30 މެއި 2021 - 10:15

ބުދަ ދުވަހާ ގުޅޭ
"އެބަ އަންނަން." ފުންމައިގެން ތެދުވަމުން ހައިޝަމް ބުންޏެވެ.
ހައިޝަމް ދިޔައީ ކީއްކުރަންކަމެއް އަހަންނަކަށް ނޭނގެއެވެ. ހިތަށްއެރިއެވެ. އޭނަ ދިޔައީ އޭނަގެ މަންމަ ބަލާ ހެއްޔެވެ؟ އޭނަ އެ އުޅެނީ އަހަރެން ވަރިކުރަން ހެއްޔެވެ؟ އެ ކަހަލަ ކަމެއް ވެއްޖެއްޔާ އަހަރެން ވަރަށް ލަދުގަންނާނެއެވެ. ބައްޕަ ވަރަށް ރުޅިއަންނާނެއެވެ. މަންމަ ވަރަށް ހާސްވާނެއެވެ. އެކަމަކު އަަހަރެން ކުރާނެކަމެއް ނެތެވެ. ބައްޕައަށް ޓަކައި ކައިވެނިކުރިޔަސް، ލޯބިނުވާ މީހެއް ދެކެ ލޯތްބެއް ނުވެވޭނެއެވެ.
ލޯތްބަކީ ސުވިޗެއް ނޫނެވެ. ކުއްލިއަކަށް ދޮރު ހުޅުވައިލައިފައި ހައިޝަމް ވަނެވެ. އޭނަ އައީ އެކަންޏެވެ.
"ހަމަޖެހިއްޖެ!" ހައިޝަމް މަޑުމަޑުން ބުންޏެވެ. "އެހެން ރޫމެއްގަ ނިދަން ހިދާއަށް އޯކޭތަ؟"
"މި ގޭގެ އެހެން ރޫމެއް އެބަ ހުރިތަ؟" އަހަރެން އެހީމެވެ.
"އެހެރީނު ރިފްޒާގެ ރޫމް. ހިދާ ގޮސް އެ ރޫމްގަ ނިދަންވީނު! އޭނަ ބުނީ އޯކޭއޭ!" ހައިޝަމް އެދުނެވެ. "ބައްޕައަކަށް ވެސް ނޭނގޭނެ. މަންމައަކަށް ވެސް ނޭނގޭނެ. ކޮންމެ ރެޔަކު ވެސް ނިދަންވީމަ ދާނީ އެ ރޫމަށް. އޭރުން އަހަރުމެން ދެ މީހުންނަށް ވެސް އަރާމުގަ ނިދޭނެ."
ހައިޝަމްގެ ވިސްނުން ރަނގަޅެވެ. އެކަމަކު އެއީ ވަގުތީ ހައްލެކެވެ. އުމުރު ދުވަހަކު އެހެނެއް ވެސް ނޫޅެވޭނެއެވެ.
"އަހަރެން ބޭނުމެއް ނޫން މި ގޮތަށް އުޅޭކަށް،" ވިސްނައިލައިފައި އަހަރެން ބުނީމެވެ. "މަ ބޭނުމެއް ނޫން މި މޫނުބުރުގާގަނޑު އަޅައިގެން އުޅޭކަށް ވެސް. ބޭނުން ނޫން ގޮތަށް އުޅެއުޅެ މިހާރު ޓަޔަޑްވެއްޖެ!"
އެ ރޭ ވެސް އަހަރުމެންގެ މިސްރާބު ހުރީ ޒުވާބަކާ ދިމާއަށެވެ. އެހެން ރޭރެޔާ ތަފާތު ކަމެއް އެ ރޭ ވާނެކަމަކަށް އަހަރުމެން ހިޔެއްނުކުރަމެވެ.
