުޅުއްވާ، މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ އައްބާސް ކާމިލްއާ ބައްދަލުކުރެއްވުމަށް ފަހު އެވެ.
ނަމަވެސް، އަސީރުން ބަދަލުކުރުމުގެ މަސައްކަތާ، ގާޒާ އާރާސްތުކުރުމުގެ މަސައްކަތާ އެއްވެސް ގޮތަކުން ނުގުޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިދިޔަ މެއި 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލުން ގާޒާ އަށް ދިން އުދުވާނީ ހަމަލާގައި، ގާޒާއަށް ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ގޮތުން، ގާޒާ އާރާސްތުކުރަން ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
"އަސީރުން ބަދަލުކުރުމާ އެހެން އެއްވެސް ކަމަކާ ގުޅުވުން، އަހަރެމެން މުޅިން އިންކާރުކުރަން. މިކަމަކީ، ގާޒާ އަށް އެއްވެސް ލުޔެއް ދިނުމާއި ގާޒާ ހިސާރުކޮށްފައި އޮތް އޮތުން އުވާލުމާއި ނުވަތަ ގާޒާ އާރާސްތުކުރުމާ އެއްވެސް ގޮތަކުން ގުޅުމެއް އޮތް ކަމެއް ނޫން."
ސިންވާރު ވިދާޅުވި ގޮތުގައި އަސީރުންގެ މައްސަލަ އެހެން ކަންކަމާ ނުގުޅުވިޔަސް، ގާޒާ އާރާސްތުކުރުމުގެ މަސައްކަތާއި، އަސީރުން ބަދަލުކުރުމުގެ ވާހަކަތައް އެކުގައި ކުރިއަށް ގެންދިއުމަކީ މައްސަލައެއް ނޫނެވެ. އަދި އަސީރުން ބަދަލުކުރުމުގެ ކަންތައް ވަރަށް ފަހުން ވެސް މަޝްވަރާގެ މަރުހަލާގައި ކުރިއަށް ދިޔަ ކަމަށާއި، ނަމަވެސް އިޒްރޭލަށް ކުރިމަތިވި ސިޔާސީ ލޮޅުންތަކުގެ ސަބަބުން އެމަސައްކަތް ހުއްޓުނީ ކަމަށް ސިންވާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނު މީހުންގެ ނިންމުން އެއްގޮތް ކުރުމަށްޓަކައި، ކުރިއަށް އޮތް ދުވަސްތަކުގައި މިސްރުގެ ވެރިރަށް ގާހިރާގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ދާތަން ފެންނާނެ އެވެ. ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތަކުގެ އެއްބައިވަންތަކަމާއި، ފަލަސްތީނު ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ނަގަހައްޓައި، ފަލަސްތީނު މިނިވަންކޮށް އެނބުރި އައުމަށްޓަކައި ސުލްހަވެރި ގޮތުގައި ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަލާ ބަދަލުކުރުން ހުއްޓާލައިގެން ތިބުން އެ ގޮތުގައި ދެމެހެއްޓުމާ ބެހޭ ގޮތުންނާއި އުދުވާންތަކުން އަހަރެމެންގެ ރައްޔިތުން ސަލާމަތްކުރާނެ ގޮތުގެ ހުރިހާ ތަފްސީލެއް، މިސްރުގެ ވެރިންނާ އަހަރެމެން ހިއްސާކޮށްފިން. އަދި އަޅުވެތިކަމާ ދެކޮޅު ހަރަކާތް އޮތީ ވަރަށް ވަރުގަދަކޮށްކަމުގެ ޔަގީންކަން ދިނިން. އަދި ޢަދުއްވުންގެ ކޮންމެ އެތިފަހަރަކަށް ރައްދު ދިނުމަށް، އަހަރެމެންގެ އަތްތައް އަބަދުމެ ހުރީ، ސިލޭހައިގެ މުއްގަނޑުގައިކަން ވެސް ޔަގީންކޮށްދިނިން،" ސިންވާރު ވިދާޅުވި އެވެ.