އުނދަގުލަކަށް ފަހު އުނދަގުލެއް، ގައުމީ ކޯޗު ހަތަރު އުދަރެސް ފެނުޖެހިއްޖެ
އުނދަގުލަކަށް ފަހު އުނދަގުލެއް، ގައުމީ ކޯޗު ހަތަރު އުދަރެސް ފެނުޖެހިއްޖެ

އުނދަގުލަކަށް ފަހު އުނދަގުލެއް ކުރިމަތިވި އެވެ. ބަދު ނަސީބުގެ މައްޗަށް ބަދު ނަސީބެވެ. ހަތަރު އުދަރެސް ވަށައި ބައްދައިލައިފި އެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ 43 އަހަރުވީ ތާރީހުގައި، މިހާރުގެ ކޯޗު ހޮލެންޑްގެ މާޓިން ކޫޕްމަން އަށް ކުރިމަތިވި ވަރުގެ ގޮންޖެހުންތަކެއް ކުރިމަތިވި އެހެން ކޯޗަކު ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ދެކިފައެއް ނުވެ އެވެ.

އުނދަގުލަކަށް ފަހު އުނދަގުލެއް، ގައުމީ ކޯޗު ހަތަރު އުދަރެސް ފެނުޖެހިއްޖެ
އުނދަގުލަކަށް ފަހު އުނދަގުލެއް، ގައުމީ ކޯޗު ހަތަރު އުދަރެސް ފެނުޖެހިއްޖެ

ގައުމީ ޓީމު ކޯޗުކަމާ ހަވާލުވެ 15 މަސް ދުވަސް ނިމިގެން ދިޔައިރު އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމަށް މެޗެއް ކުޅެން އަދި ފުރުސަތެއް ނުލިބެ އެވެ.

އުނދަގުލަކަށް ފަހު އުނދަގުލެއް، ގައުމީ ކޯޗު ހަތަރު އުދަރެސް ފެނުޖެހިއްޖެ
އުނދަގުލަކަށް ފަހު އުނދަގުލެއް، ގައުމީ ކޯޗު ހަތަރު އުދަރެސް ފެނުޖެހިއްޖެ

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް ތައްޔާރުވާން މިދިޔަ އަހަރުވެސް ދެ ފަހަރެއްގެ މަތިން ޓީމު އެކުލަވައިލައި އޭނާ ތައްޔާރުވާން ފެށި އެވެ. ކޮވިޑް-19 ގެ ނުރައްކަލުގައި ޖެހި ގައުމީ ޓީމުގެ މެޗުތައް ފަސް ކުރުމުން، ހުސް އަތާ ޕްރެކްޓިސް ހުއްޓާލި އެވެ. ތިން ވަނަ ފަހަރަށް މެޗުތައް ފަސް ކުރީ، ކުރިއަށް އޮތް ޖޫން މަހު ޗައިނާގައި، ރާއްޖެ ހިމެނޭ ގުރޫޕް އޭ ގެ ބާކިީ މެޗުތައް ކުޅުމަށެވެ. ކޮލިފައިންގެ މި ބުރުގައި ރާއްޖޭގެ އަމިއްލަ ދަނޑުގައި ދިވެހި ޓީމަށް ކޯޗު ކޮށްދޭކަށް އޭނާ އަށް ފުރުސަތެއް ނުލިބޭނެވެ.

ރާއްޖޭގެ ކޯޗު ކޮށްދިނުމަކީ އޭނާއަށް ލިބުނު ފަހުރެއް ކަމަށް، ބުނި ކޫޕްމަން އަށް، ރާއްޖޭގެ ޓީމު ތައްޔާރު ކުރަން ޖެހުނީ، އޭނާގެ 32 އަހަރުވީ ކޯޗިން ކެރިއާގައި މީގެ ކުރިން އެއްވެސް ޓީމެއްގައި އޭނާ ތަޖުރިބާ ކޮށްފައި ނުވާވަރުގެ ދަތި އުނދަގޫ އަދި އޭނާ ސިފަ ކުރާ "ނުރައްކާތެރި" ހާލަތެއްގެ ތެރެއިންނެވެ.

