20 ނޮވެމްބަރ 2016 - 16:00

ލަންޑަން (ނޮވެމްބަރު 20) - ލަންޑަންގެ ހީތުރޯ އެއާޕޯޓް ބޮޑުކުރުމާ ދެކޮޅަށް ބޭއްވި އެއްވުމުގައި ހައިވޭ އަށް ހުރަސް އެޅި 15 މީހަކު ބަންދުކޮށް އެ މީހުންނަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް މެޓް ފުލުހުން ބުނެފި އެވެ.

ހީތުރޯ ބޮޑު ކުރުމާ ދެކޮޅު ހެދި މީހުންގެ ތެރޭން ބައެއް މީހުން ހައިވޭ އަށް ހުރަސް އެޅުމުން ވަނީ ޓްރެފިކަށް ބުރޫ އަރައިފަ އެވެ. ބަންދުކުރި މީހުންގެ ތެރޭގައި 21 އަހަރާއި 67 އަހަރާ ދެމެދުގެ މީހުން ހިމެނެ އެވެ. އެ މީހުންނަށް ވަނީ އަންނަ މަހު 22 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް އެންގުމަށް ފަހު ދޫކޮށްލައިފަ އެވެ.

ހީތުރޯ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއަށް ސަރުކާރުން ތާއީދުކުރާ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ މަރުހަލާތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ލަންޑަނުގެ ހަތަރު ކައުންސިލަކާއި ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ގްރީންޕީސް ޖަމާއަތުން ވަނީ ދީފަ އެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސި ޓްރާންސްޕޯޓް މިނިސްޓަރަށް، ލަންޑަނުގެ ކައުންސިލްތަކާއި ގްރީންޕީސް އިން ފޮނުވި 33 ސޮފްހާގެ ސިޓީގައި ވަނީ ހީތުރޯ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އުޅެނީ އެކަށީގެންވާ ގޮތުގައި މަޝްވަރާ ނުކޮށް ކަމަށެވެ. އެހެންވެ އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
ހީތުރޯ ބޮޑުކުރުމުގެ ވާހަކަ ބިނާވަނީ އެ އެއާޕޯޓްގައި އަޅާ ތިން ވަނަ ރަންވޭއާ ގުޅުވައިގެންނެވެ. މިހާރު ހީތުރޯގައި ބޭނުންކުރަނީ ދެ ރަންވޭ އެވެ. އެކަމަކު ސަރުކާރުގެ ދިރާސާތަކަށް ފަހު ތިން ވަނަ ރަަންވޭއެއް ބޭނުންވާ ކަމަށް ނިންމައި، އަދި އެ ރަންވޭ ހަދަން ކެބިނެޓުން ކަނޑައެޅުމުން އެ ސަރަހައްދުގެ އާންމުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އެ މަޝްރޫއު ހުއްޓުވަން ކުރާ މަސައްކަތްތަކާ ދެކޮޅު ނުހަދާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފައިވެ އެވެ. އަދި ސަރުކާރު ތެރޭގައި ހިމެނޭ އެ މަޝްރޫއުއާ ދެކޮޅު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަޑުއިއްވުން ނުހުއްޓުވަން ވެސް ކެބިނެޓުން ނިންމާފައިވެ އެވެ.
ހީތުރޯ ބޮޑު ކުރުމާ ދެކޮޅު ހެދުމަށް އިއްޔެ ބޭއްވި އެއްވުމުގައި ވަނީ، އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް، އެއާޕޯޓް ބޮޑުކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެ މަނިކުފާނު އެ މުޒާހަރާގައި ބައިވެރިވެވަޑައިގަތީ، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެކި ޖަމިއްޔާތަކުގެ މެމްބަރުންނާ އެކުގަ އެވެ.