31 މެއި 2021 - 10:41

އިޒްރޭލުގެ ސިއްރު ސިފައިން، ފަލަސްތީނުގެ ރަށްތަކަށް ވަގަށް ވަދެ، ފަލަސްތީނު މީހުން މަރަމުންދާ ކަމުގެ ޝަކުވާތައް އަނެއްކާ ވެސް އިތުރުވެއްޖެ އެވެ. ފަލަސްތީނުގެ ރަށްތަކަށް އިޒްރޭލު ސިފައިން، ކުލަ ހެދުމުގައި ވަންނަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ހިންގާ ހަރަކާތްތަކުގައި އެންމެ ފާޅުގައި ބައިވެރިވާ ޒުވާނުން ހޯދާށެވެ.

މިފަދައިން ހިނގި، އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ހާދިސާއަކީ، ހުޅަނގު އައްސޭރީގެ ރާމަﷲގައި ހުންނަ އަމާރީ ރެފިއުޖީ ކޭމްގައި ދިރިއުޅޭ، އަހްމަދު ފަހުދު، 24، މިދިޔަ އަންގާރަ ދުވަހުގެ ދަންވަރު ހައްޔަރުކޮށް، އޭނާގެ ގަޔަށް ބަޑިޖަހައި މަރައިލި ހާދިސާ އެވެ.