"އަހަރެން ވެސް ވަރުބަލިވެއްޖެ! އަހަރެން ބޭނުމެއް ނޫން މި އެއްޗެހި ލައިގެން އުޅޭކަށް. މި ކަހަލަ ތުނބުޅިއެއް ބަހައްޓާކަށް ވެސް ބޭނުމެއް ނޫން. ހިދާޔާ ކަހަލަ ކުއްޖަކާ އިންނާކަށް ވެސް ބޭނުމެއް ނޫން،"
ކުރިން ނުދައްކާ ވާހަކައެއް ހައިޝަމް ދައްކަން ފެށިއެވެ. "މަ ބޭނުމީ ކިޔަވަން. މަ ބޭނުމީ ވަރަށް އިންޑިޕެންޑެންޓުކޮށް އުޅޭ ކުއްޖެއް. އަހަންނާ އެކީގަ ބޭރަށް ޖައްސާލާ، ކޮފީބޯލަން ގޮސްލާ، ފިލްމެއް ބަލައިލާ.. އެ ކަހަަލަ ކުއްޖެއް ބޭނުމީ. ތި ގޮތަށް މޫނުބުރުގާ އަޅައިގެން އެނދު ކަނުގަ އިށީނދެލައިގެން އިންނަ ކަހަލަ ކުއްޖަކާ މެރީކުރަން ކީއްކުރަން، ރައްޓެހިކަން ބާއްވާކަށް ވެސް އަހަރެން ބޭނުމެއް ނޫން."
"މަ ވެސް ބޭނުމެއް ނޫން ތި ގޮތަށް ޖުއްބާލާފަ، ކަށިމައްޗާ ހަމައަށް ހަރުވާޅު ހުންނަ މީހަކާ އިންނާކަށް. އަހަންނަށް ރީތީ ގަމީސްލާފަ ޖީންސްލާފަ ހުރީމަ،" އަހަރެން ވަގުތުން ރައްދު ދިނީމެވެ. "ތުނބުޅި ވެސް ހުންނަން ޖެހޭނީ ނިކަން ރީތިކޮށް. ސްޓައިލްކޮށް."
އެކަކު ދައްކާ ވާހަކަޔަށް އަނެކަކު މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ކޮންމެ މީހަކު ވެސް ބެލީ އެ މީހެއްގެ ހިތުގައި އަނދަމުންދިޔަ އަލިފާންތައް ބޭރަށް ނެރެވޭތޯއެވެ.
"މަ ބޭނުންވެގެންތަ މިހެން މި ހުންނަނީ؟" އެނދު ތަންދޮށުން ފޮށްޓެއް ނެރިފައި ހުޅުވައިލަމުން ހައިޝަމް ބުންޏެވެ. "މިހިރީ އަހަރެންގެ ހުރިހާ ގަމީހަކާ، ޓީޝާޓަކާ، ޖިންސުތައް. އުކާލާށޭ ބުނީމަ ވެސް ފޮރުވާފަ މިހިރީ."
ދެ މީހުން ހުއްޓުންއެރީ އެ ހިސާބުންނެވެ. ރަނގަޅަށް ވިސްނައިލެވުނު އިރު އަހަރުމެން ދެ މީހުންނަށް މި ކިޔެނީ އެކައްޗެކެވެ. ދެ މީހުން ވެސް ބޭނުން މި ވަނީ އެއް ކަމެކެވެ. ހައިޝަމްއަށް ކިޔުނީ އަހަރެންގެ ހަގީގީ ސިފަތަކެވެ. އަހަންނަށް ކިޔުނީ ހައިޝަމްގެ ހަގީގީ ސިފަތަކެވެ. އަހަރުމެން ދެ މީހުންގެ މިޒާޖު އެއް ގޮތެވެ.
މީރުވާ އެއްޗެހި އެއްގޮތެވެ. ބޭނުންވަނީ އެއް ކަހަލަ ކަންތައްތަކެކެވެ. އެ ވަގުތު އަހަރުމެން ދެ މީހުންނަށް އެއްފަހަރާ ހޭން ފެށުނެވެ. އަހަރުމެންނަށް ލިބިފައިވަނީ، އަހަރުމެން ބޭނުންވި ކަހަލަ ބައިވެރިއެކެވެ. އާއިލާ ތެރެއިން ހަމަޖެހުނު ކައިވެންޏަކަސް، ދުވަހަކު ބައްދަލު ނުވެ ކައިވެނިކުރެވުނަސް، އަހަރުމެންގެ ނަސީބު އަހަރުމެންނަކަށް ކެއްސެއް ނުދެއެވެ.
