21 ނޮވެމްބަރ 2016 - 07:45

އަންހެނުންގެ ތަފާތު ހުނަރު ދައްކައިލުމަށް ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ހާއްސަ ފެސްޓިވަލެއް ބާއްވަން ނިންމަވައިފި އެވެ.
"ހީވާގި ކަނބަލުން" ގެ ނަމުގައި ބާއްވާ މި ފެސްޓިވަލާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ ޒީނާޒު އަދުނާން ވިދާޅުވީ އަންނަ މަހުގެ 22 އިން 26 އަށް ކުރިއަށް ގެންދާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހުކުރުދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އަގުހުރި އިނާމުތަކެއް ވެސް ހުށަހަޅާފައިވާ ފެސްޓިވަލް ބާއްވަނީ ކަލާފާން ސްކޫލުގަ އެވެ.
ޒީނާޒު ވިދާޅުވީ ހަތަރު ދާއިރާއަކުން 21 ކެޓަގަރީން ތަފާތު އެއްޗެހިތައް ހުށަހެޅޭނެ ކަމަށެވެ. މި ފެސްޓިވަލްގައި، އަންހެނުންގެ އަތްތެރި މަސައްކަތާއި ގޭގޭގައި ތައްޔާރުކުރާ ތަފާތު ތަކެތި ހުށަހެޅޭނެ ކަމަށާއި މި ހަރަކާތުގައި ކޮންމެ އުމުރެއްގެ އަންހެނަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްލަބް ޖަމިއްޔާތަކުން
އަންހެނުންގެ ކޮމެޓީތަކުން
ހާއްސަ އެހީއަށް ބޭނުންވާ އަންހެންކަނބަލުންނަށް
ވަކިވަކި އަންހެން ކަނބަލުންނަށް
ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަންހެން ކަނބަލުންގެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފާތިމަތު މާޝާ ވިދާޅުވީ ފެސްޓިވަލްގެ ވަނަތައް ވެސް ހޮވާނެ ކަމަށެވެ. އެގޮތުން އެއް ވަނައަށް އެއް ލައްކަ ރުފިޔާ، ދެ ވަނަ އަށް 75،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ މީހަކަށް 50،000 ރުފިޔާ ދޭން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މުޅި ޖުމްލަ 75 އިނާމު ދޭނެ ކަން ވެސް މާޝާ ފާހަގަކުރެއްވި އެވެ.
މި ފެސްޓިވަލްގެ ވަނަތައް ހޮވާނީ އެކަމަށް ހާއްސަކޮށްގެން ނަގާފައިވާ ފަންނީ ކޮމެޓީއަކުންނެވެ.