30 މެއި 2021 - 19:41

ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ހަދައިގެން، އެ ބިމަށް ވެރިވެގެން ތިބި ޔަހޫދީންނަކީ، އެމީހުންގެ އަސްލު ވަޒަންކަމުގައިވާ ޔޫރަޕްގެ ގައުމުތަކަށާއި އެމެރިކާއަށް ދާންޖެހޭ ބައެއް ކަމަށް، އީރާންގެ ގުދުސް ލަޝްކަރުގެ ކޮމާންޑަރު އިސްމާއީލް ގާއާނީ ވިދާޅުވެއްޖެ އެވެ.
"އަހަރެމެން ޒަޔަނިސްޓުންނަށް ލަފާ ދޭނީ، ހިފާފައިވާ ބިންތަކަށް އެމީހުން އައުމަށްޓަކައި، ޔޫރަޕާއި އެމެރިކާއިން އެމީހުން ވިއްކައިލި ގެތަކާއި ބިންތައް، ކުރިއަށް ވުރެ އަގު ބޮޑު ނުވަނީސް، އަވަހަށް އެ ގައުމުތަކަށް އެނބުރި ގޮސް، އަލުން އެ ގެތައް ގަނެގެން އެ ތަންތަނުގައި ދިރިއުޅެން ފެށުމަށް،" އީރާންގެ ފާސް ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ގާއާނީ ވިދާޅުވި އެވެ.
ގުދުސް ލަޝްކަރަކީ، އީރާންގެ އިންގިލާބީ ލަޝްކަރުގެ ތެރޭގައި ހިމެނޭ، ޖާސޫސީ މައުލޫމާތު އެއްކުރުމާއި، ބޭރު ގައުމުތަކުގައި ސިއްރު އަސްކަރީ ހަރަކާތްތައް ހިންގުމަށް އެކުލަވާލާފައި އޮންނަ ލަޝްކަރެކެވެ. ގާއާނީ އެ ލަޝްކަރުގެ ކޮމާންޑަރަކަށް އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި، ގާސިމް ސުލައިމާނީ، ޖެނުއަރީ 3، 2020 ގައި އިރާގަށް ވަޑައިގެންނެވި ތަނުން، އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން ދިން ހަމަލާއެއްގައި އަވަހާރަކޮށްލުމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ ކުރީކޮޅު އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ހަމާސްއިން ގާޒާއަށް ދިން ހަމަލާތަކުގައި، އިޒްރޭލުގެ ކާރުޚާނާފަދަ ތަންތަނަށް ވެސް ހަމަލާ ދެވެން އޮތެވެ. ނަމަވެސް އެތަންތަނަށް ހަމާސް ހަމަލާ ނުދިނީ، ފަލަސްތީނު ރައްޔިތުންވެސް އެތަންތަނުގައި ވަޒީފާ އަދާކޮށްފައިވާތީ އެވެ.
ގާއާނީ ވިދާޅުވި ގޮތުގައި ހަމާސްގެ ހަމަލާތަކުގައި ބޭނުންކުރި ހުރިހާ ރޮކެޓަކީ ވެސް، ހަމާސްގެ ފަންނީ މީހުން ގާޒާގައި އަމިއްލަ އަށް އުފައްދާފައިވާ ތަކެއްޗެވެ. އެހެންކަމުން، ފަލަސްތީނުގެ މުޅި ބިމުގައި ފަލަސްތީނު މީހުން ވެރިކަން ހިންގުމުގެ ވިސްނުން ގެންގުޅެންޖެހެ އެވެ. ހަމައެފަދައިން، ހުރިހާ ޔަހޫދީން ފަލަސްތީނުގެ ބިން ދޫކޮށް، ފައިބައިގެން ދިއުމަށްވެސް ވިސްނަން ޖެހެ އެވެ.
ހަމާސް ޖަމާއަތަކީ އީރާނުގެ މަދަދާ އެކު، ފަލަސްތީނުގެ މިނިވަންކަމަށް، އިޒްރޭލާ ދެކޮޅަށް ހަރަކާތްތެރިވާ ސިޔާސީ އަދި އަސްކަރީ ޖަމާއަތެކެވެ. އިޒްރޭލަކީ ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ދައުލަތެއް ކަމަށް އީރާނުން ގަބޫލެއް ނުކުރެ އެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 21 ދުވަހާ ހަމައަށް އިޒްރޭލުން ގާޒާއަށް، މިސައިލާއި ރޮކެޓާއި ބޮޑުބަޑިން ހަމަލާދީ، އެތައް ގެއްލުމެއް ދިން އިރު، ރައްދުގައި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަނގުރާމަވެރިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނެވެ.
އިޒްރޭލުން ގާޒާއަށް ދިން މިސައިލާއި ބޮމުގެ ހަމަލާތަކުގައި، ފަލަސްތީނުގެ 270 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 68 ކުޑަކުދިންނާއި 39 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަޚަމްވި އެވެ. އަދި ހަމާސްގެ ރޮކެޓް ހަމަލާތަކުގައި، އިޒްރޭލުން 12 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެ އެވެ.