ދުންފަތާ ދުރުވަން މިއީ އެންމެ ރަނގަޅު ވަގުތު: ރައީސް
ދުންފަތާ ދުރުވަން މިއީ އެންމެ ރަނގަޅު ވަގުތު: ރައީސް

ކޮވިޑް-19 ބަލިމަޑުކަމުގައި އިގްތިސާދު ހީނަރުވެފައި އޮތް މި ދުވަސްވަރަކީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އިސްރާފުތަކާ ދުރުވެ އެފަދަ ނުބައި އާދަތަކާ ދުރަށްދާން އެންމެ ރަނގަޅު ވަގުތު ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުގެ ދުވަހާ ގުޅިގެން ރައީސް އާންމު ކުރެއްވި ހިތޯބެއްގައި ރައީސް ވަނީ، ދުންފަތާ ދުރުހެލިވާން އިލްތިމާސް ކުރައްވައިފަ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރައްކާތެރިކަން ހާމަކޮށް، އެ ވަބާއިން ސަލާމަތް ކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ފަރާތްތަކަށް ރައީސް ހެޔޮއެދުންތައް ވެސް ފޮނުއްވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ކޮވިޑް-19 ޖެހުމުން ފުއްޕާމެ އާއި ނޭވާ ލުމުގެ ނިޒާމަށް ލިބޭ ގެއްލުން ސީރިއަސްކަން ފާހަގަ ކުރައްވައި، ތަފާސްހިސާބުތަކުގެ މައްޗަށް ވެސް ވަނީ ރައީސް އަލިއަޅުއްވާލެއްވި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ބައްޔަށް ޕޮޒިޓިވްވި މީހުންގެ، 62 ޕަސެންޓަށް ވުރެ މަތީ އަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށް ވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އޭގެ ތެރެއިން ވެސް ވަރަށް މަތީ ޕަސެންޓެއް ފެތެނީ މި އުމުރުފުރާ އަށެވެ.

ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ރައްޔިތުންނަށް ހޯދައިދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަަތަށް އެއްބާރުލުންދީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައި، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނުކުރާ މީހުންގެ ދުޅަހެޔޮ ކަމަށް ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.