29 މެއި 2021 - 22:32

ރާއްޖޭގައި ކޮވިޑް ކޭސްތައް އިއްޔެ ދަށްވުމަށް ފަހު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އަނެއްކާ ވެސް 1،000 އިން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭ އިން މިރޭ ބުނީ، އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ކޮވިޑަށް ޓެސްޓުކުރި ސާމްޕަލްތަކުން 1،062 މީހަކު ޕޮޒިޓީވްވެފައިވާ ކަމަށެވެ.
އިއްޔެ އާއި މިއަދު ޓެސްޓުކުރި ސާމްޕަލްތަކުގައި ވެސް އުޅެނީ އެންމެ ސާމްޕަލެއްގެ ތަފާތެވެ. މިއަދު 4،832 ސާމްޕަލެއް ޓެސްޓް ކުރި އެވެ.
މާލެ ސަރަހައްދުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 699 މީހަކު ކޮވިޑަށް ޕޮޒިޓީވްވިއިރު، ރަށްރަށުގައި އެ ބަލި ޖެހުނު މީހުންގެ އަދަދަކީ 353 އެވެ. އަދި ބަންދުކޮށްފައިވާ ރިސޯޓްތަކުން ނުވަ މީހަކާއި ތަރައްގީކުރަމުން އަންނަ ރަށަކުން އެކަކު ޕޮޒިޓީވްވެފައިވެ އެވެ.
ކޮވިޑަށް އަލަށް ޕޮޒިޓީވްވި މީހުންނާ އެކު އެކްޓީވް ކޭސްތަކުގެ އަދަދު 24،507 އަށް ވަނީ އަރައިފަ އެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު ހުރީ 240 ގަ އެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދު މިހާރު ވަނީ 38،233 އަށް އަރައިފަ އެވެ.
ރާއްޖެ އިން މިހާތަނަށް މި ބަލީގައި 157 މީހަކު މަރުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތު އިތުރުކޮށް، ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ބޭރަށް ނުނިކުމެވޭ ގޮތަށް ފިޔަވަޅު އަޅާފައި ވާއިރު، އަރައިފޭބުން މަނާކޮށްފައިވާ ރަށްތަކުގެ ތެރެއިން ހާލަތު ގޯސް ރަށްރަށުގައި ވެސް ކާފިއު ހިންގަ އެވެ.