30 މެއި 2021 - 09:15

ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާ އަށް މިއަދު ދަތުރުކުރާ ގައުމީ ސްކޮޑުން އޭނާ ވަކިވެއްޖެ އެވެ. ދަގަނޑޭގެ އިތުރުން ގައުމީ ޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވެސް ވަނީ ކޮވިޑަށް ޕޮޒިޓީވްވެފަ އެވެ.
މިއަދު ހެނދުނު އަޝްފާގް ކުރި ޓްވީޓެއްގައި ބުނީ، ޗައިނާ އަށް ދިއުމުގެ ކުރިން އޭނާ ހެދި ދެ ވަނަ ކޮވިޑް ޓެސްޓު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"ނަމަވެސް އަލަހަމްދުﷲ އަހަރެންގެ ހާލު ރަަނގަޅު،" ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރަމުން، ސޯޝަލް މީޑީއާގައި ދަގަނޑޭ ލިޔެފައި ވެ އެވެ.
"އަހަރެން ވަރަށް ދެރަވަން ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައި އަހަންނަށް ބައިވެރި ވެވޭ ގޮތް ނުވީތީ. އަހަރެންގެ ޓީމަށް ކާމިޔާބަށް އެދެން."
ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ސީނިއާ ޓީމު މެޗުތަކަށް ނުކުންނައިރު، ދަގަނޑޭ އަށް ޓީމުގައި ބައިވެރި ނުވެވުމަކީ، ކޯޗު މާޓިން ކޫޕްމަން އަށް ކުރިމަތިވާނެ ބޮލުގެ ރިހުމެކެވެ.
"މިހާރު" އަށް ކުރިން ދިން އިންޓަވިއުގައި ކޫޕްމަން ވަނީ ދަގަނޑޭގެ މުހިންމުކަން ޓީމަށް ބޮޑުވާ ވަރު ހާމަ ކޮށްފަ އެވެ. އޭނާ ބުނީ ނަތީޖާ ބަދަލު ކުރާ ކުޅުންތެރިއެއްގެ އިތުރުން ދަގަނޑޭއަކީ ޓީމަށް މުހިންމު ލީޑަރެއް ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވީ، އަދިވެސް ޓީމުގައި ހުރި އެންމެ ފިޓް ކުޅުންތެރިޔަކީ އަޝްފާގް ކަމަށެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގުރޫޕްގެ ބާކީ މެޗުތައް އޮންނާނީ ޗައިނާގަ އެވެ. މިއަދު އެމިރޭޓްސްގެ މަގުން ގައުމީ ޓީމު ޗައިނާއަށް ދަތުރު ކުރާނެ އެވެ. ކޮވިޑް-19 ކޮންޓްރޯލްކުރަން ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގައި، އެ ގައުމަށް އެެތެރެވުމުގެ ކުރިން ދެ ސެންޓަރަކުން ދެ ދުވަހަކު ކޮވިޑް ޓެސްޓް ހައްދަން ޖެހެ އެވެ. އަދި ކޮވިޑް ވެކެސިން ޖަހައިފައިވާކަން ވެސް ކަށަވަރުކޮށްދޭން ޖެހެ އެވެ.
މާލޭގެ ހޮޓެލް ޖެންގައި ގައުމީ ޓީމު ކޭމްޕް ކޮށްފައި ވަނިކޮށް، ދަގަނޑޭ ވަނީ އެފްއޭއެމްގެ ހުއްދަ ލިބިގެން ސްކޮޑާ ވަކިވެފަ އެވެ. އެއީ އޭނާގެ އަންހެނުން ފަޒްނާ އިސްމާއީލް ކޮވިޑަށް ޕޮޒިޓިވް ވުމުން އާއިލާގެ ބައެއް ކަންކަން ހަމަޖެއްސުމަށެވެ. އޭގެ އެއް ދުވަސް ފަހު ކޮވިޑަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން އަލުން ކޭމްޕާ ދަގަނޑޭ ގުޅުނެވެ.