31 މެއި 2021 - 10:39

ކޮވިޑު-19 ގައި ފާއިތުވި ދުވަސްތަކުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވަމުން ގޮސް، 24 ގަޑިއިރު ފަހުން މިއަދު މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށް ހެނދުނު 6:37 ގައި މަރުވީ 83 އަހަރުގެ އަންހެނެއް ކަމަށެވެ.
މިއީ އެ ބަލީގައި މިހާތަނަށް މަރުވި 159 ވަނަ އަދި މި މަހު މަރުވި 85 ވަނަ މީހާ އެވެ.
ބަލީގައި މީހުންގެ ހާލަތު ގޯސްވެ ނިމުނު ހަފުތާތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން 3-4 މީހުން މަރުވި އެވެ. އެގޮތުން، ކޮވިޑުގައި އަދި ބަލިމަޑުކަމެއްގައި ވެސް އެއް ފަހަރާ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ހަފުތާގަ އެވެ.
މިދިޔަ އަންގާރަ ދުވަހު އެކަނި ވެސް ކޮވިޑުގައި 13 މީހުން މަރުވި އެވެ.