މަސްދަރު ހޯދަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ކޮމިޓީން ދިން: މީޑިޔާ ކައުންސިލް
މަސްދަރު ހޯދަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ކޮމިޓީން ދިން: މީޑިޔާ ކައުންސިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓާ ގުޅިގެން، އެ ރިޕޯޓުގައި ހިިމަނާފައިވާ މައުލޫމާތުގެ މަސްދަރު ހޯދަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދީފައިވާ ކަމަށް މީޑިއާ ކައުންސިލް އިން މިއަދު ބުނެފި އެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން މިހާރު ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމާ ބެހޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ މި ލިޔުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުންނާއި، އެމްޑީޕީން އެ ފަރާތްތަކުގެ ރައުޔު ހާމަކުރުމަށް ނޫސްބަޔާން ނެރެފައިވާކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލާގައި ކައުންސިލުން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަށް ފޯނުން ގުޅައި މަޝްވަރާކޮށްފައިވާ ކަމަށާއި ކޮމިޓީން މި މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް މަސައްކަތް ނުކުރައްވާނެކަމުގެ ޔަގީންކަން އެ ކޮމިޓީގެ މުގައްރިރު ކައުންސިލަށް ދެއްވާފައިވާ ކަމަށް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ މި ލިޔުމުގެ މަސްދަރު އެއްވެސް ތަހުގީގެއްގެ ތެރެއިން ހޯދުމަށް އެއްވެސް ބަޔަކު މަސައްކަތްކުރުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެ އިތުރުން މިއީ ނޫސްވެރިކަމުގައި ރާއްޖެ އިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހޯދަމުން އަންނަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މިންގަނޑުގައި ފަހަތަށް އެޅިގެންދާނެ ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް ގޮވާލާ ގޮތަށް ފާޅުކުރަމުންދާ ހިޔާލުތައް ކައުންސިލުން ކުށްވެރިކޮށް އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރާ ކަމުގައި ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި އެހެން ފަރާތަކުން ވެސް މި މޭރުމުން މަސައްކަތްކޮށްދެއްވައި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަން ކަމަށް އުނިކަމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ނޫހެއްގައި ނޫސްވެރިޔަކު ލިޔުނު އެއްޗެއްގެ މަސްދަރު ހޯދަން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑުން ވެސް މިއަދު ވަނީ ބުނެފަ އެވެ.

މަޖިލީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ "މިހާރު"ގައި ރިޕޯޓްކުރި މައްސަލަ ބަލަން ނިންމީ އޭގައި ހުރި މައުލޫމާތުތަކަކީ ނަޝީދާއި އޭނާގެ އާއިލާގެ ހިމާޔަތާއި ރައްކާތެރިން ގެއްލިގެންދާނެ ފަދަ މައުލޫމާތުތަކެއް ކަމަށް އެ ކޮމިޓީ އަށް ފެންނާތީ ކަމަށެވެ.

ސިފައިންގެ މަސްއޫލިޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތަކަށް ހިއްސާކުރުމަކީ މަނާކަމެއް ކަމާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.