31 މެއި 2021 - 22:49

ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ މައުލޫމާތު ހޯދަނީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުން ގޭގައި މަސައްކަތް ކުރާތީ އިދާރީ ބޭނުމަށް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭ އިން މިއަދު ވަނީ ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ މައުލޫމާތު ޑީޖޭއޭއަށް ފޮނުވަން އަންގައިފަ އެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ޓްވިޓާ އާއި ފޭސްބުކް އެކައުންޓްތަކުގެ މައުލޫމާތު ވެސް ހިމެނެ އެވެ.
ޑީޖޭއޭގެ އޮފިޝަލަކު ވިދާޅުވީ އެ މައުލޫމާތު އެއްކުރަމުން ދަނީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަމުން ދާތީ އިދާރީ ބޭނުމަށްޓަކައި ކަމަށެވެ. އެ މައުލޫމާތުތައް ޑީޖޭއޭ އިން ކުރިން ވެސް ހޯދާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ މައުލޫމާތު ނެތް މުވައްޒަފުންގެ މައުލޫމާތުތައް އިތުރަށް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި އޮތް ހާލަތާ ގުޅިގެން ގޭގައި މަސައްކަތް ކުރަމުންދާތީ މައުލޫމާތުތައް އަޕްޑޭޓް ކުރަމުންދާތީ އެ މައުލޫމާތު މި ހޯދަނީ. އެއްވެސް ކަހަލަ ނުބައި އިންޓެންޝަނެއްގައި ކުރާ ކަމެއް ނޫން އެއީ." އޮފިޝަލް ވިދާޅުވި އެވެ.
މީގެކުރިން ޑީޖޭއޭއިން ވަނީ ފަނޑިޔާރުންގެ ފަރާތުން ވެެސް އެ މައުލޫމާތުތައް ހޯދައިފަ އެވެ.