ދަނޑުގައި ޕްރެކްޓިސް ކޮށްލަން ނުލިބޭތާ ފަސް ހަފުތާ ފާއިތުވި ފަހުން ގައުމީީ ޓީމު ގޮވައިގެން އޭނާ ޕްރެކްޓިހަށް ނުކުތީ ހޮޓެލް ޖެންގެ ބޯލް ރޫމަށެވެ. ކޮވިޑާ ގުޅިގެން ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމުން ގައުމީ ޓީމަށްވެސް ދަނޑުގައި ޕްރެކްޓިސްކޮށްލުމުގެ ހުއްދައެއް ނުލިބުނެވެ. ޗައިނާއަށް ދިއުމުގެ ކުރިން ދަނޑުގައި ޕްރެކްޓިސްކޮށް ކުޅުންތެރިން ފިޓް ކުރުމަށް ރާއްޖެއިން ފުރުސަތު ނުލިބުމުން، އެފްއޭއެމުން ކުރު ޓްރޭނިން ކޭމްޕެއް ހަމަޖެއްސީ ދުބާއިގަ އެވެ.

ކޮލިފައިންއަށް އެކުލަވާލި ސްކޮޑަކީ "ޑެޕްތު" އޮތް ސްކޮޑަކަށް ހެދުމަށް ކޫޕްމަން ވަނީ މަސައްކަތް ކޮށްފަ އެވެ. ހާއްސަކޮށް ޓީމުގެ އެޓޭކިންގައި ގިނަ އޮޕްޝަންތަކެއް ބޭއްވުމަށް ތަޖުރިބާކާރު ކުޅުންތެރިން ގިނަ ކުރުމަށް އޭނާ އިސްކަން ދިނެވެ. ކޮވިޑް ޖެހިގެން ބައެއް ކުޅުންތެރިންނަށް ސްކޮޑްގައި ބައިވެރި ނުވެވުނެވެ. ބައެއް އެހެން ކުޅުންތެރިން ގައުމީ ޓީމުގެ ފުރުސަތު ދޫކޮށްލީ މަގުބޫލު އެއްވެސް ސަބަބެއް ނެތި އެވެ.

ގިނަ ދުވަސްތަކެއް ވަންދަން ދަނޑުގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ލިބިފައި ނެތުމުން، ކުޅުންތެރިންގެ ފިޓްނަސް އަށް އަސަރު ކުރި އެވެ. އެހެންވެ ޓްރޭނިންތައް ކުރިއަށް ގެންދިޔައީ އެކަމަށް ހާއްސަ ޕްރޮގްރާމެއް އެކުލަވައިލައިގެންނެވެ. ކުޅުންތެރިންނަށް އަންނަ ކުރިއެރުމާ މެދު ހިތްހަމަޖެހުން އޭނާ ފާޅު ކުރި އެވެ. ސީނިއާ ކުޅުންތެރިންގެ މަސައްކަތާއި އެ ކުޅުންތެރިން އަދާ ކުރާ ލީޑާޝިޕްގެ މުހިންމުކަން އޭނާ ފާހަގަ ކުރަމުން ދިޔައީ އިތުބާރާއެކު އެވެ.

ސީނިއާ ކުޅުންތެރިންގެ ތެރެއިން އޭނާ އެންމެ ބޮޑަށް ތައުރީފް ބަނޑުންކޮށްލި އެއް ކުޅުންތެރިޔަކީ، ކޮވިޑަށް ޕޮޒިޓިވް ވުމުން، މިއަދު ޓީމާ ވަކިވި އަލީ އަޝްފާގް (ދަގަނޑޭ) އެވެ. "މިހާރު" އަށް ކުރިން ދިން އިންޓަވިއުގައި ކޫޕްމަން ވަނީ ދަގަނޑޭގެ މުހިންމުކަން ޓީމަށް ބޮޑުވާ މިންވަރު ހާމަކޮށްފަ އެވެ. އޭނާ ބުނީ ނަތީޖާ ބަދަލުކުރާ ކުޅުންތެރިއެއްގެ އިތުރުން ދަގަނޑޭއަކީ ޓީމަށް މުހިންމު ލީޑަރެއް ކަމަށެވެ. ހުރިހާ ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ހާލަތެއްގައި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ޓީމާއެކު ނުދެވުމަކީ ކޫޕްމަން ހަތަރު އުދަރެސް ބަންދުވުމެވެ.

