އެންމެ ހުތުރު އަންހެނާ ކަމަށް ބުންޏަސް މިއީ އެންމެ ހިތްވަރުގަދަ މީހާ
އެންމެ ހުތުރު އަންހެނާ ކަމަށް ބުންޏަސް މިއީ އެންމެ ހިތްވަރުގަދަ މީހާ

ނާދިރު ބައްޔެއްގެ ސަބަބުން ސިފަ އައިބުވެފައިވާ ލިޒީ ވެލަސްކުއެޒް އަކީ ހިތްވަރުގަދަ މީހެކެވެ. ކިތަންމެ ބައްޔަސް އޭނާ ވެފައި ވަނީ އެހެން މީހުންނަށް ނަމޫނާއަކަށެވެ. އެހެން މީހުންނަށް އޭނާގެ ސަބަބުން ހިތްވަރު ލިބޭ މީހަކަށެވެ.

އެންމެ ހުތުރު އަންހެނާ ކަމަށް ބުންޏަސް މިއީ އެންމެ ހިތްވަރުގަދަ މީހާ
އެންމެ ހުތުރު އަންހެނާ ކަމަށް ބުންޏަސް މިއީ އެންމެ ހިތްވަރުގަދަ މީހާ

"ދުނިޔޭގެ އެންމެ ހުތުރު އަންހެނާ" ކަމަށް ބުނެ އޮންލައިނަށް ލާފައިވާ ވީޑިއޯ އާއި އެ ވީޑިއޯ ބަލާފައި އޭނާ އަށް ހުތުރުބަހުން މަލާމާތްކޮށް އެތައް ހާސް ބަޔަކު ކޮށްފައިވާ ކޮމެންޓްތައް ލިޒީ އަށް ފެނުނުއިރު އޭނާގެ އުމުރުން އެންމެ 17 އަހަރެވެ. ލިޒީ އަށް މަލާމާތްކުރި މީހުންނަށް ވުރެ ލިޒީގެ ހިތްވަރު ގަދަ ކަމާއި ލިޒީ އަކީ ކިހާ ބޮޑު ވޭނެއް އުފުލާ މީހެއް ކަމެއް އޭރު ގިނަ މީހުންނަކަށް ނުވެސް އެނގެ އެވެ.

އެންމެ ހުތުރު އަންހެނާ ކަމަށް ބުންޏަސް މިއީ އެންމެ ހިތްވަރުގަދަ މީހާ
އެންމެ ހުތުރު އަންހެނާ ކަމަށް ބުންޏަސް މިއީ އެންމެ ހިތްވަރުގަދަ މީހާ

އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ ލިޒީ އަށް ކުރިމަތިވި ފުރައްސާރައާ ބެހޭ ގޮތުން، މިހާރު ވަނީ ޑޮކިއުމެންޓްރީއެއް އުފައްދައި ރިލީޒްކޮށްފަ އެވެ. ލިޒީގެ އުންމީދަކީ އޭނާއާ މެދު މީހުން ދެކޭ ގޮތް މި ޑޮކިއުމެންޓްރީގެ ސަބަބުން ބަދަލުވުމެވެ.

މި ޑޮކިއުމެންޓްރީ އުފެއްދުމުގެ މަގްސަދަކީ ލިޒީ ބުނި ގޮތުގައި އޭނާގެ ވާހަކަ މީހުންނަށް އަންގައިދިނުމެވެ. ނަމަވެސް އޭނާގެ އަމާޒަކީ މި ބެލުމަށްފަހު މިފަދަ ކަމެއް އެމީހުންނަށް ނުވަތަ އެމީހުންގެ އާއިލާގެ މެމްބަރަކަށް ދިމާވެއްޖެ ނަމަ ކުރާނެ އަސަރު ވިސްނައިދިނުމެވެ.

ލިޒީ އަށް މަލާމާތްކޮށްފައިވާ ވީޑިއޯ މީގެ 10 އަހަރު ކުރިން ދައުރުވުމުން ދިޔައިރު އޭނާ އަށް ހުރެވުނީ އަނދިރިގަނޑެއްގަ އެވެ.

ލިޒީ އަކީ ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ ނިއޯނެޓަލް ޕްރެޖެރޮއިޑް ސިންޑްރޯމް (އެންޕީއެސް) ކިޔާ ބައްޔެއް ޖެހިފައިވާ މީހެކެވެ. މިއީ ޖެނެޓިކް ޑިސްއޯޑާ އެކެވެ. ބަލީގެ ސަބަބުން އޭނާގެ ހަށިގަނޑު ފެންނަނީ އުމުރަށް ވުރެ މާ ދުވަސްވެފައިވާ މީހެއްގެ ގޮތުގަ އެވެ. އުމުރުން އެންމެ 24 އަހަރުގައި ލިޒީ ވަނީ އާދަޔާޚިލާފަށް މުސްކުޅިވެފަ އެވެ. ގައިގައި ވަނީ ރޫޖެހިފަ އެވެ. އަދި ފެޓްސް ވެސް ދަނީ މަދުވަމުންނެވެ.

ބައްޔާހެދި އޭނާގެ މޫނާއި މަސްތަކުގައި ހުންނަ ހަރުކަމެއް ނުހުރެ އެވެ. ސިކުނޑި، ހިތް، ލޯ އަދި ކަށިތަކަށް ވެސް އަސަރުކޮށް އެއްގޮތަކަށް ވެސް ބަރުދަން އިތުރުކޮށެއް ނުދެ އެވެ. އިސްކޮޅުން ފަސް ފޫޓު ދެ އިންޗީގެ ލިޒީގެ ގައިގައި ހުރީ އެންމެ 30 ކިލޯގްރާމެވެ. ކޮންމެ 20 މިނެޓަކުން އެއްފަހަރު ކެޔަސް ބަރުދަން އިތުރުވާ ގޮތެއް ނުވެ އެވެ.

