އެމިރޭޓްސްގެ ސަފީރު ޔަހޫދީ ބަރަކާތް ލިބިގަތް މައްސަލަ ހޫނުވެއްޖެ
އެމިރޭޓްސްގެ ސަފީރު ޔަހޫދީ ބަރަކާތް ލިބިގަތް މައްސަލަ ހޫނުވެއްޖެ

އެމިރޭޓްސް އިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު މަހްމޫދު އާލް ޚާޖާ، އިޒްރޭލުގެ އިސް ފާދިރީ ޝާލޫމް ކޮހެން އަށް ކުރުނީސްކުރައްވައި، އޭނާގެ ފަރާތުން ބަރަކާތް ލިބިގަތް މައްސަލައެއް ހޫނުވެއްޖެ އެވެ.

އެމިރޭޓްސްގެ ސަފީރު، ޔަހޫދީ ފާދިރީއާ ބައްދަލުކުރެއްވީ، އިރުމަތީ ގުދުސްގައި ފާދިރީ ދިރިއުޅޭ ގެއަށް އިއްޔެ ކުރެއްވި ޒިޔާރަތެއްގަ އެވެ. އިޒްރޭލުގެ ނޫސްތަކުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ސަފީރު އިންނަވަނީ ޔަހޫދީ ފާދިރީގެ ކައިރީގައި ކަކޫ މައްޗަށް ތިރިވެގެންނެވެ. އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުގައި ފާދިރީ އޭނާގެ ކަނާތުން ސަފީރުގެ ބޮލުގައި ފިރުމައި، ތައުރާތުގެ ކިޔެވެލިތަކެއް ކިޔަވައި ބަރަކާތް ލައްވައެވެ.

އިޒްރޭލުގެ ހާރިޖީ ވުޒާރާއިން އަރަބި ބަހުން ހިންގާ ވެބްސައިޓް، އިސްރާއީލް ބިލްއަރަބީ ގައި ބުނެފައިވާ ގޮތުގައި އެމެރޭޓްސްގެ ސަފީރު ޔަހޫދީ ފާދިރީ އަށް ކުރެއްވި ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އިބްރާހީމީ އެއްބަސްވުން (އިޒްރޭލާއި އެމިރޭޓްސް އަދި އިޒްރޭލާއި ބަހްރައިންއާ އެކު 2020 ގައި ސޮއިކުރި އެއްބަސްވުން)އާ ބެހޭ ގޮތުންނެވެ. އަދި ދެ ބޭފުޅުން ރަމްޒީ ހަދިޔާވެސް ބަދަލުކުރެއްވި އެވެ. އޭގެ އިތުރުން، އެމިރޭޓްސްގެ ވެރިރަށް އަބޫ ދާބީގައި ބިނާކުރާ، އިބްރާހީމީ ތިން ދީނުގެ ފައްޅި ހުޅުވުމުގެ ރަސްމިއްޔާތަށް އެމިރޭޓްސްއަށް ވަޑައިގަތުމަށް، ޔަހޫދީ ފާދިރީއަށް ދައުވަތު ދެއްވި އެވެ.

ޔަހޫދީ ފާދިރީއާ ބައްދަލުކުރެއްވުމުގެ ތެރޭގައި، ގާޒާގެ ހަމަލާތަކާ ބެހޭ ގޮތުން ވެސް އެމިރޭޓްސް ސަފީރު ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ގާޒާ އާއި ޝައިހް ޖައްރާހް އަވަށުގައި އިޒްރޭލުން ހިންގީ ވަރަށް ނުބައި އުދުވާނެއް ކަމަށާއި، ނަމަވެސް އަލްޖަޒީރާ ޓީވީ ޗެނަލުންނާއި އިޚުވާނުލް މުސްލިމީން ޖަމާއަތުން، އިޒްރޭލުގެ ހަމަލާތައް ހިނގައި ދިޔަ ގޮތް، އާންމު ރައްޔިތުންނަށް އޮޅުވައިލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމިރޭޓްސްގެ ސަފީރުގެ މި އަމަލުތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި، އެމިރޭޓްސްގެ ސަފީރަށާއި އެމިރޭޓްސް ސަރުކާރަށް ވަރަށް ބޮޑަށް އަންނަނީ ފާޑުކިޔަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި، ފާދިރީގެ ގެ ހުންނަނީ، އިޒްރޭލުން އަޅުވެތިކޮށްފައިވާ ގުދުސްގައި، އަދި ޝައިހް ޖައްރާހް އަވަށާ ކައިރީގައި ކަމަށްވެފައި، އިރުމަތީ ގުދުސުން މުސްލިމުން ބޭރުކޮށް، އެތަނުގައި ޔަހޫދީން ވަޒަންވެރިކުރުވަމުން ދާއިރު، އެމިރޭޓްސް ސަފީރު، ފާދިރީގެ ގެއަށް ޒިޔާރަތް ކުރެއްވުމަކީ، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް މަލާމާތް ކުރެއްވުމެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލުން ގާޒާއަށް ދިން އުދުވާންތަކަށް މުޅި ދުނިޔެ ދެކޮޅު ހަދައި ބަޔާންތައް ނެރެފައިވެ އެވެ. ނަމަވެސް އަރަބި ގައުމުތަކުގެ ތެރެއިން، މިހާތަނަށް ވެސް އިޒްރޭލުގެ އެ އުދުވާން ކުށްވެރި ނުކުރާ ހަމައެކަނި ގައުމަކީ އެމިރޭޓްސް އެވެ.