"ޓީމު ތައްޔާރުވާން ޖެހުނީ އާދަޔާ ހިލާފަށް އުނދަގޫ ހާލަތެއްގެ ތެރެއިން، މިއީ މިކަން ވާން ޖެހޭނެ ގޮތެއް ނޫން. ނުރައްކާ އަދި އުނދަގޫ ދަތިވަގުތެއްގައި ކުރު މުއްދަތުގެ ޓްރޭނިން ޕްރޮގްރާމްގެ އެންމެ ފަހު ދުވަހު އަލީ އަޝްފާގް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ،" ކޫޕްމަން ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.

"ނުވަ ދުވަސް ވަންދެން ހޮޓެލެއްގެ ބޯލް ރޫމްގައި ޕްރެކްޓިސް ކުރުމަށް ފަހު ދަނޑުގައި ޕްރެކްޓިސް ކުރެވުނީ ފަސް ދުވަހު. ދަތުރު ކުރުމަށް ޖުމުލަ 18 ގަޑިއިރު. މެޗުގެ ކުރިން ޗައިނާގައި ޕްރެކްޓިސް ކުރަން ލިބޭނީ އެއް ދުވަސް ނުވަތަ ދެ ދުވަސް. މިގޮތަށް ތައްޔާރުވެގެން ސީރިއަސް މެޗުތަކެއް ކުޅުމަކީ އިމްޕޮސިބަލް ކަމެއް."

ކޫޕްމަންގެ ގޭމް ޕްލޭންގައި އޭނާ ރާވަނީ ދަގަނޑޭ އަކީ ޓީމުގެ "ކީ" ކުޅުންތެރިޔާ ކަމަށް ބަލައިގެންނެވެ. ގައުމީ ޓީމުން 2018 ގައި ދަގަނޑޭ އެކަހެރި ކުރުމަށް ފަހު ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން، 2019 ގައި އޭނާ ސްކޮޑަށް ނެގުމުން، ކެޕްޓަން އަކުރަމް އަބްދުލް ގަނީ އޭރު ބުނެފައި ވަނީ ދަގަނޑޭ އެނބުރި ޓީމަށް އައުމުން ކުޅުންތެރިންނަށް އިތުބާރު ބޮޑުވެއްޖެ ކަމަށެވެ. މިއީ އޭގެ ފަހުން އޭނާ ނެތި ގައުމީ ޓީމު ވަރުގަދަ މެޗުތަކަކާ ކުރިމަތިލާ ފުރުތަމަ ފަހަރެވެ.

ކޫޕްމަން ކުރިން މަސައްކަތް ކުރި ޓީމުތަކުގައި އޭނާ އެންމެ ގިނައިން ބޭނުން ކޮށްފައި ވަނީ "4-3-3" ގެ ފޯމޭޝަނެވެ. އެ ފޯމޭޝަން މިހާރު އޮތް ޓީމު ބައްޓަން ކުރުމުން އެންމެ ކުރީގައި ލީޑް ކުރާނެ ތިން ކުޅުންތެރިންނަށް ވާނެ ކަމަށް ބެލެވިފައި އޮތީ، ދަގަނޑޭގެ އިތުރުން އަލީ ފާސިރު (ސެންޓޭ) އާއި ތިން އަހަރަށް ފަހު އަލުން ގައުމީ ޓީމާ އެކު މެޗުތަކަކަށް ކުރިމަތިލާ މުހައްމަދު އުމޭރެވެ.

