21 ނޮވެމްބަރ 2016 - 10:13

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނައިބު ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެނަކު އިއްޔެ އިންތިހާބުވިއިރު، އެ މަގާމަށް ހޮވިވަޑައިގެންނެވި ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ދެކެނީ މިއީ ކުޅިވަރުގައި އުޅޭ ހުރިހާ އަންހެނުނަށް ވެސް ލިބުނު ފަހުރެއްގެ ގޮތުގަ އެވެ.
"މިއީ އަޅުގަނޑަށް ލިބުނު ކުރިއެރުމެއްގެ އިތުރުން ކުޅިވަރުގައި އުޅޭ ހުރިހާ އަންހެން ކަނބަލުންނަށް ލިބުނު ފަހުރެއް. މި ހިސާބަށް އާދެވުމުން އަޅުގަނޑަށް ކުޅިވަރަށް ކަމެއް ކޮށްދެވިއްޖެކަމުގެ އިހުސާސް ކުރެވޭ. ދެން ބޭނުންވަނީ ހިދުމަތުގެ ދާއިރާ އިން ކުރިއަށްދާން،" ނާޒިމާ ވިދާޅުވި އެވެ.
ނާޒިމާ ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެކްސްކޯ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ އިތުރުން މިދިޔަ މެއި މަހު އޮތް އެފްއޭއެމް އިންތިހާބު ކާމިޔާބު ކުރެއްވި އަހުމަދު ތޯރިގް (ޓޮމް)ގެ އެކްސްކޯ މެމްބަރެއްގެ ގޮތުގައި ވެސް ނާޒިމާ ހުންނެވި އެވެ.
"ފުޓްބޯޅަ އަކީ ކުޑައިރުއްސުރެ އަޅުގަނޑަށް ވަރަށް ފަރިތަ ނަމެއް. އެއީ އަޅުގަނޑުގެ އާއިލާގައި ދެން ތިއްބި ފަސް ފިރިހެން ކުދިންނަކީ ފުޓްބޯޅަ ކުޅެ ގައުމީ ޓީމުގައި ކުޅެފައިވާ ކުޅުންތެރިން. ފުޓްބޯޅަ ހިންގުމުގައި އަޅުގަނޑު ދަސްކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި، އަޅުގަނޑު އުންމީދަކީ އެކްސްކޯގެ ދެން ތިއްބެވި ބޭފުޅުންގެ އެއްބާރުލުމާ އެކު ފުޓްބޯޅަ އަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދިނުން،" ނާޒިމާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އިއްޔެ އަކީ އެފްއޭއެމް އަށް ވަރަށް ތާރީހީ ދުވަހެއްގެ ގޮތުގަ އެވެ.
"މިއީ ވަރަށް ތާރީހީ ދުވަހެއް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ފުރަތަމަ ނައިބު ރައީސަކަށް އަންހެން ބޭފުޅަކު ވަޑައިގެންނެވި ދުވަސް. މިއީ އަންހެން ފުޓްބޯޅައިގެ ކުރިމަގަށް ވެސް ހެޔޮ ބަދަލެއް. އަޅުގަނޑުގެ ޓީމުގެ އަމާޒަކީ ހަމަހަމަ ކަމާ އެކީ އިންސާފުވެރިކޮށް މި އެސޯސިއޭޝަންގެ ކަންތައްތައް ކުރިއަށް ގެންދިއުން،" ބައްސާމް ވިދާޅުވި އެވެ.