30 މެއި 2021 - 23:21

މެދުރާއްޖެ ތެރޭގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 16 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް މީހަކު ޖިންސީ ގޯނާކުރިކަން އެނގުނީ އޭނާ ގެއްލިގެން، ހޯދަން މަސައްކަތްކުރަނިކޮށް ފެނުމުންނެވެ. މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ހެނދުނު ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ ގެއާ ވަރަށް ދުރު ހިސާބަކުން ހިނގާފައި އަންނަނިކޮށެވެ.
ބެލެވޭ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރީ ގްރޫމްކޮށްގެންނެވެ. ގްރޫމް ކުރުމަކީ ކުޑަކުއްޖަކު ހައްލާލައިގެން ގެންގޮސް ގޯނާކުރުމެވެ. އެއީ ބޮޑު ކުށެކެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.