30 މެއި 2021 - 19:34

އަރަބް އެމިރޭޓްސްގައި ތިބި ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ޗައިނާ އަށް ދަތުރު ކުރުމަށް ހުއްދަ ނުލިބުނު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ބައްސާމް ވިދާޅުވީ، ޗައިނާ އަށް އެތެރެވުމުގެ ހުއްދަ ރާއްޖޭގެ ޓީމަށް ލިބިފައި ނުވާ ކަމަށެވެ. ރާއްޖޭގެ ޓީމުގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވަނީ ކޮވިޑަށް ޕޮޒިޓިވް ވެ މިއަދު ޓީމާ އެކަހެރި ވެފަ އެވެ.
ރާއްޖެ ހިމެނޭ ގުރޫޕް އޭ ގެ ކޮލިފިކޭޝަންގެ ބާކީ ހުރި މެޗުތައް، ކޮވިޑް-19 އާ ގުޅިގެން ކުރިއަށް ގެންދާނީ ޗައިނާގަ އެވެ.
އެ ގުރޫޕްގެ މެޗުތަކުގެ ކުޅުން މިއަދު ފަށާފައިވާއިރު، ޗައިނާގެ ސޫޒޯގައި ކުޅުނު މެޗުގައި ގުއާމް އާއި ޗައިނާ ކުޅުނު މެޗު، ޗައިނާ އިން ކާމިޔާބުކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޗައިނާ އަށް ދަތުރުކުރީ ގުއާމްގެ ޓީމު އެކަންޏެވެ. ސީރިއާ އާއި ފިލިޕީންސަށް ވެސް ދަތުރު ކުރުމުގެ ހުއްދަ ނުލިބެ އެވެ.
ބައްސާމް ވިދާޅުވގޮތުގައި މިހާރު ހާލަތު އޮތް ގޮތުން އެންމެ ކައިރީ ކޮލިފައިންގެ މެޗުތައް ފަސް ކުރުމެވެ. މެޗުތައް އަރަބް އެމިރޭޓްސްގައި ކުޅުމުގެ ވިސްނުމެއް ވެސް އޭއެފްސީން ގެންގުޅެފާނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.
ކޮލިފައިންގެ މެޗުތަކާ މެދު އަމަލު ކުރާނެ ގޮތެއް އޭއެފްސީ މާދަމާ ނިންމާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން ދިވެހި ގައުމީ ޓީމު ޗައިނާގައި ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު އެ ގައުމާ ދެކޮލަށް ނުކުންނާނެ އެވެ.. ސީރިއާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ. ރާއްޖެ ކުޅޭ ގުރޫޕްގެ ފަހު މެޗުގައި ފިލިޕީންސް އާ ދެކޮޅަށް ކުޅޭނީ ޖޫން 15 ވަނަ ދުވަހު އެވެ. އެކަމަކު، ޓީމު ޗައިނާ އަށް ދަތުރުކުރުމުގެ ހުއްދަ ނެތުމުން އެ މެޗުތައް ފަސްކުރާނެ ކަމަށް ބެލެވެ އެވެ.