އަނަންޔާ އާއި ސިދަންތަށް ދެވަނަ ފިލްމެއް
އަނަންޔާ އާއި ސިދަންތަށް ދެވަނަ ފިލްމެއް

އަރަމުން އަންނަ ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ސިދަންތު ޗަތުރަވެދީ މިހާރު ވެސް އެކީގައި ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަނިކޮށް، ދެ ތަރިންނަށް އިތުރު ޕްރޮޖެކްޓަކުން ފުރުސަތު ލިބިއްޖެ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އަދި ނަން އިއުލާންނުކުރާ މި ފިލްމަކީ ސިދާންދު ބޮލީވުޑަށް ނެރުނު ފިލްމު 2019 ގެ "ގަލީ ބޯއި" ގެ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި މީގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަރުޖުން އެވެ.

ޕިންކްވިލާ އިން ބުނީ މި އަހަރުގެ ތެރޭގައި ޝޫޓިން ވެސް ފަށަން ތައްޔާރީތައް ވަމުން އަންނަ ފިލްމުގެ ކާސްޓްގައި ޕްރިޔަންކާ ޗޯޕްރާ އެކު "ދަ ވައިޓް ޓައިގާ" ގައި މަސައްކަތްކުރި އާދާޝް ގޯރަވް ވެސް ހިމެނޭ ކަމަށެވެ. ފިލްމުގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް މިހާރު ކުރަމުން ދިޔަ ނަމަވެސް މި ފިލްމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.

އަނަންޔާ އާއި ސިދާތަށް ދެވަނަ ފިލްމަކުން އެކީގައި މަސައްކަތްކުރަން ލިބުނު އިރު، ދެ ތަރިން އެކީގައި ފެންނާނެ ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ޑާކް ތުރިލާއަކުންނެވެ. ޝޫޓިންގެ ބޮޑު ބައި ނިމިފައިވާ އެކަމަކު އަދި ނަމާއި ރިލީޒްކުރާނެ ތާރީހެއް ވެސް އިއުލާން ނުކުރާ ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯން އާއި ދައިރިއާ ކަރްވާ ވެސް ހިމެނެ އެވެ.

ޒޯޔާ ޕްރޮޑިއުސްކުރާ އާ ފިލްމަކީ އޭނާ މީގެ ކުރިން ގެނެސްދިން ފިލްމުތަކުގެ ޕްރޮޑަކްޝަން ހައުސް އެކްސެލް އެންޓަަޓައިންމަންޓްގެ ބައިވެރިވުން އޮވެގެން ހަދާ ފިލްމެއްކަން ވެސް އަދި ކަށަވަރެއް ނުވެ އެވެ. އެ ސްޓޫޑިއޯ އަކީ ޒޯޔާޔާގެ ކޮއްކޮ އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރުހާން އަޚްތަރާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ ކުންފުންޏެކެވެ.

ޒޯޔާގެ ދެވަނަ ފިލްމަކުން ސިދާންތު، 28، އަށް ފުރުސަތު ލިބުނު އިރު އޭނާގެ އަތުގައި މިހާރު ވެސް އެކްސެލްގެ ދެ ފިލްމެއް އެބައޮތެވެ. އެއީ ޝޫޓިން ނިންމާފައިވާ ހޮރޯ-ކޮމެޑީ "ފޯންބޫތު" އާއި ޝޫޓިން އަދި ނުފަށާ އެކްޝަން ތުރިލާ "ޔުދުރާ" އެވެ.

އުންމީދީ އެކްޓަރުގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" އެެވެ.

އަނަންޔާ 22، ގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ ސެޕްޓެމްބަރު 9 އަށް ތާވަލުކޮށްފައިވާ ކަރަންގެ ދަރުމާ ޕްރޮޑަކްޝަންގެ "ލައިގާ" އެވެ.