ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނަނީ
ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނަނީ

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކަނީސަތު ގައި އިތުބާރު ގެއްލުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެކަމާ ގުޅިގެން އާ ސަރުކާރެއް އެކުލަވައިލެއްވުމަށް، އިޒްރޭލުގެ ރައީސް ރެއުވީން ރިވްލީން ދައުވަތު ދެއްވީ، އިދިކޮޅު ޔޭޝް އަތީދު ޕާޓީގެ ލީޑަރު ޔައީރް ލަޕީޑް އަށެވެ.

އާ ސަރުކާރެއް އެކުލަވައިލުމަށް ދިން 28 ދުވަހުގެ ދައުވަތު، އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހު ހަމަވާނެ އެވެ. ކުރިއަށް ދެ ދުވަސް އޮތް އިރު، އިޒްރޭލުގެ ސިޔާސީ މަސްރަހުން މިހާރު ފެންނަ ކަންތަކަށް ނަޒަރު ކުރާއިރު، ނަތަންޔާހޫގެ ވެރިކަމަށް ނިމުމުގެ ކޮޅުމަތި އަންނަނީ ފެންނަމުންނެވެ.

ކަނީސަތުގައި ހަ ގޮނޑި ލިބިފައިވާ، ޔަމީނާ ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓް، އިއްޔެ އިއުލާން ކުރެއްވި ގޮތުގައި އިދިކޮޅު ލީޑަރު ޔައީރް ލަޕީޑްގެ ޔޭޝް އަތީދު ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އޭނާ މިހާރު ވަނީ ނިންމައިފަ އެވެ. މި ދެ ބޭފުޅުންނަށް ކޯލިޝަން ސަރުކާރެއް އެކުލަވާލައި، ކަނީސަތުގެ އަގުލަބިއްޔަތު ހޯދިއްޖެ ނަމަ، ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމޭނެ އެވެ.

ނަތަންޔާހޫގެ ސަރުކާރު އެކި ގޮތްގޮތަށް ބަދަލުކުރަމުން ގޮސް، ކަނީސަތުގައި އަޣުލަބިއްޔަތު ދެމެހެއްޓޭ ގޮތް ނުވުމުން، މިދިޔަ ދެ އަހަރުގެ ތެރޭގައި ހަތަރު ފަހަރު އާންމު އިންތިހާބު ބާއްވަން ޖެހުނެވެ. އެކަމުގެ ސަބަބުން، ނަތަންޔާހޫގެ ގާބިލުކަމާ މެދު އިޒްރޭލުގެ ތެރޭގައި ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.

"މިހާރު އަހަރެންގެ މަގްސަދަކީ، އަހަރެންގެ ރަހްމަތްތެރިޔާ ޔައީރް ލަޕީޑްއާ އެކު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށްޓަކައި، ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދިޔުން. އޭރުން އިރާދަކުރެއްވިއްޔާ، މި އަޑިގަނޑުން ގައުމު ސަލާމަތްކޮށް، އަހަރެމެން ދެ މީހުން ވެގެން، ރަނގަޅު މިސްރާބަށް ގައުމު ގެންދެވޭނެ،" ކޯލިޝަން ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން ނަފްތާލީ ވިދާޅުވި އެވެ.

އާ ސަރުކާރެއް އެކުލަވައިލުމަށް ޔައީރް ލަޕީޑަށް ދީފައިވާ ދައުވަތުގެ މުއްދަތު ހަމަވާނީ، އަންނަ ބުދަ ދުވަހުގެ ރޭ ދަންވަރު 12:00 އަށެވެ.

ޔައީރް ލަޕީޑްއާ ގުޅިވަޑައިގެން ސަރުކާރެއް އެކުލަވައިލައްވަން ގަސްދު ކުރައްވާކަން ނަފްތާލީ އިއުލާން ކުރެއްވުމާ އެކު، ނަތަންޔާހޫ ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ ދެ ބޭފުޅުން ގުޅިވަޑައިގެން ސަރުކާރެއް އެކުލަވައިލުމަކީ، އިޒްރޭލުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވިގޮތުގައި، އިޒްރޭލުގެ ކަނާތު ފިޔައިގެ ޕާޓީތަކަށް ނަފްތާލީ ހިޔާނާތްތެރިވަނީ އެވެ. އެހެންކަމުން، ސަރުކާރެއް އުފެއްދުމަށްޓަކައި ނަފްތާލީއާ ގުޅިވަޑައިނުގަތުމަށް، ވަތަނީ ޚިޔާލާތުގެ މެމްބަރުންނަށް ނަތަންޔާހޫ ގޮވައިލެއްވި އެވެ.

ނަމަވެސް ނަފްތާލީ ވިދާޅުވީ، ކަނީސަތުގައި އަގުލަބިއްޔަތު ލިބިފައިވާ ސަރުކާރެއް އުފެއްދުމަކީ، ކަނާތު ފިޔައިގެ ޕާޓީތަކަށް، މިހާރުގެ ކަންތައް ހުރި ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކަނީސަތުގެ ގޮނޑިތައް ޕާޓީތަކަށް ބެހިފައި ހުރި ގޮތަށް ބަލާއިރު، ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ސަރުކާރެއް އެކުލަވައިލުމަކީ ނަފްތާލީއަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސަބަބަކީ، ނަތަންޔާހޫއާ އިދިކޮޅު މެންބަރުންނަށް ވެސް، ކަނީސަތުގެ ފަލަސްތީނު ދަރިކޮޅުގެ މެމްބަރުންގެ ތާއީދާ ނުލައި ސަރުކާރެއް އެކުލަވައިލެވޭ ވަރަށް އަގުލަބިއްޔަތު ލިބިފައި ނެތުމެވެ.

ނަމަވެސް ފަލަސްތީނު ދަރިކޮޅުގެ މެމްބަރުންނަކީ، ނަފްތާލީގެ ގިނަ ސިޔާސަތުތަކަށް ދެކޮޅު ހައްދަވާ ބޭފުޅުންނެވެ. އެ ސިޔާސަތުތަކުގެ ތެރޭގައި، ހުޅަނގު އައްސޭރީގައި، ޔަހޫދީ އާބާދީތައް އިތުރުކުރުމާއި، ހިފާފައިވާ ބިންތައް އިޒްރޭލުގެ ތަންތަނުގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ.

މި މަހުގެ 10 ވަނަ ދުވަހު އިޒްރޭލުން ގާޒާ އަށް ހަމަލާތައް ދޭން ފެށިއިރު ވެސް، ނަފްތާލީ އާއި ޔައީރް ލަޕީޑް ގުޅިވަޑައިގެން ސަރުކާރު އެކުލަވައިލާނެ ގޮތުގެ އެއްބަސްވުން އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. ހަމަލާތައް ފެށުމާ ގުޅިގެން، ސަރުކާރު އެކުލަވައިލުމުގެ ވާހަކަތައް މެދުކަނޑައިލީ އެވެ.

އާ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން، ނަފްތާލީ ދެއްކެވި ވާހަކަތަކަށް ފަހު، ޕީއެލްއޯ އިން ބުނި ގޮތުގައި އަލަށް އެކުލަވައިލާ ސަރުކާރުވެސް، ނަތަންޔާހޫގެ ސަރުކާރަށް ވުރެ ވަކި ސަހަލެއް ނުވާނެ އެވެ.