އަހަރުމެންގެ ޒުވާބު މަޝްވަރާއަަކަށް ބަދަލުވިއެވެ. އެކަކުގެ ވާހަކަ އަނެކަކު އަޑުއަހަން ފެށިއެވެ. އަހަރުމެންގެ ސުވާލަކީ އެކައްޗެވެ. އުފާ ހޯދަން، މިހާ ހިސާބުން އަހަރުމެން ދެން ކުރަންވީ ކީއް ހެއްޔެވެ؟ ދެ މީހުން ވެސް ބޭނުންވަނީ ކިޔަވަން ބޭރަށް ދާށެވެ. ރައްޓެހިންނާ އެކުގައި ސިނަމާއަށް ދާށެވެ. ކޮފީއަށް ވެސް ދާށެވެ.
އާންމު އިންސާނުން އުޅޭހެން އުޅޭށެވެ. އެހެން އުޅެމުން ގޮސް ލޯބިވާ މީހަކާ ދިމާވީމައި ލޯބިވާނީއެވެ. ދެން ކައިވެނިކުރާނީއެވެ. ހަޔާތުގެ ތަރުތީބު ވެސް އަހަރުމެންނަށް އެނގިފައިވާ ގޮތަކީ އެއީއެވެ. ފުރަތަމަ އިނދެފައި، ދެން ދެކިފަރިތަވެފައި، ދެން ލޯބިވުމަކީ ދިމާ އިދިކޮޅެވެ.
"މީހަކާ މެރީކުރާތީ އެބަ ޖެހޭ ޒިންމާނަގަން. ބައްޕަ ބުނީ އެހެން. ޓަސްލާފަ ޖޮބަކަށް ވައްދައިފި،" ހައިޝަމް ކިޔައިދިނެވެ. "އަހަރެން ބޭނުން ނޫން ޖޮބަކަށް ހަމަ ގަދަކަމުން ވެއްދީ. އަހަރުމެން ކީއްވެގެންތަ ޕޭރަންޓުންގެ ލައިފް އުޅެން ޖެހެނީ؟ ކިހާ އަންފެއަރ! ހިނގަންޖެހޭ ގޮތާ، ނޭވާލާން ޖެހޭ ގޮތް ބައްޕަ ކިޔައިދޭން ފެށީމަ އެއީ ބޮޑު ވަރު. އެހާ ހަރުކަށިވާކަށް ނުޖެހޭ ދޯ!"
އަހަންނާއި ހައިޝަމް ދެ އެކުވެރިންނަށް ވީމެވެ. އަހަރުމެންނަށް ވިސްނުނު ގޮތުގައި، އަހަރުމެންނަށް އަހަރުމެންގެ އެހީ ބޭނުންވެއެވެ. މައްސަލައަށް ކިރިޔާ ވެސް ހައްލެއް ލިބޭނީ އޭރުންނެވެ. އާއިލާޔާ ދެކޮޅަށް ހަނގުރާމަކުރުމަށް ވުރެ ފަސޭހަ މަގެއް ވެސް އަހަރުމެންނަށް ފެނުނެވެ. އެއީ ހައިޝަމްގެ މައިންބަފައިންނާ ވާހަކަދައްކައިގެން ކިޔަވަން ރާއްޖެެއިން ބޭރަށް ދިޔުމެވެ. ހައިޝަމް ދާ އިރު އަހަންނަށް ވެސް ދެވޭނެއެވެ.
ކިޔަވަންދިޔުމުގެ މަގު އަހަރުމެންނަށް ފަހިވިއެވެ. އެކަމަކު، ޝަރުތެއް ނެތިއެއް ނޫނެވެ. ހައިޝަމްއާއި އަހަރެން ވެސް ބޭނުންވަނީ ހޮޓެލް އެންޑް ޓުއަރިޒަމް ހަދާށެވެ. އެކަމަކު އަހަރުމެން ހަދަން ޖެހެނީ އިސްލާމިކް ސްޓަޑީޒްއެވެ. އެ ނޫން ގޮތަކަށް ބޭރަށް ކިޔަވަންދިޔުމުގެ ފުރުސަތެއް ނެތެވެ.
"ދެން ކިހިނެއް ހަދާނީ؟" ވަރަށް ފިކުރު ބޮޑުވެފައި އަހަރެން އެހީމެވެ.
"މި ގޭގަ އުޅެން ވެއްޖެއްޔާ އަހަރެން މޮޔަވެދާނެ،" ހަމަ އެހާ ކަންބޮޑުވެފައި ހައިޝަމް ބުންޏެވެ. "ހިނގާ އިސްލާމިކް ސްޓަޑީޒް ހަދަން ދަމާ! ބައްޕައަކަށް ނޭނގޭނެއްނު އަހަރުމެން ހެދީ ކޯޗެއްކަމެއް."