މިހާރު ދަގަނޑޭ ނެތެވެ. ސެންޓޭ އާއި އުމޭރު އާއެކު އެޓޭކް ލީޑް ކުރާނެ ކަމަށް ބެލެވެނީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

އަނެއް ގޮތަކީ ފޯމޭޝަން، "4-4-2" އަށް ބަދަލު ކުރުމެވެ. ސެންޓޭ އާއި އިއްބެ ފޯވަޑަކަށް ލުމަށް ފަހު އުމޭރުއަށް އެޓޭކިން މިޑްފީލްޑަރެއްގެ ރޯލު ދިނުމެވެ. އޭނާ އަކީ އެ މަގާމަށްވެސް މޮޅަށް ކުޅޭ ކުޅުންތެރިޔެކެވެ. ނުވަތަ އުމޭރު އާއި ސެންޓޭ ފޯވަޑަކަށް ލުމަށް ފަހު ހަމްޒާ މުހައްމަދު (ހަމްޕް) އެޓޭކިން މިޑްފީލްޑަރެއްގެ ރޯލް ދިނުމެވެ. ހަމްޕް އަކީ މިޑްފީލްޑްގެ ކޮންމެ މަގަމާކަށްވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިޔެކެވެ.

ރާއްޖޭގެ ކޯޗު ކަމުގައި ދަނޑުމަތީގައި އެއްވެސް ކަމެއް ހާސިލު ކުރަން މިހާތަނަށް ފުރުސަތު ނުލިބުނު ކޫޕްމަން އަށް ރާއްޖޭގައި ހާސިލު ކުރެވުނީ އެންމެ ކަމެކެވެ. ކުޅުންތެރިން ފިޓްނަސްއަށް މުހިންމު އިސްކަމެއް ދޭ ކޯޗު ވަނީ، މިދިޔަ އަހަރު މާލެ ލޮކްޑައުން ކުރުމުން އޭނާ ދިރިއުޅުނު ހޮޓެލްގެ ޓެރަސްގައި ކަސްރަތުކޮށް، 12 ކިލޯ ލުއިކޮށްލައިފަ އެވެ.

ގައުމީ ޓީމަށް އޭނާ ކޯޗު ކޮށްދޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ޗައިނާ އާ ދެކޮޅަށެވެ. ސީރިއާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. ރާއްޖެ ކުޅޭ ގުރޫޕްގެ ފަހު މެޗުގައި ފިލިޕީންސް އާ ދެކޮޅަށް ކުޅޭނީ ޖޫން 15 ވަނަ ދުވަހު އެވެ.

ފަސް ޓީމު ހިމެނޭ ގުރޫޕްގައި ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. ކުރީގެ ކޯޗް ޕީޓާ ޝެގަޓް އާއެކު ދެ މެޗުގައި ވެސް ގުއާމް ބަލިކޮށްގެން ރާއްޖެއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގުރޫޕްގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޗައިނާ އިން ހަތަރު މެޗު ކުޅުނު އިރު އެ ޓީމަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ފިލިޕީންސަށް ވެސް ހަތް ޕޮއިންޓެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ވިދިވިގެން ކުރިއަށް ގެންދާ ސިލްސިލާ ކޮލިފިކޭޝަން މަރުހަލާތަކުގައި ރާއްޖޭގެ ޓާގެޓަކީ، ޗައިނާގައި 2023 ގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. ކޮލިފައިން ފެށިތާ އެއް އަހަރު ފަހު ރާއްޖޭގެ ކޯޗް ކަމާ ހަވާލުވި ނަމަވެސް، އެފްއޭއެމުން ކޫޕްމަންއަށް ވެސް ދިން ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. ކުރިއަށް ހުރި މެޗުތަކުގެ ރަނގަޅު ނަތީޖާއެއް ނުހޯދިއްޖެނަމަ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލާނީ އުނދަގޫ ގުރޫޕެއްގަ އެވެ. ޓާގެޓަށް ވާސިލުވުމަށް ކޫޕްމަން ކުރަން ޖެހޭ މަސައްކަތް މިހާރު އެތައް ގުނައެއް ބުރަވެއްޖެ އެވެ.