އިޒްރޭލަށް އޮތް، ފަލަސްތީނަށް ނެތް ހައްގަކީ ކޮބާ؟
އިޒްރޭލަށް އޮތް، ފަލަސްތީނަށް ނެތް ހައްގަކީ ކޮބާ؟

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން، އިޒްރޭލުގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ގާޒާ އަށް ދިން އުދުވާނީ ހަމަލާތަކާއި ހިފާފައިވާ އިރުމަތީ ގުދުސްގަ އާއި މަސްޖިދުލް އަގްސާގެ ހަރިންމަ ތެރޭގައި، ހިންގި އުދުވާނީ އަމަލުތައް، އެތައް ދުވަހަކަށް ތަކުރާރުވަމުން ދިޔައީ، ދުނިޔޭގެ އެންމެންގެ ލޯތަކުގެ ކުރިމަތީގަ އެވެ.

އިޒްރޭލަށް އޮތް، ފަލަސްތީނަށް ނެތް ހައްގަކީ ކޮބާ؟
އިޒްރޭލަށް އޮތް، ފަލަސްތީނަށް ނެތް ހައްގަކީ ކޮބާ؟

އިންސާނިއްޔަތާ ދެކޮޅަށް ހިންގި އެ ނުބައި ޖަރީމާ ހުއްޓުވުމުގައި މުޅި ދުނިޔެ ނާކާމިޔާބުވި އެވެ. 11 ދުވަސް ފަހުން، އިޒްރޭލުގެ ހަމަލާތައް ހުއްޓައިލި އެވެ. ބައިނަލްއަގްވާމީ މީޑިއާތައް މެދުވެރިކޮށް، މުޅި ދުނިޔެއަށް އަޑު ފެތުރިގެން ދިޔައީ، އެމެރިކާ އާއި މިސްރުން ކުރި މަސައްކަތުން، އިޒްރޭލު އެކަމަށް އެއްބަސްވީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ.

އިޒްރޭލަށް އޮތް، ފަލަސްތީނަށް ނެތް ހައްގަކީ ކޮބާ؟
އިޒްރޭލަށް އޮތް، ފަލަސްތީނަށް ނެތް ހައްގަކީ ކޮބާ؟

ތިން ހަތަރު މަސް ދުވަސް ވަންދެން އުދުވާނުތައް ކުރިއަށް ގެންދިއުމުގެ އަސްކަރީ ގާބިލުކަން އިޒްރޭލުގައި އެބަހުއްޓެވެ. އަދި އެމެރިކާ އޮތީ، އެ ގާބިލުކަން އިތުރުވެސް ކޮށްދޭށެވެ. ނަމަވެސް، އެހެން ކިތަންމެ ސަބަބުތަކަކާ ހުރެ، މިވަގުތަށް އުދުވާނުތައް ހުއްޓައިލަން އިޒްރޭލަށް މަޖުބޫރުވީ އެވެ.

ފުރަތަމަ ކަމަކީ، އިޒްރޭލަށް ލަފާ ވެސް ކޮށްނުލެވުނު ވަރަށް، ފަލަސްތީނުގެ ހަނގުރާމަވެރިންގެ ރައްދު ހަމަލާތައް ވަރުގަދަ ވުމެވެ. އަނެއް ކަމަކީ، ބައިނަލްއަގްވާމީ މުޖްތަމައުގައި އިޒްރޭލު ފަލީހަތްވެ ބަދުނާމުވެ އެންމެންގެ މަލާމާތް ރައްދުވުމެވެ. ތިން ވަނަ ކަމަކީ، އިޒްރޭލުގެ އެތެރޭގައި ދާހިލީ ހަމަނުޖެހުމެއްގެ ބިރު އުފެދުމެވެ. އަދި ހަތަރުވަނަ ކަމަކީ، ސިޔާސީ ގޮތުން ބޮޑުވަޒީރު ނަތަންޔާހޫ އަށް ލިބުނު ގެއްލުމެވެ.

ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ހަނގުރާމަ ހުއްޓައިލި އިރު، މީގެ ކުރިން ގާޒާ އަށް ނުލިބޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ދުއިސައްތަ އަށް ވުރެ ގިނަ މީހުން މަރުވެ 2،000 އެއްހާ މީހުން ޒަޚަމްވުމުގެ އިތުރުން، އުމްރާނީ ގޮތުން ގާޒާ އަށް ލިބުނު ގެއްލުން، އެތައް ބިލިއަން ޑޮލަރަކަށް އަރައެވެ.

