ވިއެޓްނާމުން ކޮވިޑްގެ މުޅިން އާ ބާވަތެއް
ވިއެޓްނާމުން ކޮވިޑްގެ މުޅިން އާ ބާވަތެއް

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބާވަތްތަކަށް ވުރެ މާ ބާރުގަދަ، އަދި އެއަށް ވުރެ މާ ހަލުވިކޮށް ފެތުރޭ ކަމަށް ބެލެވޭ، ކޮވިޑް-19ގެ މުޅިން އާ ބާވަތެއް ވިއެޓްނާމުން ފެނިއްޖެ އެވެ.

ވިއެޓްނާމުގެ ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ގައުމުން ފެނުނު ކޮވިޑް-19ގެ އާ ބާވަތަކީ، އިނގިރޭސި ވިލާތުގައި އުފެދުނު ކޮވިޑްގެ ބާވަތާއި، އިންޑިއާގައި އުފެދުނު ކޮވިޑްގެ ބާވަތުގެ ވައިރަސް ކައްޗަރުވެގެން އުފެދިފައިވާ ވައިރަހެކެވެ. އެގައުމުގެ ސައެންސްވެރިން މިކަން ކަނޑައަޅާފައިވަނީ، ދާދި ފަހުން ކޮވިޑަށް ފައްސިވި ބައެއް މީހުންގެ ހަށިގަނޑުން އާދަޔާ ޚިލާފު ކަންތަކެއް ފާހަގަކުރެވުމުން، އެމީހުންގެ ހަށިގަނޑުގައި ހުރި ކޮވިޑް ވައިރަހުގެ ޑީއެންއޭ ތަހުލީލު ކުރުމަށް ފަހު އެވެ.

ވިއެޓްނާމުން މިފެނުނު އާ ވައިރަކީ، ކޮވިޑްގެ ވަރަށް ނުރައްކާތެރި ވައިރަހެއް ކަމަށާއި، މިހާތަނަށް ފެނިފައިވާ ކޮވިޑް ވައިރަހުގެ ބާވަތްތަކަށް ވުރެ މާހަލުވި ގޮތެއްގައި ފެތުރޭ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.
ކޮވިޑް ވަބާގެ ހަތަރު ބާވަތެއް މިހާތަނަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދެނެގަނެފަ އެވެ. އެއީ، އިނގިރޭސި ވިލާތުން ފެނުނު ބާވަތަކާއި، އިންޑިޔާއިން ފެނުނު ބާވަތަކާއި، ދެކުނު އެފްރިކާއިން ފެނުނު ބާވަތެއްގެ އިތުރުން ބްރެޒީލުން ފެނުނު ބާވަތެކެވެ.

ޑަބްލިޔޫއެޗްއޯ އިން ބުނި ގޮތުގައި ވިއެޓްނާމުން ފެނުނު ކަމަށް ބުނާ ވައިރަހުގެ އެއްވެސް މައުލޫމާތެއް އެ ޖަމިއްޔާއަކަށް އަދި ނުލިބެ އެވެ. އަދި މިހާތަނަށް ލިބުނު ބައެއް މައުލޫމާތަށް ބަލާއިރު، ވިއެޓްނާމުން ފެނުނު ކަމަށް ބުނާ ވައިރަހަކީ، އިންޑިޔާއިން ފެނުނު ވައިރަހަށް އިތުރު ބަދަލުތަކެއް އައިސްފައިވާ ވައިރަހަކަށް ވުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ.

ވިއެޓްނާމުގެ ސިއްހަތާ ބެހޭ ވަޒީރު ނިގުޔެން ތާން ލޮންގް ވިދާޅުވި ގޮތުގައި އެ ގައުމުން އަލަށް ފެނުނު ކޮވިޑްގެ ވައިރަސް، ލެބޯޓެރީގައި މުޑުވައްކުރުމުން، އެ ވައިރަހަކީ ވަރަށް އަވަހަށް އާލާވެ ގިނަވާ ބާވަތެއްކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.

ވިއެޓްނާމް ރައްޔިތުން ކޮވިޑް ވަބާއިން ރައްކާތެރިކުރުމަށްޓަކައި، ކޮވެކްސް ޕްރޮގްރާމްގެ ތެރެއިން 10 މިލިއަން ޑޯޒް ވެކްސިން ހޯދަން އެ ގައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން، ފައިޒާ ވެކްސިންގެ 20 މިލިއަން ޑޯޒާއި ރަޝިޔާގެ ސްޕުޓްނިކް ވެކްސިންގެ 40 މިލިއަން ޑޯޒް ހޯދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާބާދީގައި 98 މިލިއަން މީހުން ދިރިއުޅޭ ވިއެޓްނާމަށް މިހާތަނަށް ލިބިފައިވަނީ، 2.9 މިލިއަން ޑޯޒްގެ ވެކްސިނެވެ.