01 ޖޫން 2021 - 11:42

މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން މާލޭ ސިޓީ ކައުންސިލަށް ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
ކައުންސިލްތަކަށް ރައީސުންނާއި އަތޮޅު ކައުންސިލަރުން އަދި މޭޔަރުން ވެސް އިންތިހާބުކުރަނީ ރައްޔިތުންގެ ވޯޓުން ނަމަވެސް ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން އިންތިހާބުުކުރަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލަރުން ހުވާކުރިއިރު ކޮވިޑް-19 ގެ ބަލިމަޑުކަން އޮތް ގޮތުން މާލެ އާއި ބައެއް ރަށްރަށުގައި އެ ރަސްމިއްޔާތު ބޭއްވީ އޮންލައިންކޮށެވެ. މިހެންވެ، މާލޭގެ ޑެޕިއުޓީ މޭޔަރަކު ނުހޮވަ އެވެ، އަދި ބައެއް ރަށްރަށަށް ނައިބް ރައީސުން ވެސް އިންތިހާބު ކުރެވިފައެއް ނުވެ އެވެ.
އެކަމަކު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އިންތިހާބުކުރުމަށް އެންގި ނަމަވެސް މާލޭގެ ޑެޕިއުޓީ މޭޔަރަކު އިންތިހާބު ކުރަން ބާއްވާ ޖަލްސާ އޮންނާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ ދައުރުގައި ޑެޕިއުޓީ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އެވެ.
އާ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ޕީޕީއެމަށް ލިބިފައިވާއިރު، އެ ޕާޓީ އަށް ނިސްބަތްވާ އެ ތިން ބޭފުޅުންގެ މެދުގައި ޑެޕިއުޓީ މޭޔަރަކަށް ވުމުގެ ވާދަވެރިކަން ވަރަށް ބޮޑެވެ.