ލިޒީ އުފަންވުމާ އެކު، އޭނާ ދުނިޔޭގައި ހުރުމުގެ ފުރުސަތެއް ނެތްކަމަށް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް އޭނާ މިހާރު ވަނީ ޔުނިވަސިޓީގައި ތައުލީމު ހާސިލުކޮށް ނިންމައި ކޮމިއުނިކޭޝަންސް ޑިގްރީއެއް ހޯދާފަ އެވެ. އަދި މޯޓިވޭޝަނަލް ސްޕީކާއެއްގެ ގޮތުގައި ދަނީ މަގުބޫލުކަން ހޯދަމުންނެވެ.

ލިޒީ ވަރަށް ގިނައިން ކާން ޖެހެ އެވެ. އަދި އެތައް ހާސް ކެލޮރީއެއް ކޮންމެ ދުވަހަކު ހަށިގަނޑަށް އެތެރެ ކުރެ އެވެ. ނަމަވެސް ދުވަހަކުވެސް އޭނާގެ ބަރުދަން 27 ކިލޯއަށް ވުރެ އިތުރެއް ނުވެ އެވެ. އަދި އޭނާގެ ހަށިގަނޑުގައި ބޮޑީ ފެޓް ނެތޭ ބުނާ ވަރަށް މަދެވެ.

ސައިންސްވެރިން ގެންދަނީ ލިޒީގެ ކޭސް ވަރަށް ގާތުން ދިރާސާ ކުރަމުންނެވެ. އަދި ލިޒީ އަށް މި ބަލި ޖެހެން މެދުވެރިވީ ޖީންއާ ވަރަށް ގާތަށް އާދެވިއްޖެކަމަށް ސައިންސްވެރިން ބުނެ އެވެ. މިކަމުގެ ސަބަބުން ކޮންމެވެސް ދުވަހަކުން މި ބައްޔަށް ކުރެވޭނެ ފަރުވާއެއް އަދި މުޅިން ރަނގަޅު ކުރެވިދާނެ ގޮތް ތަކެއް ހޯދިދާނެކަމުގެ އުންމީދު ސައިންސްވެރިންނަށް ވަނީ ލިބިފަ އެވެ.

ލިޒީ އަކީ އެންޕީއެސް ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރި މީހާ ކަމަށް ވެސް ސައިންސްވެރިން ގަބޫލު ކުރެ އެވެ. އަދި ލިޒީ އަކީ މި ބަލި ޖެހިފައިވާ އެހެން މީހުންނަށް ފަރުވާ ކުރުމުގައި ޑޮކްޓަރުންނަށް އެހީތެރިކަމެއް ފޯރުކޮށްދެވިދާނެކަމުގެ އުންމީދެކެވެ.

ލިޒީ ބުނަނީ ވަރަށް ކުޑައިރުއްސުރެ ގިނަ ބަޔަކު އޭނާއަށް ބުލީކުރި ނަމަވެސް އެންމެ ހުތުރު މީހާގެ ލަގަބު ބަޔަކު އޭނާއަށް ދިނުމަކީ ބޮޑުވަރު ކަމަށެވެ.

އެކަމުގެ ސަބަބުން ލިޒީއަށް އިންތިހާއަށް ހިތްދަތިކަމާއި ހިތާމަލިބިފައިވެ އެވެ. އޭނާއަށް ކުރާ އަސަރު އިހްސާސްކުރެވޭނީ އެފަދަ ކަމެއް އެހެން މީހަކަށް ވެސް ދިމާވީ ކަމަށް ލިޒީ ބުންޏެވެ. ޚާއްސަކޮށް ވީޑިއޯއަށް ކޮމެންޓްކޮށްފައިވާ މީހުންގެ ބަސްތަކުން ލިޒީއަށް ލިބުނު ހިތްދަތިކަން ބޮޑެވެ.

"އަހަރެން ވަރަށް ހިތްހަމަނުޖެހުނު. ވަރަށް ރުޅި އައި. އެހާމެ ބިރުގަތް. އަހަރެން އަލުން ދިރިއުޅުމައިގެން ކުރިޔަށް ދާނީ ކިހިނެއްކަމެއް ވެސް އަހަންނަކަށް ނުވިސްނުނު،" ލިޒީ ބުނެފައިވެ އެވެ.

ހަމަޔަކަށް އެޅިލާ ދިރިއުޅުން ހަމަ މަގަށް އަޅުވާލަށް އަހަރުތަކެއް ނެގިނަމަވެސް މިހާރު އަނެއްކާވެސް އޭނާ އެހެރީ ދުނިޔެއާ ކުރިމަތިލާން ތައްޔާރަށެވެ. އޭނާގެ މި ތަޖުރިބާ ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ އަޒުމުގަ އެވެ.

ލިޒީގެ ޑޮކިއުމެންޓްރީ "އަ ބްރޭވް ހާޓް: ދަ ލިޒީ ވެލަސްކިއުޒް ސްޓޯރީ" ރިލީޒްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރުމަހު އެވެ.

މި ޑޮކިއުމެންޓްރީއިން ލިޒީ މެސެޖެއް ދޭން ބޭނުންވީ އޭނާ ފަދައިން ބުލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށެވެ. ކޮންމެ އަނދިރިކަމަކަށް ވެސް ނިމުން އަންނާނެ ކަމަށާއި މިފަދަ ކަންކަމާ މާޔޫސްނުވެ ކެރިގެން ކުރިމަތިލުމުގެ މެސެޖު ލިޒީ ދޭން ބޭނުމެވެ.