30 މެއި 2021 - 20:18

ލީގުގެ ތިން ވަނަ ބުރު ކުޅޭ ގޮތަށް ގަވާއިދުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ކޮވިޑްގެ ހާއްސަ ހާލަތާ ގުޅިގެން ލީގުގެ ތިން ވަނަ ބުރު ކުރިއަށް ނުގެންދަން އެފްއޭއެމުން ނިންމައިފި އެވެ. މި ނިިންމުމާ އެކު، ލީގު ޗެމްޕިއަންކަން، ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އަށް ވަނީ ލިބިފަ އެވެ.
މިއީ އެ ޓީމު ލީގު ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. އަދި ވިދިވިދިގެން ލީގު ހޯދި ފުރަތަމަ ފަހަރެވެ. މާޒިޔާ އިން 2016 ވަނަ އަހަރު ލީގު ހޯދުމަށް ފަހު 2019/2020 ގެ ލީގު ވެސް ހޯދި އެވެ.
މިފަހަރު ލިބުނީ 2020/2021 ގެ ލީގެވެ.
ލީގުގެ ދެ ވަނަ ބުރު އޭޕްރީލް މަހު ނިންމާލިއިރު، މާޒިޔާ ވަނީ އެއްވެސް މެޗަކުން ބަލި ނުވެ 34 ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމާ އެންމެ ގާތުގައި އޮތީ ކްލަބު ވެލެންސިއާ އެވެ. އެ ޓީމު ދެ ވަނައިގައި އޮތީ 25 ޕޮއިންޓް ހޯދައިގެންނެވެ.
އެފްއޭއެމުން ވަނީ، އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕް މިއަހަރުވެސް ނުބާއްވަން ނިންމައިފަ އެވެ. މިދިޔަ ތިން އަހަރުވެސް އެ ދެ މުބާރާތް ބާއްވާފައެއް ނުވެ އެވެ.
އެފްއޭ ކަޕް ވެސް ކެންސަލް ކުރުމުން، އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖެއިން ކޮލިފައިންގެ ޖާގަ ލިބޭނީ ލީގުގެ ދެ ވަނަ ޓީމު ވެލެންސިއާއަށެވެ.
މާޗް މަހު މެދުކަނޑާލި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ލިބުމުން މުބާރާތް ބާއްވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ. އަދި ދެ ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް ވަކި ގޮތެއް އަންގަންދެން ފަސް ކޮށްފަ އެވެ.
މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވާހަކަ ބައްސާމް ވިދާޅުވީ، ލީގު ނިންމާލަން ނިންމީ ކްލަބުތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެފްއޭއެމްގެ އެކްސްކޯއިން އެގޮތަށް ފާސް ކުރުމުން ކަމަށެވެ.