މި ހުރިހާ އަނިޔާއަކާއި ގެއްލުމެއް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދިނީ، އިޒްރޭލުގެ ޔަހޫދީންނަށް ލިބިފައިވާ ވަރަށް މަތީ ހައްގެއް ބޭނުންކޮށްގެންނެވެ. އެއީ ފަލަސްތީނުގެ މުސްލިމުންނަށް ލިބިފައި ނެތް ހައްގެކެވެ.

އިޒްރޭލުގެ އުދުވާނީ ހަމަލާތައް ކުރިއަށް ދިޔަ 11 ދުވަހުގެ ތެރޭގައި، އެކަން ހުއްޓުވުމަށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ތެރެއިން ހަތަރު ފަހަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް، އެ މަސައްކަތް ނާކާމިޔާބު ކޮށްލަނީ، ދުނިޔޭގެ އަސްކަރީ ތިލަފަތުގައި ރަސްކަން ކުރާ އެމެރިކާ އިން، ވީޓޯގެ ބޭނުންކޮށްގެންނެވެ.

އިޒްރޭލުގެ އުދުވާނުތައް ހުއްޓައިލުމަށް، ދުނިޔޭގެ އެކި ގައުމުތަކުން ތަކުރާރުކޮށް ގޮވައިލި އެވެ. ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކިތަންމެ ފަހަރަކު ގޮވައިލި އެވެ. ނަމަވެސް އިޒްރޭލު، ކަހާތަން ހިރުވައި ވެސް ނުލިޔެވެ. ސަބަބަކީ، އެއިން ކޮންމެ ގޮވައިލުމަކާ އެކު، އެމެރިކާއިން އިޒްރޭލު ދިފާއުކޮށްދޭތީ އެވެ.

އެއިން ކޮންމެ ފަހަރަކު އެމެރިކާގެ ރައީސް ނުވަތަ އެމެރިކާގެ ހާރިޖީ ވަޒީރު ނުވަތަ ކޮންމެވެސް އެހެން މަސްއޫލުވެރިޔަކު، އިޒްރޭލުގެ ދިފާއުގައި ވާހަކަ ދައްކަ އެވެ. އިޒްރޭލުގެ އުދުވާން ކުރިއަށް ދިޔަ 11 ދުވަހުގެ މުއްދަތުގައި، އެމެރިކާއިން ތަކުރާރުކޮށް ބުނަމުން އައީ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށް އޮންނާނެ ކަމަށެވެ. އަދި އިޒްރޭލުން ހަމަލާ ދެނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ.

ނަމަވެސް، އެއިން އެންމެ ފަހަރަކު ވެސް، ފަލަސްތީނުގެ ރައްޔިތުންނަށް، އެމީހުންގެ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ލިބިގެންވާ ކަމަކަށް އެމެރިކާއިން ނުބުނެ އެވެ. އެމެރިކާގެ ވެރިންނަށް ނޭނގުނު ކަމަކީ، ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކުގައި، އަމިއްލަ ނަފްސުގެ ދިފާއު ކަނޑައަޅައިދީފައިވަނީ ކޮން ބަޔަކަށް ކަމެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތައް ބުނާ ގޮތުން، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގަކީ، އިސްތިއުމާރީ ބާރުތަކަށް އޮންނަ ހައްގެއް ނޫނެވެ. އިރުމަތީ ގުދުސާއި ގައްޒާ ވެސް ހިމެނޭ ގޮތުން، ފަލަސްތީނުގެ ނިސްބަތުން ބަލާއިރު، އިޒްރޭލަކީ އިސްތިއުމާރީ ބާރެކެވެ. ސަބަބަކީ، ފަލަސްތީނުގެ ބިންތަކަކީ، 1967ގައި، އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަ ދުވަހުގެ ހަނގުރާމައިގައި، އިޒްރޭލުން ހިފައި އަޅުވެތިކޮށްފައިވާ ބިންތަކަކަށް ވާތީ އެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތައް ބުނާ ގޮތުން، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ލިބިގެންވަނީ، އަޅުވެތިކުރެވިފައިވާ ދައުލަތްތަކަށާއި މީހުންނަށެވެ. މިހާރު އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ، 1948 ވަނަ އަހަރު އދ. އިން އިޒްރޭލުގެ ދައުލަތް ގާއިމުކޮށްދިން އިރު، އިޒްރޭލުގެ އިމުގެ ތެރޭގައި ހިމެނޭ ބިންތަކެއް ނޫނެވެ.

އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ، އިޒްރޭލުން މި ހުރިހާ އުދުވާނެއް ހިންގިއިރު، ހަގީގަތުގައި ވެސް ފަލަސްތީނުގެ ބިންތައް އޮތީ، އަމިއްލަ ނަފްސު ދިފާއު ނުކުރެވޭ ވަރަށް ބަލިކަށި ކޮށްލައިފަ އެވެ. އިޒްރޭލުން ގާޒާ އަށް ހަމަލާތައް ދޭން ފެށީ، ފަލަސްތީނުގެ ހަނގުރާމަވެރިން ދީފާނެ ހަމަލާއަކުން، އިޒްރޭލުގެ ރަށްތައް ހިމާޔަތް ކުރުމަށް، އިޒްރޭލުގެ މަތިން އެކަތައިގެ ގުއްބު ފަތުރާލައިފަ އެވެ.

އޭރު ގާޒާ އޮތީ އެއްގަމު މަގުންނާއި ކަނޑުމަގުން އަދި ވައިގެ މަގުން ވެސް ހިސޯރުކޮށްފަ އެވެ. ފަލަސްތީނުގައި ސިފައިންނެއް ނެތެވެ. އަސްކަރީ ހަތިޔާރެއް ނެތެވެ. ހުރިނަމަ ހުރި ހަތިޔާރަކީ، ފަލަސްތީނު ރައްޔިތުންގެ މެދުގައި މުޒާހަރާއެއް ހަމަނުޖެހުމެއް އުފެދިއްޖެ ނަމަ، އެމީހުންނާ ދެކޮޅަށް ބޭނުންކުރަން ހުރި މަދު އަދަދެއްގެ ބަޑިޔާއި ކަރުނަގޭސް ފަދަ ތަކެއްޗެވެ.

ފަލަސްތީނުގައި ސަރުކާރެއް އޮތަސް، އަދި ފުލުހުން ތިއްބަސް، އިޒްރޭލު ސިފައިންނާ ދެކޮޅަށް އެންމެ ވަޒަނެއް ފޮނުވައިލުމުގެ ބާރުވެސް ފަލަސްތީނު ފުލުހުންނަކަށް ނެތެވެ. އެއީ، ގާޒާ އާއި އަރީހާގައި ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ގާއިމުކޮށްދިނުމުގެ ހުވަފެން ދައްކައިގެން، އިޒްރޭލާއި ޕީއެލްއޯއާ ދެމެދު އެމެރިކާ އާއި މިސްރާއި ޖޯޑަން އިން، 1993 ވަނަ އަހަރު އެމެރިކާގެ ވޮޝިންޓަންގައި ސޮއިކުރުވި، އޮސްލޯ މުއާހަދާގެ އެއްބަސްވުން އޮތް ގޮތުންނެވެ.

އިޒްރޭލުގެ އުދުވާންތައް ކުށްވެރިކޮށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ، އިޒްރޭލުގެ އުދުވާންތައް ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެކަން ވެސް އެމެރިކާ އަށް ވީ ބޮޑު ކުށަކަށެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ޖަރުމަނާއި އޮސްޓްރިއާ އެކަމާ ދެކޮޅެވެ.

އެ ކޮމިޓީ އެކުލަވައިލުމުން ވެސް، އެމެރިކާ އިން ބުނީ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށެވެ. ފަލަސްތީނުގައި އިންސާނުން އުޅޭކަން އެމެރިކާ އަށް ނޭނގެނީ ކަމަށް ވެދާނެ އެވެ.

ނުވަތަ އެމެރިކާ ވެސް ގަބޫލުކުރަނީ، އެހެން ދީންތަކުގެ މީހުންނާއި އެހެން ނަސްލުތަކުގެ މީހުންނާ މެދު ޔަހޫދީން ދެކޭ ގޮތަށް ކަމަށް ވެދާނެ އެވެ.