އެމޭޒަންގެ ސީއީއޯކަމުން ޖެފް ބެޒޯސް ވަކިވަނީ
އެމޭޒަންގެ ސީއީއޯކަމުން ޖެފް ބެޒޯސް ވަކިވަނީ

އެމޭޒަންގެ ފައުންޑަރު އަދި ސީއީއޯ ޖެފް ބެޒޯސް އަންނަ ޖުލައި މަހުގެ 5 ގައި ސީއީއޯ ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އެ ކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައި އިއުލާނު ކޮށްފި އެވެ.

ޖެފް މަގާމުން ވަކިވުމަށް ފަހު، އެ މަގާމާ ހަވާލުވުން އެންމެ ގާތީ އެމޭޒަންގެ ވެބް ސާވިސް ހިންގުމާ ހަވާލުވެ ހުންނެވި އެންޑީ ޖެސީ ކަމަށް ޖެފް ވިދާޅުވި އެވެ.

ޖެފް ދެން ހުންނަވާނީ އެމޭޒަންގެ އެގްޒެކެޓިވް ޗެއާގެ މަގާމުގަ އެވެ.

"އެންޑީގެ ކިބައިގައި އެ ގާބިލްކަން ހުންނާނެ. އެންޑީ އަކީ ހައި ސްޓޭންޑާޑްގެ އެންމެ މަތީ ފަންތީގައިވާ ފަރާތެއް. އަޅުގަނޑުމެން ދެރަވާން ޖެހޭ ވަރުގެ ކަމެއް އޭނާއެއް ނުުކުރައްވާނީ،" ޖެފް ވިދާޅުވި އެވެ.

އެމޭޒަންގެ ސީއީއޯގެ މަގާމާ އަލަށް ހަވާލުވާނެ ކަމަށް ބެލެވޭ އެންޑީ އެ ކުންފުނީގައި މަސައްކަތް ކުރައްވާތާ 24 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ފެބްރުއަރީ މަހުގެ ތަފާސްހިސާބުގެ ރިޕޯޓް ނެރުނުއިރު، އެމޭޒަން ހިންގުމަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބަދަލުތަކެއް އަންނާނެ ކަމަށް މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ބުނެފަ އެެވެ.

އާ ސީއީއޯ އެންޑީ އަށް ފަހު، އެމޭޒަން ހިންގުމާ ދެން ހަވާލުވާނެ ކަމަށް ލަފާކުރެވެނީ އެޑަމް ސެލިޕްސްކީ އެވެ. އެޑަމް އޭނާއަކީ ޓެބްލީއުގެ ސީއީއޯ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ޓެބްލީއު އަކީ އެމޭޒަން ވެބް ސާވިސްގެ ޑާޓާ އެނަލިސިސްގެ ކަންތަކުގައި ބައިވެރިވަމުން އަންނަ ފަރާތެކެވެ.