އެ ހާދިސާގައި ވެސް އިޒްރޭލުގެ ސިއްރު ސިފައިން، ކުލަ ހެދުމުގައި ރާމަﷲ އަށް ވަދެ، ފަހުދު ހައްޔަރުކުރީ، އެރޭ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. އޭގެ ފަހުން ފަތިހު 5:30 ހާއިރު، މަގުމަތީގައި އޭނާއާ އެތައް ސުވާލެއް ކުރުމަށް ފަހު، އޭނާގެ ގަޔަށް ފިސްތޯލަ ޖަހައި ޒަޚަމްކޮށްލި އެވެ. އެއަށް ފަހު، ވަރަށް ކައިރީގައި ތިބެގެން ފަހުދުގެ ގަޔަށް އެތައް ފަހަރަކު ފިސްތޯލަ ޖެހި އެވެ.
ފަހުދު ޒަޚަމްވެގެން މަގުމައްޗަށް ވެއްޓިފައި އޮތްއިރު، އޭނާ އަށް އެހީވުމަށް އެމްބިއުލެންސް ދިޔަ ނުދީ، މަގު ބަންދުކޮށްގެން، އޭނާގެ ފުރާނަ ދާންދެން، އިޒްރޭލުގެ ސިފައިން އެތަނުގައި ހަތިޔާރާ އެކު ތިބީ އެވެ.
ޑޮކްޓަރުންނާ ހަވާލާ ދީ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ފަހުދުގެ ބުރަކައްޓަށް އެއް ވަޒަން ވަދެފައި ހުރި ތަނުގައި ހުރީ، 2.5 ސެންޓިމީޓަރުގެ ލޯވަޅެކެވެ. ނަމަވެސް އޭނާގެ ބަނޑުން އެ ވަޒަން ނުކުމެފައި ހުރި ތަނުގައި ހަތް ސެންޓިމީޓަރުގެ ފުޅާ ޒަހަމެއް ހުއްޓެވެ. އޭގެ އިތުރުން ފަހުދުގެ ދެ ފައިގެ އެކި ތަންތަނަށް ގިނަ ވަޒަންތަކެއް ޖަހާފައި ހުއްޓެވެ.
މިއިން އެނގެނީ، ފަހުދުގެ ގަޔަށް ވަޒަން ޖެހީ ވަރަށް ކައިރިން ކަމާއި، ޖަހާފައިވަނީ ހަށިގަނޑަށް ވަނުމާއެކު ގޮވާ ޒާތުގެ "ކޮކާ ވަޒަން" ކިޔާ ބާވަތުގެ ވަޒަން ކަމެވެ. މިބާވަތުގެ ވަޒަން ހަށިގަނޑުގެ ތެރެއަށް ގޮވުމާއެކު، ހަށިގަނޑުގެ ޓިޝޫތަކާއި ލޭހޮޅިތަކާއި ކަށިތައް ކުނޑިކުނޑިވެ، އެތެރެހައްޓަށް ބޮޑެތި ޒަހަމްތަކެއް ލިބެ އެވެ.
ފަހުދުގެ މަރާ ގުޅިގެން އާއިލާ ހިތާމައިގައި ތިއްބައި، އިޒްރޭލުގެ ދާހިލީ ޖާސޫސީ އިދާރާ، ޝިން ބައިތުގެ އޮފިޝަލެއް ފަހުދުގެ އާއިލާއަށް ގުޅައި، އެކަމަށް މައާފަށް އެދުނެވެ. އެ އޮފިޝަލް ބުނީ، އިޒްރޭލުގެ ސިއްރު އޭޖެންޓުންގެ އަމާޒަކީ ފަހުދު ނޫން ކަމަށާއި، ފަހުދަށް ހަމަލާ ދެވުނީ އޮޅުމަކުން ކަމަށެވެ. އޭޖެންޓުން ހަމަލާ ދޭން އުޅުނީ، އިޒްރޭލާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވާ ފަހުދުގެ ބޭބެއަށާއި ފަހުދުގެ ބޮޑުބޭބެއަށް ކަމަށެވެ.
މީގެ މާނައަކީ، އިޒްރޭލުގެ ސިއްރު އޭޖެންޓުންގެ މަގްސަދު އަދި އޮތީ ކުރިއަށެވެ. ފަހުދުގެ ބޭބެ އާއި ފަހުދުގެ ބޮޑުބޭބެގެ ނަން އަދި އޮތީ މަރަންޖެހޭ މީހުންގެ ލިސްޓުގަ އެވެ. ފަހުދުގެ މަރަށް ފަހު، ދެން އާއިލާގައި ތިބި މީހުންގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އާއިލާއަކަށް ނެތެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަލަސްތީނުގެ ޖަމްއިއްޔާއެއް ކަމަށްވާ އަލްހައްގުގެ ޑިރެކްޓަ ޝައުވާން ޖާބިރީން ވިދާޅުވި ގޮތުގައި ޔަހޫދީ ސިފައިން ފަލަސްތީނުގެ ރަށްތަކަށް ވަދެ ހިންގާ ގަތުލުތަކަކީ، އޮޅުމެއްގެ ތެރޭގައި ހިނގާ ކަންކަމެއް ނޫނެވެ.
"އަހަރެމެން މިހާރު މިއަންނަނީ ފަހުދުގެ މަރު ތަހުގީގު ކުރަމުން. މި ގަތުލުތަކަކީ، އިޒްރޭލު ސިފައިންނާއި އިޒްރޭލުގެ ސިއްރު ސިފައިންގެ 'މުސްތައުރިބީން' ޔުނިޓުގެ އޭޖެންޓުން، ރާވައިގެން ހިންގާ ކަމެއް. އެމީހުން ކޮންމެ ރެއަކު ރާމަﷲ އަށް ވަންނަނީ މެންދަމުން އަނބުރާ 2:30ގެ ފަހުން،" ޝައުވާން ވިދާޅުވި އެވެ.
"މިގޮތަށް ވަދެ މީހުން ހައްޔަރުކޮށް ހަމަލާ ދިނުމުން ޒަހަމްވާ މީހުންނާ ހަމައަށް އެމްބިއުލާންސް ދިޔަނުދީ ހުރަސް އެޅުމަށްފަހު، އަދި އެމީހަކު މަރުވާ ފަހުން، ޝެން ބައިތުގެ އޮފިޝަލުން އާއިލާތަކަށް ގުޅާފައި އެބަ ބުނޭ، މިހާ ހިސާބުން ދެފަރާތް ހަމަހަމަ ވިއްޔޭ. މިއިން އެބަ އެނގޭ މިއީ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ކުރާ ކަމެއް ކަން."
އިޒްރޭލުގެ ސިއްރު ސިފައިންގެ ޔުނިޓް "މުސްތައުރިބީން"އަކީ، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި، ފަލަސްތީނު މީހުން މެރުމަށް އުފައްދާފައި އޮންނަ ހާއްސަ ޔުނިޓެކެވެ. މި ޔުނިޓްގައި ހިމެނެނީ، އިޒްރޭލުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީ އާއިލާތަކުގެ ތެރެއިން، އަރަބި ނަސްލުގެ އަދި އަރަބި ބަހުގެ ތަފާތު ބަހުރުވަތަކުން ސާފުކޮށް ވާހަކަ ދައްކަން ދަންނަ މީހުންނެވެ. މިމީހުން ފަލަސްތީނުގެ ރަށްތަކުގައި އުޅެމުންދާނީ ވެސް ފަލަސްތީނު މީހުން ގޮތަށް ހެދުން އަޅައިގެންނެވެ.
އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ފަލަސްތީނު މީހުން ކުރާ މުޒާހަރާތަކާއި އެނޫން ހުރިހާ ހަރަކާތެއް ހިންގާއިރުވެސް، މި ޔުނިޓްގެ މީހުން އެ ކަންކަމުގައި ބައިވެރިވެ އެވެ. ބޭނުމަކީ، އެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ފާހަގަކޮށް ދެނެގަތުމެވެ. އޭގެ ފަހުން އިރުއޮއްސި ދަންވަރުގެ ވަގުތުގައި، އެފަދަ މީހުން އުޅޭ ތަންތަނަށް ގޮސް، ހަތިޔާރުން ބިރުދައްކައިގެން ހައްޔަރުކޮށް ބަޑިޖަހައި މަރައިލަނީ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިޒްރޭލުގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ، ބޭތުސެލެމް އިން ބުނާ ގޮތުގައި އެއްވެސް ކުރިމަތިލުމަކާ ނުލައިވެސް، އިޒްރޭލު ސިފައިން، ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ އިރު، އެއިން އެންމެ ސިފައިންގެ މީހަކަށް ވެސް އިޒްރޭލު ސިފައިން ދައުވާއެއް ކޮށްފައެއް ނުވެ އެވެ.
އެ ގޮތުން، 2000 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، 2015 ވަނަ އަހަރަށް ކުރިއަށް ދިޔަ، ފަލަސްތީނުގެ ދެ ވަނަ އިންތިފާޟާގެ ދުވަސްވަރު، އިޒްރޭލު ސިފައިން ހިންގި ބައެއް ޖަރީމާތައް ތަހުގީގުކުރުމަށް، އެޖަމިއްޔާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް، ބޭތުސެލެމް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އިޒްރޭލު ސިފައިން، ފަލަސްތީނު މީހުން ޝަހީދުކުރުމާއި، ޒަޚަމްކުރުމާއި، އަނިޔާކުރުމާއި، އިންސާނީ އައްޑައެއްގެ ގޮތުގައި ފަލަސްތީނު މީހުން ބޭނުންކުރުމުގެ އިތުރުން، ފަލަސްތީނު މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ 739 މައްސަލައެކެވެ.
ނަމަވެސް މިއިން އެއްވެސް މައްސަލައެއް، އިޒްރޭލު ސަރުކާރުން ބަލައިފައެއް ނުވެ އެވެ. އަދި އެންމެ ސިފައިންގެ މީހަކަށް ވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.