އުރީދޫގެ ކަސްޓަމަރުންނަށް މާދަމާ އިން ފެށިގެން އިތުރު ޑޭޓާ ލިބޭނެ
އުރީދޫގެ ކަސްޓަމަރުންނަށް މާދަމާ އިން ފެށިގެން އިތުރު ޑޭޓާ ލިބޭނެ

އުރީދޫގެ ކަސްޓަމަރުން ކޮވިޑްގެ މި ހާލަތުގައި ގޭގައި ތިބުމަށް ބާރު އެޅުމަށްޓަކައި، އެ ކުންފުނިން އިތުރު ޑޭޓާ ލިބޭ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫން މިއަދު ބުނީ މާދަމާ އިން ފެށިގެން އެ ކުންފުނީގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި އޮފާތައް ލިބޭނެ ކަމަށެވެ.

- ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ.

- ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ.

- ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑްއޮންތަކުން 200 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ. (މި އެޑްއޮންތައް މިހާރު "ވަރަށް ތަފާތު" "އެކު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް" އިންވެސް ލިބޭނެ)

- ޕޯސްޓްޕެއިޑް މަންތުލީ ޑޭޓާ އިން 50 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ.

- ސޯޝަލް މީޑިއާ، ގޭމް އަދި އޮންލައިން ސްޓްރީމިން އަށް ހާއްސަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކުން 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ.

- ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބާ މެދުވެރިކޮށް ހިލޭ މެސެޖު.

- ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލައި "އެކު ޕޯސްޓްޕެއިޑް"، "ތަފާތު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް"އަށް އަޕްގްރޭޑް ކުރެވުން.

- އާޗާ 1ޖީބީ ޕްލޭނަށް ދެ ގުނަ ޑޭޓާ. (ދުވާލަކު 2ޖީބީ ލިބޭނެ)

- މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާއާއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ޕަސެންޓަށްވުރެ ގިނަ ޑޭޓާ.

- ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ދުވަސްވަރު އާއްމުން ގޭގައި ތިބެން ޖެހިފައިވާއިރު، އެ ކުންފުނީގެ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތް، ފެންވަރު ރަނގަޅު އިންޓަނެޓް ލިބެން ޖެހޭ ކަމަށެވެ. އެހެންކަމުން މި އޮފާތަކާއެކު، ކަސްޓަމަރުންނަށް ގޭގައި ތިބޭއިރު އިތުރު ލުޔެއް ލިބި، އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑް-19 ޕެންޑެމިކް ފެށުނީއްސުރެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި މުޖުތަމައަށާއި އަޅުގަނޑުމެންގެ ޓީމަށް ވެސް މިދަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުން. އެގޮތުން އަނެއްކާ ވެސް [ކޮވިޑްގެ] އާ ރާޅަކާ ކުރިމަތިލަމުންދާއިރު މި ލޯންޗު ކުރެވުނު ހާއްސަ އޮފާތަކާއެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާ ގުޅުވައިލަދީ ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ވަނީ މި ދުވަސްވަރު ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި، ސަރުކާރާއި އެޗްޕީއޭ އަދި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.