މައިންބަފައިންނަށް މަކަރުހެދުމަކީ އަހަރުމެން އެންމެ ބޭނުންވި ގޮތެއް ނޫނެވެ. އެހެނަސް ދޮގުހަދަން މައިންބަފައިން މަޖުބޫރުކުރާ ނަމަ ދެން އަހަރުމެން ކުރާނީ ކީއް ހެއްޔެވެ؟ ހައިޝަމްއަށް ބައްޕަ އިތުބާރުކުރެއެވެ. އޭގެ ނާޖާއިޒު ފައިދާ އަހަރުމެން ނެގީމެވެ. ކިޔަވަން މެލޭޝިޔާއަށް ފުރީމެވެ. އަހަރެން މޫނުބުރުގާ ނެގީމެވެ. އެކަމަކު ބުރުގާއެއް ނުނަގަމެވެ. ހައިޝަމް ޖިންސާއި ޓީޝާޓަށް ބަދަލުކޮށްލިއެވެ. ބޭރަށް ދަންޏާ ލަނީ ގަމީހެވެ. އެ ހެދުމުގައި ހައިޝަމް ވަރަށް ރީއްޗެވެ. ބުނަން މަޖުބޫރެވެ. އެއީ ހަމަ އަހަރެން ބޭނުންވި ކަހަލަ ފިރިއެކެވެ. ކުރެވުނު ކައިވެންޏާ ދޭތެރޭ އަހަރެންގެ ޝަކުވާއެއް ނެތެވެ.
ދެ މީހުންގެ ބޭނުންތައް ފުރިހަމަވުމުން އެކަކުއަނެކަކާ ދޭތެރޭ ވިސްނައިލަން އަހަރުމެންނަށް ވަގުތުވިއެވެ.
ފުރަތަމަ ފަހަރަށް، ދެމަފިރިން އުޅޭހެން އުޅެވެން ފެށުނެވެ. އެކެއްގެ ބޭނުންތަކަށް އަނެކަކު އިހުތިރާމުކޮށްގެންނެވެ. އެހެން މީހެއްގެ މަޖުބޫރުކަމެއް ނެތިއެވެ. އެހެން ބަޔަކު ރުއްސަން ނުޖެހިއެވެ.
އަހަރުމެން ނަމާދުކުރަމެވެ. ޤުރުއާން ކިޔަވަމެވެ. ކޮފީ ބޮމެވެ. ނެޓްފްލިކްސް ބަލަމެވެ. ލަވަ ވެސް އަޑުއަހަމެވެ. އެކަމަކު، އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައެއް ނުދަމެވެ.
އަހަރުމެންގެ ކިޔެވުން ކޮންމެވެސް ދުވަހަކުން ނިމޭނެއެވެ. މާލެ ގޮއްސިއްޔާ، އަނެއްކާ ވެސް އަހަރުމެން ޖެހޭނީ އެހެން ބަޔަކު ރުއްސަން މަސައްކަތްކުރާށެވެ. އަހަންނަކީ ބައްޕަގެ ދަރިއެކެވެ. ބައްޕަގެ އަޅެއް ނޫނެވެ.
އެކަމަކު، ރިސޯޓުގައި ވަޒީފާއަދާކުރާކަށް ވެސް އަހަރުމެންނަކަށް ބައްޕަ ހުއްދައެއް ނުދޭނެއެވެ. ރިސޯޓަކީ، މީހުން އައުރަ ނިވާ ނުކޮށް އުޅޭ ތަނަކަށް ވާތީއެވެ. ޓުއަރިޒަމް ދާއިރާއިން ކިޔަވަން ބޭނުން ވާހަކަ ހައިޝަމް ބުނި ދުވަހު ބައްޕަ ދިން ޖަވާބަކީ އެއީއެވެ. އެއީ ކޮން ފަދަ ހަނި ސިކުނޑިއަކުން ބަފައިބެ ނިންމި ނިންމުމެއް ހެއްޔެވެ؟
އެހެން އެޕާޓުމަންޓެއް ކުއްޔަށް ހިފައިގެން އެ ތަނަށް ބަދަލުވުމަކީ ވެސް، އަހަރުމެންނަށް ކުރެވޭނެކަމެއް ނޫނެވެ. ލާރި ނެތިގެނެެއް ނޫނެވެ. އާމްދަނީ ހޯދަން މަސައްކަތްކުރީމައި ލާރި ލިބޭނެއެވެ. އެކަމަކު، މައިންބަފައިންގެ ޒިންމާނަގަން ހައިޝަމް ގޭގައި ހުންނަން ޖެހޭތީއެވެ. ހައިޝަމަކީ ފިރިހެންދަރިފުޅަށް ވީތީއެވެ.
