30 މެއި 2021 - 11:07

ބާސެލޯނާ (30 މެއި) - ބާސެލޯނާގެ ކޯޗު ރޮނަލްޑް ކޫމަން އަށް އެންޒައިޓީ އެޓޭކެއް ޖެހުނު ކަމަށް ބުނާ ވާހަކަ އޭނާގެ މަންދޫބުން ދޮގުކޮށްފި އެވެ.
ކޫމަން، 58 އަށް އެންޒައިޓީ އެޓޭކެއް ޖެހުނު ކަމަށް ބުނެ ރިޕޯޓް ކުރީ ފޮކްސް ސްޕޯޓްސްއިންނެވެ. އެ ވާހަކަ އަށް އިތުރަށް ބާރު ލިބުނީ، ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ހުކުރު ދުވަހު ވިދާޅުވި ވާހަކައަކުންނެވެ.
"އިއްޔެ [ބުރާސްފަތި ދުވަހު] އޭނާއަށް ދިމާވި ކަމަކުން ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދަން ޖެހުނު. އަހަރެން އޭނާއަށް ގުޅިން. އެކަމަކު އޭނާގެ ހާލު ރަަނގަޅު." ހުކުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ލަޕޯޓާ ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކަ އަށް އިޝާރާތް ކޮށް ސްޕެއިންގެ މީޑިއާ ތަކުގައި އެ ވާހަކަ ޖެހި އެވެ. ނަމަވެސް ކޫމަންގެ އެޖެންޓް ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. ކޫމަން ރެޕްރެޒެންޓްކަން ކުރާ އެޖެންސީ "ވާސަމެން" އިން ވަނީ ލަޕޯޓާގެ ވާހަކަ ހުރި ގޮތުން ހިތަމަ ކުރާ ކަމަށް ބުނެފަ އެވެ.
އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ، ލަޕޯޓާގެ ވާހަކަތައް ހުރި ގޮތުން އިތުރަށް އެ ވާހަކަ ކުރިފަޅައިގެން ދިޔަކަމަށެވެ.
"ރޮނަލްޑް ހޮސްޕިޓަލަށް ދިޔައީ ލޭގެ ޕްރެޝަރު ޗެކް ކުރަން. އެއީ އޭނާގެ މެޑިކަލް ހިސްޓްރީ ދެނެގަތުމަށްޓަކައި އާންމުކޮށް އޭނާ ހައްދާ ޓެސްޓެއް. އޭނާ އާ ގުޅޭ އެ ވާހަކަ ފެތުރިގެން ދިޔަ ގޮތާމެދު އަހަރެމެން ހިތާމަ ކުރަން. އޭނާގެ ހާލު ރަނގަޅު،" އެ އެޖެންސީން ނެރުނު ބަޔާނުގައި ވެ އެވެ.
މިދިޔަ އަހަރު ކޫމަން ވަނީ ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޭނާގެ ގާތް މީހަކު އީއެސްޕީއެން އަށް ބުނީ، އެ އޮޕަރޭޝަނަށް ފަހު ކޫމަން ގަވާއިދުން ލޭގެ ޕްރެޝާ ޓެސްޓް ކުރާ ކަމަށެވެ.
ބާސާއާއެކު ނިމިދިޔަ ސީޒަން ކޫމަން ނިންމައިލީ ލީގުގެ ތިން ވަނައިގަ އެވެ. އަދި ސުޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިނެވެ. އޭނާގެ ކުރިމަގާ ބެހޭ ގޮތުން ކުރިން ސުވާލު އުފެދުނު ކަމުގައި ވިއަސް، އަންނަ ސީޒަންގައި ވެސް އޭނާ އާއެކު ކުރިއަށް ދާން ބާސާއިން ވަނީ ނިންމައިފަ އެވެ.