30 މެއި 2021 - 11:47

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭނެ މަރުކަޒުތައް ހިންގަން އަމިއްލަ ފަރާތްތަކަށް ހުޅުވާލި އިއުލާނު އިއްޔެ ބާތިލްކޮށްފި އެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކުރި އިއުލާނުގައި ބުނީ މިދިޔަ މަހުގެ 11 ގައި ހުޅުވާލި ފުރުސަތު ބާތިލްކުރީ މައުލޫމާތު ޝީޓަށް ބަދަލުތަކެއް ގެންނަންޖެހޭތީ ކަމަށެވެ. އޭރު ކުރި އިއުލާނުގައި ވަނީ ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
އެ ފަދަ މަރުކަޒު ހިންގަން ދެ ގޮތެއް ހުޅުވާލި އެވެ.
ފުރަތަމަ ގޮތަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން އިހުތިޔާރުކުރާ ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކޮށް ހިންގުމެވެ. ދެ ވަނަ ކަމަކަށް، އެންޑީއޭއިން މި ވަގުތު ހިންގާ މަރުކަޒަކާ ހަވާލުވާން ފުރުސަތު ދީފައި ވެ އެވެ.
ފަރުވާ ދޭ މަރުކަޒުތައް ގާއިމްކޮށް ހިދުމަތް ދިނުމުގެ ފުރުސަތު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން އަމިއްލަ ފަރާތްތަކަށް ދީފައި ވެ އެވެ.
ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތައް މި ވަގުތު ހިންގަމުން އަންނަނީ ހަމައެކަނި އެންޑީއޭއިންނެވެ. އެއާއެކު، ފަރުވާ ހޯދުމަށް ދިގު ކިއުއެއް އޮންނަކަމުގެ ޝަކުވާ އާއި އެ އެޖެންސީން ދޭ ފަރުވާ ރަނގަޅު ނޫން ކަމުގެ ކަންބޮޑުވުންތައް ހިއްސާކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެ މައްސަލަތަކާ ގުޅިގެން އެންޑީއޭގެ ހިންގުން މީގެ ތިން ހަފުތާ ކުރިން ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ކަމާގުޅޭ އިދާރާތަކާއެކު "ޖަޒީރާ ސައްލާ"ގެ ނަމުގައި މިދިޔަ މާޗު މަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އެންޑީއޭ ހިންގުމުގައި އޭރު އުޅުއްވި ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ ވިދާޅުވީ އަމިއްލަ ފަރާތްތަކުން ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒުތައް ހިންގުމަކީ މިހާރު ލަސްވެފައިވާ ކަމެއް ކަމަށެވެ.