ޔާމީންގެ ޝަރީއަތް ކެންސަލްކޮށްފި
ޔާމީންގެ ޝަރީއަތް ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން، ކޮވިޑު-19 ގެ ހާލަތާ ގުޅިގެން މިއަދު ކެންސަލްކޮށްފި އެވެ.

އެ މަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ދަށު ކޯޓަށް ހާޒިރުކޮށްގެން 9:30 ގައި ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރި ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން ކުރަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

އަޑުއެހުން ކެންސަލްކުރުމާ ގުޅޭގޮތުން ޔާމީންގެ ވަކީލުންގެ ޓީމުން ރޭ ނެރުނު ބަޔާނުގައި ބުނީ ދެ ދައުވާގެ އަޑުއެހުމަށް ހާޒިރުވުމަށް މިދިޔަ މަހުގެ 27 ގައި ތާވަލްކުރި ކަމަށެވެ.

އެއީ ދުރާލާ ތާވަލްކޮށްފައިވާ އަޑުއެހުމަކަށްވިޔަސް މި ފަދަ ދަނޑިވަޅެއްގައި އެ މަނިކުފާނުގެ ސިއްހަތަށް ނުރައްކާވާ ގޮތަށް ކޯޓަށް ހާޒިރުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ހައްގާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުންޏެވެ. އެހެންވެ، ކޮވިޑުގެ ބަލިމަޑުކަން ހަމައަކަށް އެޅި އާއްމު ހާލަތަކަށް ދަންދެން މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް އެދިފައި ވެ އެވެ.

ހައި ރިސްކް ބޭފުޅަކަށް ވުމުން މިދިޔަ މަހުގެ 29 ގައި ޔާމީން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.