"މިހާރު"ގެ ރިޕޯޓްގެ މައްސަލަ ބެލުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން: އެޑިޓާސް ގިލްޑް
"މިހާރު"ގެ ރިޕޯޓްގެ މައްސަލަ ބެލުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން: އެޑިޓާސް ގިލްޑް

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން "މިހާރު" ނޫހުގައި މިދިޔަ ހުކުރު ދުވަހު ޝާއިއުކުރި ރިޕޯޓަކީ ފޮރުވިގެން ތިބެ ޕްރޮޕެގެންޑާ ފެތުރުން ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބުނުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި
އެޅިގެންދާ ކަމެއް ކަމެއް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެޑިޓާސް ގިލްޑް އިން މިއަދު ފާޅުކޮށްފި އެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން "މިހާރު" ގައި ޝާއިއުކުރި ރިޕޯޓްކުރި މައްސަލަ ބަލަން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވެސް އިއްޔެ އޮތީ ނިންމައިފަ އެވެ.

އެ ކޮމިޓީން އެގޮތަށް ނިންމީ، އޭގައި ހުރި މައުލޫމާތުތަކަކީ ނަޝީދާއި އޭނާގެ އާއިލާގެ ހިމާޔަތާއި ރައްކާތެރިން ގެއްލިގެންދާނެ ފަދަ މައުލޫމާތުތަކެއް ކަމަށް އެ ކޮމިޓީ އަށް ފެންނާތީ ކަމަށް ބުނެފައިވެ އެވެ.

އެޑިޓާސް ގިލްޑަކީ، ރާއްޖޭގެ މީޑިއާތަކުގެ އެންމެ އިސް ބޭފުޅުން، ނުވަތަ އެޑިޓަރުން ހިމެނޭ ޖަމިއްޔާއެކެވެ. އެ މައްސަލައާ ގުޅިގެން އެޑިޓާސް ގިލްޑް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމްޑީޕީގެ ނޫސްބަޔާނުގައި، މިހާރު ނޫހުގެ ރިޕޯޓަކީ ނަޝީދަށް ކޮށްފައި އޮތް ފުރައްސާރައެއް ކަމަށް ބުނެފައި އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި ބުނީ "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓަކީ ދައުލަތުން މަތީ ފެންވަރުގެ ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ކަމެއް އޮތް ގޮތް، އިންވެސްޓިގޭޓިވް ގޮތަކަށް ގެނެސްދީފައިވާ ރިޕޯޓެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެއީ މައްސަލައިގެ އެންމެ ބޮޅެއް ކަމަށާއި މުޅި މައްސަލަ ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރު ހާމަ ނުކުރުމުގެ އިހްތިޔާރު ގާނޫނުއަސާސީން
ނޫސްވެރިންނަށް އޮންނައިރު އެ ރިޕޯޓް ލިޔުނު ނޫސްވެރިއާ އަދި އެ ނޫހުގެ މަސްދަރާ ސުވާލު ނުކޮށް
އެ މައްސަލަ ބެލޭނެ ގޮތަކީ ކޮބައިތޯ އެޑިޓަރުން ސުވާލު އުފައްދަ އެވެ. އަދި މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެ މައްސަލަ ބަލާނެ ގޮތް ސާފު ނުވާ ކަމަށް ވެސް ބުނެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ނަޝީދު އުޅުއްވި ގެކޮޅުގެ މައުލޫމާތަކީ ވަކި ބަޔަކަށް ނޫނީ ލިބިގެންވާނެ މައުލޫމާތެއް ނޫން ކަމަށް ބުނެފައިވިޔަސް ނަޝީދު ދިރިއުޅުއްވި ގެކޮޅަކީ ގިނަ ބަޔަކަށް ވަދެ ނުކުމެ ހެދޭ ގެކޮޅެއް ކަމާއި އެ ގެކޮޅު ފެންނަން ހުންނަ ކަން ވަކި ބަޔަކު ނުބުންޏަސް ނޫސްވެރިންނަށް އެނގެ އެވެ.

"މިހާރު ނޫހުގެ މައްޗަށް މި މައްސަލާގައި ކޮށްފައި އޮތް ތުހުމަތަކީ ވެސް ޖާއިޒު ތުހުމަތެއް ނޫން ކަމުގައި
ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.