މާލެއިން ބޭރު އެއްވެސް ތަނެއްގައި ހައިޝަމަށް ވަޒީފާއަދައެއް ނުކުރެވޭނެއެވެ. ހައިޝަމް ހުންނަން ޖެހޭނީ ބައްޕަގެ ލޯ ކުރިމަތީގައެވެ. އެއީ އަބަދު ވެސް ބަފައިބެ ބުނާ އެއްޗެކެވެ. އެކަމަކު އަހަންނަކީ އަންހެންކުއްޖެކެވެ. އަހަރެންނަން އެ ހުކުން ތަންފީޒުކުރީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ސާދާއެވެ.
އަހަރެންނަކީ އަންހެންކުއްޖަކަށް ވީތީއެވެ.
ވަޒީފާއަދާކުރުމުގެ ހައްގު ވެސް އަހަރެންގެ މައިންބަފައިން ވަނީ ނިގުޅައިގެންފައެވެ. މާލެ ގޮއްސިއްޔާ އަނެއްކާ ވެސް އަހަރެން ވަދެ އިންނަން ޖެހޭނީ ކޮށީގައެވެ. އަނެއްކާ ވެސް ލާން ޖެހޭނީ ކުރިން ލީ ހެދުމެވެ.
ވެއަތުކުރަން ޖެހޭނީ ކުރިން ވެއަތުކުރި ހަޔާތެވެ. އެ ދިރިއުޅުމަށް ބަދަލުވާކަށް އަހަރެން ބޭނުމެއް ނޫނެވެ.
ހައިޝަމްގެ ލޯބި އަހަންނަށް ލިބޭނެކަން ކަށަވަރެވެ. އެކަމަކު، އެ ވަރުން ފުއްދައިލާނީ ކިހިނެއް ހެއްޔެވެ؟
އަހަރުމެން ނިންމީ ރާއްޖެއަށް ނުދާށެވެ. އުޅެން ބޭނުމީ ރާއްޖޭގައެވެ. އަހަރުމެންގެ އާއިލާ ތެރޭގައެވެ.
އެހެނަސް، އެ ފުރުސަތު ލިބޭނެ ހެނެއް ދެނެއް ހިޔެއްނުވެއެވެ. މައިންބަފައިންގެ މުށުތެރޭގައި އަހަރުމެންގެ ދިރިއުޅުން ފުނޑިގެންދާކަށް އަހަރުމެން ބޭނުމެއް ނޫނެވެ. މެލޭޝިޔާއިން އަހަންނަށް ވަޒީފާ ލިބޭނެއެެވެ.
މައިންބަފައިންނަށް ދައްކާނެ ކޮންމެވެސް ބަހަނާއެއް ވެސް އަހަރުމެން ހޯދާނަމެވެ. އަހަރުމެންނަކީ ދީނީ ކަންކަމުގައި ހައްދުފަހަނައަޅައިދާން ބޭނުންވާ ބައެއް ނޫނެވެ. ދީނުން ބޭރުވާން ބޭނުންވާ ބަޔެއް ވެސް ނޫނީމުއެވެ. ހިތާމައަކީ، މައިންބަފައިން ބޭނުންވާ ގޮތަށް އުޅެން އަހަރުމެންނަށް މަޖުބޫރުކުރުމެވެ. އޭގެ ނަތީޖާ ޔަގީނުން ވެސް ހިތިވާނެއެވެ. އެއް ފުރާޅު ދަށަކު އަހަރުމެންނަކަށް ނޫޅެވޭނެއެވެ. މީހަކު ބުނެފާނެއެވެ. އެ ތަރުބިއްޔަތުގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ އަހަރެން ބުނަމެވެ. އެ ތަރުބިއްޔަތުން މައްސަލަ ނޫން އެއްޗެއް އަހަންނަކަށް ނުފެނެއެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.