30 މެއި 2021 - 13:57

ނޫހެއްގައި ނޫސްވެރިޔަކު ލިޔުނު އެއްޗެއްގެ މަސްދަރު ހޯދަން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
"މިހާރު" ނޫހުގައި ހުކުރު ދުވަހު ޝާއިއުކުރި، "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތްކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ރިޕޯޓްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމެޓީންް ވަނީ ބަލަން ފަށައިފަ އެވެ. އެ ކޮމެޓީން ބަލަނީ، އެ ރިޕޯޓްގައި ހުރި މައުލޫމާތުތަކަކީ ނަޝީދާއި އޭނާގެ އާއިލާގެ ހިމާޔަތާއި ރައްކާތެރިން ގެއްލިގެންދާނެ ފަދަ މައުލޫމާތުތަކެއް ކަމަށް ބެލެވޭތީ ކަމަށް ކޮމެޓީން ރޭ ވަނީ ބުނެފަ އެވެ.
އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮމެޓީން ބަލާނެ ކަންކަމުގެ ތެރޭގައި "މީޑިއާއަކުން ހާމަކުރި މައުލޫމާތު ހިމެނޭތީ" އެކަން ހިނގާ ނުހިނގާ ގޮތް ޖަމިއްޔާ އިން އަންނަނީ ބަލަމުންނެވެ. އަދި "ކޮމެޓީން ބަލާ މައްސަލައިގެ ތެރޭގައި 'މިހާރު' އާއި އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާގެ މައްސަލަ ހިމެނޭތޯ ސާފުކުރަން" ޖަމިއްޔާ އިން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ބުނެފައި ވެ އެވެ،
"ކޮމެޓީން މައްސަލަ ބަލާ ބެލުމުގައި 'މިހާރު' ނޫހާއި އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާގެ ނޫސްވެރިޔާގެ މައްސަލަ ނުވަތަ އެ މައުލޫމާތު ދިންް މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ މި ޖަމިއްޔާ އިން ނުހަނު ކަންބޮޑުވެ އެވެ،" ބަޔާނުގައި ވެ އެވެ.
ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިން ތަމްސީލު ކުރާ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މަސްދަރެއް މި ގޮތަށް ބެލުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑަައެޅިފައި އޮންނަ އުސޫލުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ކަމަކަށް އެ ޖަމިއްޔާ ގަބޫލެއް ނުކުރެ އެވެ.
ބަޔާނުގައި ވަނީ، އެގޮތަށް ހޯދާ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ ހައްގަށް އުނިކަން އަންނަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ގޮވާލައިފަ އެވެ.