މާދަމާއިން ފެށިގެން ވަޒީފާ އަށް އެދެން ޖެހެނީ އޮންލައިންކޮށް: އެމްޑަބްލިއުއެސްސީ
މާދަމާއިން ފެށިގެން ވަޒީފާ އަށް އެދެން ޖެހެނީ އޮންލައިންކޮށް: އެމްޑަބްލިއުއެސްސީ

މާދަމާއިން ފެށިގެން އެމްޑަބްލިއުއެސްސީގެ ވަޒީފާތަކަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިން ކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިންް ބުނީ އޮންލައިންކޮށް ވަޒީފާ އަށް އެދި ހުށަހެޅުމަށް ކަނޑައެޅިފައިވާ ލިންކުގައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، ވަޒީފާ އަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި މިގޮތަށް ނިންމީ އެ ކުންފުނީގެ އޮންލައިން ހިދުމަތްތަކާއި ޑިޖިޓަލައިޒޭޝަން ޕްރޮސެސް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެެ ދަށުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މީގެ އިތުރުން މިގޮތަށް ވަޒީފާ އަށް އެދުމުން ތިމާވެެއްޓާ ރައްޓެހިގޮތަކަށް ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން، އޮންލައިންކޮށް ވަޒީފާ އަށް އެދި ހުށަހެޅޭގޮތަށް ހަމަޖެއްސުމާ އެކު، ވަޒީފާ އަށް އެދި ހުށަހެޅުމާއި، މީހުން ހޮވުމުގެ މަރުހަލާތަކުގައި ވެސް ކަރުދާސް ބޭނުންކުރާ މިންވަރު މަދުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ވަނީ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ހުރިހާ ކަސްޓަމަރުން ވެސް އެ ކުންފުނީގެ ހިދުމަތްތައް އޮންލައިން ޕްލެޓްފޯމުތަކުން ހޯދުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.