31 މެއި 2021 - 10:53

މި މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އާއްމުންނާއި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ފެން ބިލާއި ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދޭނެކަން އިއުލާނުކޮށްފައި ވަނިކޮށެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ހިދުމަތްދޭ ހުރިހާ ރަށެއްގެ ފެން ބިލާއި ކަރަންޓު ބިލުތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި މި މަހުގެ ބިލުތަކުގެ ތެރެއިން އާއްމު ގޭބިސީތަކުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި އާއްމު ގޭބިސީތަކުގެ ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭއިރު ވިޔަފާރިތަކުގެ ފެން ބިލާއި ކަރަންޓު ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ސްޓެލްކޯއިން ވަނީ މި ދުވަސްވަރު ބޭރަށް ނުކުމެ އުޅުން މަދު ކުރުމަށް އެ ކުންފުނީގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ސްޓެލްކޯ މޯބައިލް އެޕްލިކޭޝަން ނުވަތަ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ބިލުތައް ދެއްކޭނެ އެވެ.