ކޮވިޑަކީ ޗައިނާގެ އުފެއްދުމެއް ކަމުގެ އިތުރު ހެކި
ކޮވިޑަކީ ޗައިނާގެ އުފެއްދުމެއް ކަމުގެ އިތުރު ހެކި

މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ބަލިމަޑުކަމަކީ، ޗައިނާގެ ސައެންސްވެރިންގެ ބަޔަކު، ލެބޯޓެރީގައި އީޖާދުކުރި ވައިރަހެއް ކަމަށް، ވަރަށް ބޮޑަށް ބެލެވޭ ކަމަށް، އާ ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ދުވަހު ނޫހުން ބުނެފައިވާ ގޮތުގައި އެ ދިރާސާއަކީ، އިނގިރޭސި ވިލާތުގެ ޕްރޮފެސަރެއް ކަމަށްވާ އެންގުސް ޑަލްގްލެއިޝް އާއި ނޯވޭގެ ސައެންސްވެރިއެއް ކަމަށްވާ ޑރ. ބިރްގާ ސޮރެންސެން، ތައްޔާރުކުރެއްވި، ދިރާސާ އެކެވެ. މިދިރާސާއާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުން، ޗައިނާގެ ސައެންސްވެރިން ކޮވިޑް-19ގެ ވައިރަސް އުފެއްދި ކަމަށް ބެލެވެނީ ވޫހާންގެ ލެބޯޓެރީގަ އެވެ.

ދިރާސާއާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވާ ގޮތުން، ޗައިނާގެ ސައެންސްވެރިން ކުރި ދިރާސާގައި ބޭނުންކުރީ، ޗައިނާގެ ފަރުބަދަމަތީ ހޮހޮޅަތަކުގައި އުޅޭ ބާތުގެ ވާލުގެ ހަށިގަނޑުގައި އާލާވަމުން އަންނަ ކޮރޯނާވައިރަހުގެ ޑީއެންއޭ އެވެ. އަދި ލެބޯޓެރީގައި އެ ވައިރަހަށް އެކި ބަދަލުތައް ގެންނަމުން ދިޔުމުގެ ތެރޭގައި، މާ ބާރުގަދަ އަދި މާ ހަލުވިކޮށް ފެތުރޭ ކޮވިޑް-19 ވައިރަސް އުފެދުނީ އެވެ.

އެއަށް ފަހުގައި، ކޮވިޑް-19ގެ ވައިރަހަކީ، ގުދުރަތީ ގޮތުން ވާލުގެ ހަށިގަނޑުގައި އުފެދި އިންސާނުންގެ ހަށިގަނޑަށް އަރާފައިވާ އެއްޗެއްގެ ގޮތުގައި ދެއްކުމަށް، ޗައިނާގެ ސައެންސްވެރިން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ޑެއިލީ މެއިލްގައި ބުނެފައިވެ އެވެ. އަދި އާދައިގެ ކޮރޯނާވައިރަސް، ކޮވިޑް-19ގެ ވައިރަހަށް ބަދަލުކުރި ގޮތް އޮޅުވައިލުމަށް ވެސް، ކޮވިޑް-19ގެ ވައިރަހަށް ޖެނެޓިކް ބަދަލުތަކެއް ގެންނަން މަސައްކަތް ކޮށްފައިވެ އެވެ.

އޭގެ އިތުރުން، ކޮވިޑް-19 އުފެއްދުމަށް ކުރި ދިރާސާ ކުރިއަށް ދިޔަ ގޮތުގެ، މައުލޫމާތުތައް (ޑާޓާ) އޮޅުވައިލުމަށް ނުވަތަ ނައްތައިލުމަށް ނުވަތަ ގެއްލުވައިލުމަށް ވެސް ޗައިނާގެ ލެބޯޓެރީގައި މަސައްކަތް ކޮށްފައިވެ އެވެ. އަދި އެދިރާސާގެ ކަންތައް ހިނގައި ދިޔަ ގޮތް، ހާމަކުރަން ބޭނުންވި ސައެންސްވެރިންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ނުވަތަ އެމީހުންނަށް ހާމަނުކުރެވުނީ ކަމަށް ވެސް ޑެއިލީ މެއިލްގައިވެ އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ވެސް ޗައިނާގެ ވޫހާން ސިޓީން، ޑިސެމްބަރު 2019ގަ އެވެ. އޭގެ ފަހުން ދެތިން މަސް ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރި، މިހާރު ވަނީ މުޅި ދުނިޔެއަށް ފެތުރިފަ އެވެ. އެމެރިކާ އިން ކޮވިޑް ބަލި ފެންނަން ފެށުމާއެކު، އެއީ ޗައިނާގެ ވޫހާން ލެބޯޓެރީން ލީކުވި ވައިރަހެއް ކަމަށް، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ތުހުމަތު ކުރެއްވި އެވެ.

އެކަށީގެންވާ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާ މި ބަލި، މިހާތަނަށް 170 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހި، އޭގެ ތެރެއިން 3.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މި ބަލި މިހާރު އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ، އެމެރިކާ، އިންޑިޔާ އަދި ބްރެޒީލްގަ އެވެ.

ކޮވިޑާ ދެކޮޅަށް މިހާތަނަށް އުފެއްދިފައިވާ ފަސް ވެކްސިނަކީ ވެސް، ކުއްލި ހާލަތުގައި އެކަނި ބޭނުންކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައިވާ ވެކްސިންތަކެވެ. އެއީ އެމެރިކާގެ ބަޔޯއެންޓެކް ކުންފުނިން އުފެއްދި ފައިޒާ ވެކްސިނާއި، އިނގިރޭސި ވިލާތުގެ އެސްޓްރާޒެނެކާ އާއި ކޮވިޝީލްޑް، އަދި ޖޯންސަން އެންޑް ޖޯންސަން ކުންފުނިގެ ޖެންސަން ވެކްސިނާއި، އެމެރިކާގެ މޮޑާނާ ކުންފުނީގެ މޮޑާނާ ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. މީގެ އިތުރުން ރަޝިޔާގައި އުފައްދާފައިވާ ސްޕުޓްނިކް-ވީ އަށް އަދި، ޑަބްލިޔުއެޗްއޯ އިން އަދި ހުއްދައެއް ނުދެ އެވެ.