30 މެއި 2021 - 15:23

އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކުގައި ގާޒާއަށް ލިބުނު ގެއްލުންތަކުން އެ ސަހަރު އަލުން އާރާސްކުރުމަށް ކުރާ މަސައްކަތް، ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ޔަހޫދީން މިނިވަންކުރުމުގެ މައްސަލައާ ނުގުޅުވޭނެ ކަމަށް، ހަމާސް ޖަމާއަތުން ބުނެފި އެވެ.
ގާޒާ އާރާސްތުކުރަން ކުރާ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އިޒްރޭލުން އެއްބާރުލުން ދިނުމުގެ ޝަރުޠެއްގެ ގޮތުން، އިޒްރޭލުން މިހާރު މިސްރަށް ބާރުއަޅަމުންދަނީ، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި، އިޒްރޭލުގެ ހަތަރު މީހުން މިނިވަންކުރުމަށް، ހަމާސްއަށް ފިއްތުންތައް ކުރިމަތިކުރުމަށެވެ. ނަމަވެސް އެކަމަށް ހަމާސް ދެކޮޅު ހަދާފައިވާ ކަމަށް، އިޒްރޭލުގެ ރަސްމީ ނޫސް އޭޖެންސީން ބުނެ އެވެ.
ގާޒާ އާރާސްތުކުރުމުގެ އަމަލާ އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ހަތަރު މީހުން މިނިވަންކުރުމަށް، އިޒްރޭލުން ވަނީ ޝަރުތުކޮށްފަ އެވެ. އިޒްރޭލުން 2006 ވަނަ އަހަރުން ފެށިގެން ހިސޯރުކޮށްފައި އޮތް ގާޒާގައި، ފަލަސްތީނުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
އިޒްރޭލުގެ ހާރިޖީ ވަޒީރު ގާބީ އަޝްކަނާޒީ މިއަދު މިސްރަށް ފައްޓަވާފައިވާ ދަތުރުގައި ވެސް، މިސްރުގެ ވެރިންނަށް އެންމެ ބޮޑަށް ބާރުއަޅުއްވާނެ ކަމަށް، އިޒްރޭލުގެ ރަސްމީ ނޫސް އޭޖެންސީން ބުނަނީ، އިޒްރޭލުގެ ހަތަރު މީހުން މިނިވަންކޮށްދިނުމަށެވެ.
ހަމައެއާ އެކު މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ، އައްބާސް ކާމިލް، ފަލަސްތީނު ސަރުކާރާ މަޝްވަރާ ކުރެއްވުމަށް މިއަދު ރާމަﷲ އަށް ވަޑައިގެންފި އެވެ. ރާމަﷲގައި ފަލަސްތީނުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ފަހު، އައްބާސް ކާމިލް ގާޒާއަށް ވަޑައިގެން، ހަމާސް ޖަމާއަތުގެ އިސް ވެރިންނާ ވެސް މަޝްވަރާކުރައްވާނެ އެވެ.
މިސްރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ރަހީނުންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، މިސްރު މެދުވެރިއަކަށް ވެގެން، އިޒްރޭލާއި ފަލަސްތީނު ސަރުކާރާއި ހަމާސް ޖަމާއަތާ ދެމެދު ސީދާ މަޝްވަރާތަކެއް ބޭއްވޭތޯ އެވެ.
އިޒްރޭލުން 2014 ވަނަ އަހަރުގެ ތެރޭގައި ގާޒާއަށް ދިން އުދުވާނީ ހަމަލާތަކުގެ ތެރޭގައި، ހަމާސް ޖަމާއަތުން ވަނީ އިޒްރޭލު ސިފައިންގެ ދެ މީހަކު ރަހީނުކޮށްފަ އެވެ. އަދި، އެ ހަނގުރާމައަށް ފަހު، މިދިޔަ އަހަރުތަކުގެ ތެރޭގައި، ގާޒާގެ ތެރެއަށް އެކިފަހަރު މަތިން ވަދެ އުޅުނު ޔަހޫދީންގެ ތެރެއިން ވެސް ދެ މީހަކު، ހަމާސް ޖަމާއަތުން ވަނީ ރަހީނުކޮށްފަ އެވެ. އޭގެ ފަހުން އެ ހަތަރު މީހުންގެ ހާލަތެއް، އަދި ތިބި ތަނެއް ވެސް ހަމާސް ޖަމާއަތުން ނުބުނެ އެވެ.
މީގެ ކުރިން، ހަމާސް ޖަމާއަތުން ރަހީނުކުރި، އިޒްރޭލު ސިފައިންގެ މީހަކު ވެސް، ހަމާސްއިން ދޫކޮށްލީ، އިޒްރޭލުން ހައްޔަރުކޮށްގެން ގެންގުޅުނު ފަލަސްތީނު މީހުންތަކެއް މިނިވަންކުރުމުންނެވެ. އެފަހަރުގެ އެއްބަސްވުމުގެ ދަށުން، 2011 ވަނަ އަހަރުގެ ތެރޭގައި، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 1027 މީހަކު އިޒްރޭލުން މިނިވަންކުރީ، ހަމާސް ޖަމާއަތުން ހައްޔަރުކުރި އިޒްރޭލު ސިފައިންގެ މީހަކު މިނިވަންކުރުމުގެ ބޭނުމުގަ އެވެ.
ނަމަވެސް، އެ ސިފައިންގެ މީހާ މިނިވަންކުރުމުން، އިޒްރޭލުން ވަނީ، އެ އެއްބަސްވުމުގެ ދަށުން މިނިވަންކުރި ފަލަސްތީނުގެ ބައެއް މީހުން އަލުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ ސިޔާސީ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.